ނ.ވެލިދޫ ކައުންސިލްގެ މި ދައުރުގެ ރައީސް އަދި، ކުރިއަށް އޮތް ދައުރަށް އެމްޑީޕީގެ ޓިކެޓުގައި ވެލިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ނަންބަރު -2 އާތިފް ހުސެއިން، ނ.ވެލިދޫ، އާހަމަ، ދެވަނަ ދައުރަކަށް ނުކުންނަވާ ހުންނެވީ، ވެލިދޫގެ ތަރައްގީއަށް "އިންގިލާބީ" ނުވަތަ ތަރައްގީގެ ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް ފަހު ކަމަށް ވެލިދޫގެ ރައްޔިތުންގެ ތެރެއިން ފިޔެސް އާ ވާހަކަދެއްކި ހުރިހާ ރައްޔިތުން ވެސް އިއްތިފާގުވެއެވެ.
އެގޮތުން ނ.އަތޮޅުގައި އެންމެ އާބާދީބޮޑު ރަށް ކަމުގައިވާ ވެލިދޫގެ ތަރައްގީއާއި ރައްޔިތުންގެ ކުރިއެރުމަށް އާތިފް އޭނާގެ ވަގުތާއި ހަކަތަ ހޭދަނުކުރައްވާ އެއްވެސް ދާއިރާއެއް ނެތްކަން ފާހަގަކޮށްލެވެ އެވެ. އެއީ ރަށުގެ އުމްރާނީ ތަރައްގީއަށް ބެލިކަމުގައި ވިޔަސް އަދި ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާ އަށް ބެލި ނަމަވެސް، ނުވަތަ ސިއްހީ ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެނިހެން ރޮނގުރޮނގުން ވެސް ވެލިދޫގެ ފަސްގަނޑުން ފެންނަން ހުރީ އާތިފްގެ މިންނެތް މަސައްކަތުގެ ހެކިތަކެވެ.
"އަޅުގަނޑުމެންގެ މި ލޮބުވެތި ރަށުގެ ތަރައްގީއަށްޓަކައި، "ރައްޔިތުން ނިންމާގޮތް އަކުރުން އަކުރަށް" ފުރިހަމަކުރާނެ ކަމުގެ ފޮނި އުންމީދާއި ވައުދާއެކު މިވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑު މަސައްކަތްކުރީ އިހުލާސްތެރިކަމާ އެކުގައެވެ. މި ހިނގާ އަޅުގަނޑުގެ ފުރަތަމަ ދައުރު ނިމުމަކަށް އަންނައިރު، ކުރިމަތިވި އެކި ގޮންޖެހުންތަކާއި ދަތިތަކާއެކުވެސް، މުޅި ރަށަށާއި ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމުގެ ފުރިހަމަ އިޙްސާސް އަޅުގަނޑަށް ކުރެވެއެވެ. ކުރީގެ މެނިފެސްޓޯގައި ހިމެނި ގިނަ ކަންތައްތަކެއް މިއަދު ވަނީ ހަގީގަތަކަށް ހެދިފައެވެ. ދެވަނަ ދައުރަކަށް އަޅުގަނޑު ކުރިމަތިލަނީ، ފެށިފައިވާ މަސައްކަތްތަށް ބާރަށް ކުރިއަށްގެންގޮސް ނިންމައި "މާވެލިދޫގެ ތަސައްވަރު" އާއެކު ރައްޔިތުން އެދޭ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމުގެ އަޒުމުގައެވެ." – އާތިފް ހުސެއިން
ޓޫރިޒަމްގެ އާ މޮޑެލްއެއް ގެންގުޅޭ ސަފާރީ ބޯޓުތައް ބަނދެ މަރާމާތުކުރާ ވެލިދޫ ފަދަ، ރަށަކަށް ބޭނުންވާނެ ބޯޓްބިލްޑިންގ ޒަމާނީ ތަރައްގީއާއެކު ފެށިގެން ދިޔައީ ވެސް އާތިފުގެ މޭސްތިރިކަމުގެ ދަށުގައި ކަމަށް ވާއިރު، މީގެ އިތުރުން ވެސް ވެލިދޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފާއިތުވި ފަސް އަހަރު ވަނީ އުއްމީދީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން 2021 ގައި ރަށް ބްރޭންޑްކުރުމުގެ މަސައްކަތް ފެށި، 2022 ގައި 'ވިޒިޓް ވެލިދޫ' ވެބްސައިޓް ވަނީ އިފްތިތާހުކޮށްފައެވެ.
