މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ، ރައީސް މައުމޫން ތަސްދީގުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ގާނޫނުއަސާސީ އިސްލާހުކުރުން
މުހައްމަދު ހަލީމް 1 އޭޕްރީލް 2026 (ބުދަ)   09:42
ގާނޫނުއަސާސީއަކީ ދައުލަތެއް ހިންގުމުގެ އެންމެ އިސް އަދި އެންމެ މައިގަނޑު އަސާސެވެ. މިއީ ގައުމުގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކުގެ ބިންގަލެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ 2008 ވަނަ އަހަރު ތަސްދީގުކުރެވުނު "ފެހި ގާނޫނުއަސާސީ" އަށެވެ. މީގައި ދައުލަތުގެ ބާރުތައް ބެހިގެންވާ ގޮތާއި، ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި، އަދި ދައުލަތުގެ މުއައްސަސާތައް ހިނގަންޖެހޭ އުސޫލުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

ކޮންމެ ގައުމަކަށްވެސް ގާނޫނުއަސާސީއެއް އޮތުމަކީ ނުހަނު މުހިންމު ކަމެކެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ބާރުތައް ވަކި އިންތަކެއްގެ ތެރޭގައި ހިފެހެއްޓުމާއި، އެއްވެސް ފަރާތަކަށް ނަހަމަ ގޮތުގައި ބާރުގެ ބޭނުން ނުކުރެވޭނެކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ރައްކާތެރިކޮށްދީ، ގައުމުގައި އަދުލުވެރިކަމާއި އިންސާފު ގާއިމުކުރުމަށްޓަކައި ގާނޫނުއަސާސީއަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

ޖުމްލަކޮށް ބަލާއިރު، ގާނޫނުއަސާސީއަކީ ގައުމެއްގެ ދިރުމެވެ. އެއީ ގައުމުގެ ހަމަޖެހުމާއި، ތަރައްގީއާއި، އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައެވެ. 

ގާނޫނުއަސާސީގެ ހަޔާތް

ދިވެހިރާއްޖޭގައި ހިނގަމުން އަންނަ އެތައް އަހަރަކާއި މިތައް ދުވަހެއްވީ ވެރިކަމުގެ ނިޒާމު އިސްލާހު ކުރުމުގެ ގޮތުން ގާނޫނުއަސާސީއެއް ދިވެހީން ލިބިގަތީ 1932 ވަނަ އަހަރަ އެވެ. މި ގާނޫނު އަސާސީ އެކުލަވާލުވާ ގުޅޭ ގޮތުން އޭރު ތަހުތުގައި ރެދަނލި ކުރައްވަމުން ދިޔަ ރަދުން އައްސުލްތޯން މުހައްމަދު ޝަމްސުއްދީން (ތިން ވަނަ) ނެރުއްވި ގަރާރުގައި ބަޔާންކުރައްވާފައި ވެއެވެ.

'މަގޭ ވޮނަދޮނަ ރާއްޖޭގެ ދައުލަތުގެ ކަންތައް ހިންގުމަށް ހިންގުމަށް ވަކި ގާނޫނުތަކެއް ލިއެވި ގަރާރުވެފައި ނުވާކަމަށްޓަކައި، ތިޔަ އެންމެކަލުން އެއްވެ މަޖިލިސްކޮށްގެން ވާހަކަދައްކައި އިސްލާމް ދީނާއި ހިލާފު ނުވާނޭ ގޮތައް، މި ރާއްޖޭގެ މުސްކުޅި އާދަކާދައިގެ ތެރެއިން، މި ޒަމާނަށް ކަމުދާނޭ ގޮތް ލައިގެން، މި ދައުލަތައް މި ހިނދަށް ލިބިހުރި ފައިސާގެ މައްޗަށް ވިސްނުން ބަހައްޓައިގެން، މަގޭ ރައްޔިތުންނަށް ލުއިކުރެވެންހުރި މިންވަރަކަށް ލުއިކުޅައުމަށް ބުރަވެތިބެ....'