މި މުއްދަތުގައި ޓުއަރިޒަމް ވިލެޖް ތަރައްގީކޮށް، އެތަން ބެލެހެއްޓުމަށް ހާއްސަ މުވައްޒަފުން އައްޔަނުކުރެވި، 2023 ގައި ވިލެޖުން ރެސްޓޯރެންޓާއި، ގެސްޓްހައުސް އަދި ވޯޓަރ ސްޕޯޓްސް ހިންގުމަށް ބިޑަށް ހުޅުވާލެވުނެވެ. އެހެންކަމުން މިހާރު ވިލެޖުގައި ރެސްޓޯރެންޓުގެ ހިދުމަތް ދެމުންދާއިރު، އިތުރު 4 ގެސްޓްހައުސްއާއި ވޯޓަރ ސްޕޯޓްސް ސެންޓަރެއް އެޅުމުގެ އެގްރިމެންޓް ވެސް ވަނީ ކުރެވިފައެވެ.
ވެލިދޫ އިޝްތިހާރުކުރުމަށް 'ރަށު އެކްސްޕޯ' ގައި ބައިވެރިވުމުގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށް މުރަކަ އިންދުމުގެ މަޝްރޫއެއް ފަށައި، ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ސްޕޯޓްސް ޓުއަރިޒަމްގެ ތެރެއިން 100 އަށްވުރެ ގިނަ ކުދިން ތަމްރީންކޮށް، ސީޕްލޭންގެ ހިދުމަތާއެކު މިހާތަނަށް 300 އަށްވުރެ ގިނަ ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. އެހެންކަމުން މިއީ ވެސް ވެލިދޫގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް އާތިފް ހުސެއިންގެ މޭސްތިރިކަމުގެ ދަށުން އެޅުނު ވަރުގަދަ ބިންގަލެއްކަން ފާހަގަކޮށްލެވެއެވެ.
އަދި ވެލިދޫ އަށް ދިމާވެފައިވާ ޒަމާންވީ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަންނީ މާހިރުންގެ ލަފަޔާއެކު ޒަމާނީ "ވޭސްޓް މެނޭޖްމެންޓް އެންޑް ރިސޯސް ސެންޓަރެއް" ބިނާކުރެވިފައި ވާއިރު، އެ މަޝްރޫއުގެ ދަށުން ކުނި ނެގުމުގެ ހިދުމަތް ރަނގަޅުކޮށް، ޒަމާނީ މެޝިނަރީތައް ގެނެސް، ކުނިން ނަފާ ހޯދުމުގެ މަސައްކަތް ވެސް ކުރެވެމުން ދެއެވެެ.
ނަމަވެސް އެ ސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން މަރުކަޒަށް ލިބުނު ގެއްލުންތައް މަރާމާތުކުރަން ސަރުކާރުން އާރުޑީސީ އާ ހަވާލުކުރި ނަމަވެސް، ދިން މުއްދަތަށް މަސައްކަތް ނުނިމި ދިގުލައިދާތީ މެޝިނަރީތަކުގެ ބޭނުން ކޮށްގެން ސެންޓަރު ހިންގުމަށްވަނީ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަން ފިޔެސް އާ މައުލޫމާތު ހިއްސާކުރައްވަމުން އާތިފް ފާހަގަކުރެއްވިއެވެ.
"ވަށާޖެހޭ އިގްތިސާދަކަށް ކުރާ ދަތުރުގައި، ދުނިޔޭގެ އިގްތިސާދީ އޮއިވަރަށް އަންނަ ބަދަލުތަކާއެކު، ރަށުގެ ވަސީލަތްތަކުން އާމްދަނީ އިތުރުކޮށް، އެ ފައިސާ އަނބުރާ ރަށުގެ ތަރައްގީއަށް ހަރަދުކުރެވޭނެފަދަ ވަށާޖެހޭ އިގްތިސާދެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތުން ފެންނަމުންދަނީ ވަރަށް އުންމީދީ ނަތީޖާއެކެވެ. އެގޮތުން ކައުންސިލްގެ މި ދައުރު ފެށުނުއިރު މަހެއްގެ މައްޗަށް 49,000 ރުފިޔާގެ އާމްދަނީއެއް ކައުންސިލްގެ މާލިއްޔަތަށް ލިބުނު ނަމަވެސް މިހާރު މަހެއްގަ މައްޗަށް 120,000 ރުފިޔާއަށްވުރެ މަތިން އާމްދަނީގެ ގޮތުގައި ދަނީ ލިބެމުން." – އާތިފް ހުސެއިން
އެހެންކަމުން މިއީ އާތިފްގެ ކެޕްޓަންކަމުގެ ދަށުގައި ވެލިދޫގެ އިގްތިސާދީ ސިޔާސަތުތަކަށް ގެނެވުނު ހަރުދަނާ ބަދަލުތަކުގެ ނަތީޖާ ކަމަށާ، އާތިފްއާ އޭނާގެ ޓީމުގެ މަގްސަދަކީ އަދިވެސް އެ އާމްދަނީ އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށް އާތިފް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ، ވަށާޖެހޭ އިގްތިސާދެއްގެ ތެރެއިން މާވެލިދޫގެ މުސްތަގުބަލު އުޖާލާކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަމެވެ. މިއީ ރައްޔިތުންނަށް އޭގެ މަންފާ ސީދާ ގޮތެއްގައި ކުރާނެ، އިގުތިސޯދީ ގޮތުން ފައިދާހުރި ނިންމުމެއް." – އާތިފް ހުސެއިން
އާތިފްގެ ރައީސްކަމުގައި ވެލިދޫ އަށް ގެނެސްފައިވާ ބައެއް ކުރިއެރުންތައް:
- 10 ޑިސެމްބަރ 2021 ގައި ވެލިދޫ ޕުރޮމޯޓްކޮށް ބުރޭންޑް ކުރުމަށް ސާރވޭ ކުރުމާއި ވެބްސައިޓް ހެދުމުގެ މަސައްކަތްފެއްޓުނު.
- 9 ޖުލައި 2022 ގައި ވިޒިޓް ވެލިދޫ ވެބްސައިޓް އިފްތިތާހު ކުރެވުނު.
- 2022 އިން 2023 އަށް ޓުއަރިޒަމް ވިލެޖް ތަރައްގީކުރުމުގެ މަސައްކަތް ކުރެވުނު.
- ސާފުކުރުމާއި ގަސްއިންދުމާއި ހެއްދުމަށް މުއައްޒިފުން ވަކިން ހާއްސަކުރެވި ބަރާބަރަށް ބެލެހެއްޓެމުންދޭ.
- 13 ޖޫން 2023 އިން ފެށިގެން ޓުއަރިޒަމް ވިލެޖް އިން ރެސްޓޯރެންޓް، ގެސްޓްހައުސް، ވޯޓަރ ސްޕޯޓްސް ޑައިވް ސެންޓަރ ހިންގުމަށް ބިޑުކުރުމަށް ހުޅުވާލި.
- ހުޅުމާލޭގައި ކުރިއަށްދިޔަ ރަށު އެކްސްޕޯރ ގައި 13 ފެބުރުއަރީ 2025 ގައި ބައިވެރިވި.
- ޓުއަރިޒަމް ވިލެޖްގައި މިހާރު ރެސްޓޯރެންޓްގެ ހިދުމަތް ދެމުންދާއިރު 4 ގެސްޓްހައުސްއާއި 1 ވޯޓަރ ސްޕޯޓްސް އިމާރާތްކުރުމަށް އެގްރިމެންޓްކުރެވުނު.
- ބައޮކަލޯ (ވެލިދޫގެ މަދަނީ ޖަމިއްޔާއެއް) އިން ފައްޓާފައިވާ މުރަކަ އިންދާ އާލާކުރުމުގެ މަސައްކަތުގެ ތެރެއިން، މެރިން ބައޮލަޖީ ކިޔަވާ 10 ދަރިވަރުން ޒިޔާރަތްކުރި، ރާއްޖޭގެ ޔުނިވަސިޓީއާއި ބޭރުގެ ޔުނިވާސިޓީ އަކާއި ގުޅިގެން ވެލިދޫގައި ތަމްރީން ޕޮރޮގްރާމް ކުރިއަށްގެންދިއުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި.
- ސްޕޯޓްސް ޓުއަރިޒަމްގެ ތެރެއިން ކޯޗުންގެނެވި 100 އަށްވުރެ ގިނަ ކުދިންނަށް ތަމްރީން ޕޮރޮގްރާމްތަށް ކުރިއަށްގެންދެވުނު.
- ވެލިދޫ އާ ވެރިރަށް މާލެއާ ދެމެދު ސީޕްލޭންގެ ޝެޑިއުލް ދަތުރުތަށް ފެއްޓި، މިހާތަނަށް 3 ޗާޓަރ ފުލައިޓް ދަތުރުކޮށް، 300 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފި.
- ކައުންސިލްގެ ވަސީލަތްތައް ހަރުދަނާކޮށް، ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގުދަންތައް އެއް އިމާރާތަކަށް ބަދަލުކުރުމުގެ މަޝްރޫއު ދަނީ ކާމިޔާބުކަމާއިއެކު ކުރިއަށް.