މި ގާނޫނު އަސާސީ އެކުލަވާލުމުގެ މަގުސަދަށް ބަލާއިރު، އެންމެ ބޮޑުބޭނުމަކަށްވެފައި އޮތީ ރާއްޖޭގެ ހިނގަމުންއައި މުސްކުޅި އާދަކާދަތައް ނެގެހެއްޓުމާއިއެކު އިސްލާމް ދީނުގެ އަސްލަކާއި ހިލާފުނުވާނޭ ގޮތުގެ މަތިން ރައްޔިތުންގެ ކަންކަން ލުއިކޮށްދިނުމެވެ. މާނައަކީ ދައުލަތް ހިންގުމުގެ އަސާސީ ސިފަތައް ބައްޓަންކުރަންވާނީ ދިވެހީންގެ އާދަކާދަތައް ނުގެއްލޭ ގޮތަށެވެ. އަދި އެއާއެކު ތަރައްގީވަމުންއަންނަ އާކަންތައްތަކަށް ނަޒަރުކޮށްގެނެވެ.

ދެވަނަ ގާނޫނު އަސާސީއެއް ދިވެހީން ލިބިގަތީ 1934 ވަނަ އަހަރުއެވެ. އަދި 1937، 1942، 1951، 1953، 1954، 1964، 1967، 1968، 1970، 1972، 1975، 1998 އެވެ. 2008 އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ތަސްދީގު ކުރެވި އަމަލުކުރެވުންދާ މިހާރުގެ ގާނޫނުއަސާސީ އަކީ ދިވެހީން ލިބިގަތް 15 ވަނަ ގާނޫނުއަސާސީ އެވެ. މި ގާނޫނުއަސާސީ ތަކުގެ އަސާސީ ސިފަތަކުގެ ތެރޭގައި ލިބިދީފައިވާ ހައްގުތަކަކީ އޭގެ ޒާތުގައި ދާދި އެއްކަހަލަ އަސާސީ ހައްގުތަކެކެވެ. ނަމަވެސް އެ އަސާސީ ހައްގުތައް ތަންފީޒު ކުރެވެމުން ގޮސްފައިވަނީ އެކި ޒަމާންތަކުގައި، އެކި ސަރުކާރުތަކުގައި އެކިގޮތަށް، އެކި މިންވަރަށެވެ.

1953 ވަނަ އަހަރުގެ ގާނޫނުއަސާސީ އަލިވިލިގެން ދިޔައީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަމާއެކުގައެވެ. މި ގާނޫނު އަސާސީގެ 8 ވަނަ މާއްދާގެ (ށ) މި އަކުރުގެ ދަށުން ވަލިއްޔުލްއަމުރު (ރައީސުލްޖުމްހޫރިއްޔާ) ގެ ދައުރަކީ 5 އަހަރެވެ. ނަމަވެސް 1968 ވަނަ އަހަރު ލިބިގަތް ގާނޫނު އަސާސީގެ 47 ވަނަ މާއްދާއަށް ބަލާއިރު ރިޔާސީ ދައުރެއްގެ ދިގުމިނަކީ 4 އަހަރު ދުވަހެވެ. 23 އެޕްރީލް 1970 ގައި ގާނޫނުއަސާސީ އަށް ގެނުވުނު އިސްލާހުތަކާއެކު ދިވެހީން އޭގެ މައްޗަށް އަމަލުކުރަންފެށި ގާނޫނު އަސާސީގެ 45 ވަނަ މާއްދާގައިވެސް ރިޔާސީ ދައުރެއްގެ ދިގުމިންކަމުގައި ބަޔާންވެފައި އޮތީ 4 އަހަރު ދުވަހެވެ. 1972 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނު އަސާސީގެ މައިގަނޑު އެއްބޭނުމެއްކަމުގައި ވެފައިއޮތީ ރިޔާސީ ދައުރުގެ މުއްދަތު 5 އަހަރު ދުވަހަށް އިތުރުކުރުންކަން އެގާނޫނު އަސާސީގެ 45 ވަނަ މާއްދާއިން އެނގެއެވެ. 1975 ވަނަ އަހަރުގެ ގާނޫނު އަސީގެ 43 ވަނަ މާއްދާއާއި، 1998 ވަނަ އަހަރުގެ ގާނޫނު އަސާސީގެ 37 ވަނަ މާއްދާއާއި، 2008 ވަނަ އަހަރު ލިބިގަނެ އަމަލުކުރަމުންދާ ގާނޫނު އަސާސީގެ 107 ވަނަ މާއްދާގައި ރިޔާސީ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަސްކަން ބަޔާންކޮށްފައިވެއެވެ. އަދި 2008 ވަނަ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫނު ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްކަމުގެ މަގާމެއް އަދާނުކުރެވޭނެ ކަމަށް ބަޔާންވެފައިވެއެވެ. އެހެންކަމުން ވެރިކަމުގެ ދައުރު ހިފެހެއްޓިފައިވަނީ 5 އަހަރާއި 4 އަހަރާއި ދެމެދުކަމުގައި ބެލެވެއެވެ. 5 އަހަރަށްވުރެ ދިގުކުރުމަކީ އަދި 4 އަހަރަށްވުރެ ކުރުމަކީ އެއްވެސް ޒަމާނެއްގައި ދިވެހީން ގެންގުޅެފައިވާ ވިސްނުމެއް ނޫންކަން އެނގެއެވެ.