- 26 އޯގަސްޓް 2021 ގުދަންތަކުގައި ހުރި ބޭނުންނުކުރާ ތަކެތި ނީލަން ކިޔައި ހުސްކުރަން ފެށުން.
- 23 ޑިސެމްބަރ 2021 ކާޑުގެ ބިމުގެ އެއްބަސްވުމުގައި ސޮއިކުރުން.
- 2 މާރޗް 2022 ދެ ފަންގިފިލާގެ އައު ގުދަން އިމާރާތުގެ އަމަލީ މަސައްކަތް ފެށުން.
- 2023 ވަނަ އަހަރު އިމާރާތް ނިންމައި ބޭނުންކުރަން ފެށުން.
- މި ބަދަލުގެ ސަބަބުން ކައުންސިލްގެ ގިނަ މުދާތައް އެއްފުރާޅެއްގެ ދަށުން ބެލެހެއްޓި، ކުރިން ކާޑުގެ ހުރި ބިމުން މިހާރު ކައުންސިލަށް ދަނީ ސީދާ އާމްދަނީ ލިބެމުން.
- ރަށުގައި ކުރެވޭ އިންޑަސްޓްރިއަލް މަސައްކަތްތައް މީހުންއުޅޭ ސަރަހައްދާއި ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކުރާ ދުރުމިނުގައި ކުރުމަަށްޓަކައި، މުޅިން އަލަަށް އިންޑަސްޓްރިއަލް ބިމެއް ހިއްކި، އުޅަނދުފަހަރު ބަނުމަަށް ބޭނުންވާ ފަރާތްތަކާއި އަމިއްލައަަށް އުޅަނދު އެހެލައިގެން މަރާމާތުކުރުމަަށް ބޭނުންވާ ފަރާތްތަކަަށް ދަނީ އެބިމުގެ ހިދުމަތްލިބެމުން.
- އަދި އެސަރަހައްދުގައި ޒަމާނީ ބޯޓްޔާޑެއް ތަރައްގީކުރުމަށްޓަކައި މިހާރުވަނީ ކޮންޓްރެކްޓް ކުރެވިފައި.
- މީގެކުރިން ރަަށުގެ އެކި ސަރަހައްދުތަކުގައި މިފަދަ މަސައްކަތްތައް ކުރުމުގެސަބަބުން މީހުން ދިރިއުޅޭ ގެތަކަށް ދިމާވާ ދަތިތައް ވަނީ ނިމުމަކަށް ގެނެވިފައި.
- އިންޑަސްޓްރިއަލް ޒޯން އިން އެކަނި 70 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެ.
އެހެންކަމުން ވެލިދޫ ފަދަ ތަރައްގީއަށް ލޯބިކުރާ، ރަށުވަންތަ، ހޭލުންތެރި، ތަހުޒީބީ ރަށަކަށް ބޭނުންވަނީ އާތިފް ފަދަ މޭސްތިރިއެއް ކަމަށް ޝައްކު ކުރާނެ ޖާގައެއް ނެތެވެ. ވެލިދޫގައި ތަރައްގީގެކަންކަން ދެންވެސް މެދުކެނޑުމެއް ނެތި ކުރިއަށް ދާނީ، ކަންކަން ބާރަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ، ސާބިތުކަން ދައްކަވާފައިވާ އާތިފް ފަދަ ތަޖުރިބާކާރަކާ އެކުގައެވެ.
އެހެންކަމުން ވެލިދޫގެ ރައްޔިތުން، ރަށުގެ ކުރިމަގަށް ޓަކައި ނަމޫނާ ދައްކަވާފައިވާ އުންމީދީ ލީޑަޝިޕަކާ އަދިވެސް ރަށުގެ ކައުންސިލް އަދި ޑަބްލިޔުޑީސީ ހަވާލުކުރައްވާ ނަމަ، އާތިފް ހުސެއިން އަށާއި އޭނާގެ ޓީމުގައި ހިމެނޭ، އެންމެހާ ކެންޑިޑޭޓުންނަށް ހޮނިހިރު ދުވަހު ވޯޓުދެއްވުމަކީ މުހިންމުކަމެއްކަމަށް އާތިފް ފިޔެސް އާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ވެލިދޫ ކައުންސިލް ރައީސް ކަމަށް: އާތިފް ހުސެއިން، އާހަމަ، ނ.ވެލިދޫ / ކެންޑިޑޭޓް ނަންބަރު - 2