ގާނޫނު އަސާސީތައް ލިބިގަތްއިރު، އެގާނޫނު އަސާސީތަކުގައި ގާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލިސް ވަކިކުރެވިފައި އޮތެވެ. އަދި ފަހުން ގާނޫނުއަސާސީ ހެދުމަށް ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރެވޭ ގޮތަށް ގާނޫނު އަސާސީ ފަރުމާކުރެވިފައި ހުއްޓެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހުކުރާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ކަނޑައެޅީ 2008 ވަނަ އަހަރު ލިބިގަތް ގާނޫނު އަސާސީންނެވެ.

ދިވެހި ވެރިކަމުގެ ނިޒާމާއި، ވެރިކަމުގެ އާރާއި ބާރު އަދި ވެރިކަމުގެ އިއްޒަތާއި ލައްޒަތު ބަދަލުވަމުން އޭގެ ޝުހުރަތު ލިބިގަންނަމުން އަދި ގާނޫނު އަސާސީތައް ބަދަލުވަމުން އާކުރަމުން ދިޔައިރު ދިވެހީންގެ ތެރޭގައި އެޒަމާނަކާއި ގުޅޭ ގޮތުން ރިފަރެންޑަމްތަކާއި އިންތިހާބުތައް ދިޔައީ ބޭއްވެމުންނެވެ. އަދި 1960 ގެ އަހަރުތަކުގެ ތެރޭގައި އަތޮޅު ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގޮތުން ލޯކަލް އިންތިހާބެސްވެސް ބޭއްވެމުން ގޮސްފައިވެއެވެ. މި ފެންނަށް ހަގީގަތަށް ދިވެހީން، ދިވެހިރާއްޖޭގައި ވަޒަންވެރިވެ އުޅެން ފެށީއްސުރެ ދެ  އިންތިހާބެއް އެކުގައި ނުވަތަ އެއްދުވަހެއްގައި ބާއްވާފައެއްނުވެއެވެ. އަދި ރިޔާސީ އިންތިހާބާއި އާއްމު އިންތިބާހުވެސް އެއްދުވަހެއްގައި ބާއްވާފައެއް ނެތެވެ. އަދި އެއްވެސް އިންތިހާބަކާއެކު ލޯކަލް ކައުންސިލް އިންތިހާބެއް ނުވަތަ އަތޮޅު ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމުގެ އިންތިހާބެއް އެކުގައި ބާއްވާފައި ނެތެވެ. އެހެންކަމުން ދިވެހީންގެ 3000 އަހަރުވީ ދިގުތާރީހަށް ބަލާއިރު ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުވުމުގެ ވިސްނުމަކީ ކާބަފައިންވެސް އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ މުސައްނިފުންވެސް ވިސްނާފައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން ހިނގަމުންއައި އާދަކާދައާއި އުސޫލުތަކަށް ބަލާއިރު ދިވެހީންގެ ބުއްދިއަކީ އިންތިހާބުތައް ވަކިން ބޭއްވުމެވެ. އާދަކާދައިގެ ގޮތުން ބަލައިގެންފައިވާ ކަންކަމަކީ އޭގެ މައްޗަށް ގާނޫނީ ހުއްޖިއްޔަތު ލިބިދޭ ކަމެއްކަން އިސްލާމީ ޝަރީއަތުގެ ފިގުހީ ގާއިދާއެއް ކަމަށްވާ 'العادة محكّمة' (އާދަކާދައިގެ މައްޗަށް ހުކުމް ކުރެވޭނެއެވެ.) މި ޕުރިންސިޕަލުން އެނގިގެން ދެއެވެ.

ރިފަރެންޑަމަކީ ކޮބާ؟

ރިފަރެންޑަމް، ޕުލެބިސައިޓް ނުވަތަ ވޯޓުފޮށި މެދުކޮށް ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ ބަދަލުގައި ސީދާ ރައްޔިތުންގެ ބަސް ބުނުމެވެ. ކިއެއްތަ؟ ރިފަރެންޑަމަކީ ބާރުގަދަ ނަތީޖާއެއް ނެރެދޭ ރައްޔިތުންގެ ސީދާ މަޝްވަރާއެވެ. މިގޮތުން ރިފަރެންޑަމެއްގައި ރައްޔިތުންނާ ކުރިމަތި ކުރެވޭ ސުވާލަކީ ވަރަށް ސީފުސާދާ ސުވާލަކަށް ވާންވާނެއެވެ. އެހެނީ، އެ ސުވާލުގެ ޖަވާބަކީ އާއެކެވެ. ނުވަތަ ނޫނެކެވެ.

ރާއްޖޭގައި މިހާތަނަށް 4 ރިފަރެންޑަމެއް ބާއްވައިފިއެވެ. 1952 ވަނަ އަހަރު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލު ވުމަށެވެ. 1954 ވަނަ އަހަރު ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް ބަދަލު ވުމަށެވެ. 1968 ވަނަ އަހަރު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރުމަށެވެ. އަދި 2007 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށެވެ. މިއިން ކޮންމެ ފަހަރަކުމެ ރައްޔިތުންނާ ކުރި ސުވާލު ސާފެވެ. ގާނޫނު އަސާސީތައް ވުޖޫދުވެގެން އައީ ރައްޔިތުންގެ ނިންމުމުގެ މައްޗަށެވެ. ކިއެއްތަ؟ ފުރަތަމަ ގާނޫނުއަސާސީ ގައި ލިޔެފައި، ރައްޔިތުންކުރަން ތަސްދީގުކުރަން ފެނޭތޯ އެހީކީ ނޫނެވެ. ނަމަވެސް ގާނޫނު އަސާސީގެ 265 ވަނަ މާއްދާ އޮތްގޮތުން ފުރަތަމަ ކުރަންޖެހޭ ކަމަކީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހު ފާސްކުރުމެވެ. އެއަށްފަހު ރިފަރެންޑަމަށް ދިޔުމެވެ.

އެޕްރީލް 4 ވަނަ ދުވަހު ލޯކަލް ކައުންސިލުގެ އިންތިހާބާއެކު ރައްޔިތުން ޖަވާބު ދޭންޖެހޭ ރިފެރަންޑަމް ވޯޓެއް އެބައޮތެވެ. އެއްގޮތަކުން ބަލާއިރު މިއީ ދެކަމެއް އެއްކޮށްލައިގެން އެއްދުވަހެއްގައި ރާއްޖޭގައި ބާއްވާ ފުރަތަމަ އިންތިހާބެކެވެ.

ގާނޫނުއަސާސީ އެކަށައަޅާފައިވާ ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކަކީ ރައްޔިތުންގެ އާބަސްނެތި އިސްލާހު ނުކުރެވޭނެ މާއްދާތަކެވެ. އަދި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން، އެ ބިލު ތަސްދީގުނުކޮށް، ސަބަބު ބަޔާންކޮށް އެ ބިލު މަޖިލީހަށް ފޮނުވައިފިނަމަ ދެން އެބިލު ފާސްކުރެވޭނީ ރައްޔިތުންގެ ރިފަރެންޑަމަކުންނެވެ. އެހެންކަމުން ދެ ހާލަތެއްގައި ރިފަރެންޑަމް ވޯޓު ނެގުން ގާނޫނުއަސާސީ ލާޒިމުކުރެއެވެ.

ގާނޫނު އަސާސީ އިސްލާހުކުރުމާއި ރިފަރެންޑަމް

ގާނޫނު އަސާސީގެ 264 ވަނަ މާއްދާއަށް ބަލާއިރު، ރިފަރެންޑަމް ވޯޓަކަށް ދިޔުމަށްޓަކައި،

ފުރަތަމަކަމަކީ؛ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރުން؛

ދެވަނަ ކަމަކީ؛ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފޮނުވުން؛

ތިންވަނަ ކަމަކީ؛ އެ ބިލު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ ފަނަރަ ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ 15 ދުވަހަގެ މުއްދަތުގައި ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުން؛

ފަސްވަނަކަމަކީ؛ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް ތަސްދީގުނުކޮށް ރައްޔިތުންގެ މަޖިލީހަށް އަންގައިފިނަމަ އެ ބިލަކަށް ރައްޔިތުންގެ ރުހުމެއް އޮތްތޯ ބެލުމަށް އެބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމެވެ.

ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ގޮތުން، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) މިއަކުރުގައި ބަޔާންކުރާ ހާލަތްތަކުގައި ނަގާ ރިފަރެންޑަމް ((1) މިގާނޫނު އަސާސީގެ 2 ވަނަ ބާބުކަމުގައިވާ 'އަސާސީ ހައްގުތަކާއި މިނިވަންކަން' މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް؛ (2) މިގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލީހުގެ އުމުރު؛ އަދި (3) މި ގާނޫނު އަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް)) ވޯޓަކީވެސް ގާނޫނު އަސާސީގެ 264 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއާތާ އެއްގޮތަށް ނަގާ ވޯޓަކަށް ވާންވާނެއެވެ؟ އެނޫން ގޮތަކަށް އަމަލުކޮށް ނަގާ ރިފަރެންޑަމަކީ ގާނޫނު އަސާސީގެ 268 ވަނަ މާއްދާގެ ދަށުން ބާތިލު ރިފަރެންޑަމަކަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި 4 އެޕްރީލުގައި ރައްޔިތުންކުރެން ފާސްކުރުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ސުވާލުކުރާ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީގެ 264 ވަނަ މާއްދާގެ (ހ) ދަށުން ރައްޔިތުންގެ މަޖިލީހަށް ތަސްދީގުނުކޮށް، އަބުރާ ފޮނުވާފައިލާފައި ނެތުމުން، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް 264 ވަނަ  މާއްދާގެ (ށ) ގެ ދަށުން  ގާނޫނު އަސާސީން ހުއްޖިއްޔަތު ލިބޭ ކަމަކަށް ނުވާތީއެވެ.  

ސަބަބަކީ ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ނެގުން ލާޒިމުވާ ރިފަރެންޑަމް ބޭއްވުމުގައި ހާއްސަ އިސްތިސްނާއެއް ނުވަތަ އިމްތިޔާޒެއް ނުވަތަ ހާއްސަ އިޖުރާއާތެއްވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނެތެވެ. އަދި ގާނުނު އަސާސީގެ 264 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއާތަކީ ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ މީހަކު ފާޅުކުރާ ހިޔާލަކަށް ބޭނުންނުވާ ވަރަށް ތަފުސީލުކޮށްފައިވާ އިޖުރާއާތެކެވެ. މިސާލަކަށް؛ ނިސާ ސޫރަތުގެ 13 ވަނަ އާޔަތުގައި ތަރިކައިގެ ބެހެނިވެރިންނާއި، އެބެހެނިވެރިންނަށް ލިބޭ މިންވަރު ﷲ ސުބުހާނަހޫ ވަތައާލާ ނަމާދުގެ ރަކުވަތްތައް ކީރިތި ގުރުއާނުގައި ތަފުސީލު ކުރައްވާފައި ނުވަނީ ނަމާދަށްވުރެ ތަރިކައިގެ އަހައްމިއްޔަތު ބޮޑުކަމަކުން ނޫނެވެ. ކުރިމަތިވެދާނޭ ފިތުނައަކުން ސަލާމަތް ކުރުމެވެ. މި މޭރުމުން ބަލާއިރު ބަލާއިރު ރިފަރެންޑަމް ވޯޓެއް ނެގޭނެ ގޮތާއި އެވޯޓު ނެގޭނެ ހާލަތު ގާނޫނު އަސާސީގައި ސާފުސީދާ ސަރީހަ ނައްސުން ތަފުސީލުކޮށް، ގާނޫނުއަސާސީގައި ގާނޫނު އަސާސީގެ މުސައްނިފުން ލިޔެފައިވަނީ ހުށަހެޅިދާނޭ ނުރައްކަލަކުން ގައުމު ސަލާމަތް ކުރުމަށްޓަކައެވެ.

އިންތިގާލީ އިންތިހާބެއް؟

ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިހާބު ކުރުމަށްފަހު، ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހެވެ. މި މާއްދާގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް އުނިއިތުރު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަގުލަބިއްޔަތުން އެކަން އެގޮތަށް ފާސްކޮށް ރައްޔިތުންގެ ރިފަރެންޑަމް ނުވަތަ ހިޔާލު ހޯދުމުގެ ވޯޓަކުންނެވެ.

ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަށް ބަލާއިރު އެ ގާނޫނަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ގެންނަ ދާއިމީ ހައްލެއް ނޫނެވެ. ކިއެއްތަ؟ އެއީ ހިނގަހިނގާ އޮތް މަޖިލީހުގެ އުމުރު ކުރުގަޅުވާލުމާ ގުޅޭ އިސްލާހެކެވެ. އެހެންކަމުން، ގާނޫނު އަސާސީއަށް ގެންނަ 8 ވަނަ އިސްލާހުގެނައުމުގެ ބިލަކީ ގާނޫނު އަސާސީގެ ތަސައްވުރުކޮށްފައިވާ ގޮތާ ހިލާފަށް 5 އަހަރު ދުވަހުގެ މުއްދަތަށް އިންތިހާބުކޮށްފައިވާ މެންބަރުންގެ އުމުރުގެ މެދުތެރެއިން ބާއްވާ އިންތިގާލީ އިންތިހާބެކެވެ. މި 8 ވަނަ އިސްލާހުން ހާސިލުވާ ނަތީޖާގެ ހަގީގީ ޖައުހަރަކީވެސް އެއީއެވެ.

އިސްތިގުރާރު ވެފައިވާ ގާނޫނީ މިޒާމަކީ ގާނޫނަކަށް ގެންނަ އިސްލާހެއް ނުވަތަ ބަދަލެއް ކުރީންވެފައިވާ ކަމަކަށް ނުހިގުމެވެ. އެހެންކަމުން މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި 5 އަހަރު ދުވަހަށް އިންތިހާބުކޮށްފައިވާ މެންބަރުންގެ މުއްދަތުން އެންމެ ދުވަހެއް ދުވަހެއްވެސް ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ދަށުން އުނިކުރެވިދާނެ ކަމަކަށް ނުދެކެމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އުމުރަށް ބަދަލެއް ގެންނަ ނަމަ، އެކަމެއް ތަންފީޒުވާނީ ދެން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހަކަށެވެ. މިހާރު ހިނގާހިނގާ އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރާނަމަ، އެކުރާ ކުރުކުރުން ވެގެންދާނީ ގާނޫނުއަސާސީން ތަސައްވަރުކުރާ އިންތިގާލީ ހާލަތަކަށެވެ. އެ ތަސައްވަރަކީ ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) އާއި ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ހ) މި އަކުރުގެ (2) ވަނަ ނަންބަރުގައި ކޮށްފައިވާ ތަސައްވުރެއް ނޫނެވެ. އަދި ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ށ) ބުނާ އުސޫލާ ހިލާފަށް ރައްޔިތުންގެ މުޅި މަޖިލީހުގެ އިންތިހާބެއް ބާއްވާނަމަ އެބޭއްވެނީ އިންތިގާލީ އިންތިހާބެކެވެ. 

ގާނޫނުއަސާސީއާ ހިލާފު ސުވާލެއްތަ؟

ގާނޫނުއަސާސީގެ 266 ވަނަ މާއްދާގައި 'ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހެއް ގެނައުމަށް ފާސްކުރާ ބިލެއްގައި، އެ ބިލަށް ގެންނަށްވީ އިސްލާހުތަކާއި އެއިސްލާހަކާއި ގުޅިގެން ކުރަންޖޭހޭ ކަންތައްތައް ފިޔަވައި އިތުރު އެއްވެސް ކަމެއް ހިމަނައިގެން ނުވާނެއެވެ.' ބަޔާންވެފައި އޮތުމުން ރައްޔިތުންނާއި ކުރާ ސުވާލަކަށް ވާނީ ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ފާސްކުރަން ފެނޭތޯ ނުވަތަ ނޫންތޯއެވެ؟ ސަބަބަކީ އެނޫންގޮތަކަށް ސުވާލު ބައިބަޔަށް ނުވަތަ 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ކޮންމެ މާއްދާއަކަށް ވަކިވަކިން ފެނޭތޯ ނުވަތަ ނުފެނޭތޯ އެހޭނެ ބުއްދީގެ ހަމައެއް ގާނޫނީ ހުއްޖިއްޔަތެއް ނެތުމެވެ. އެހެންކަމުން 4 އެޕްރީލް 2026 ގައި ނަގާ ރިފަރެންޑަމް ވޯޓުގައި ކުރާ ސުވާލުގެ ގާނޫނީ ސައްހަކަމާމެދު ސުވާލެއް ނެތެވެ.

ހޭލުންތެރިކަން އުފެއްދުން

ރިފަރެންޑަމް ވޯޓެއް ނެގުމުގެ ކުރިން ރައްޔިތުންނަށް އެމީހުނާ ކުރިމަތި ކުރެވޭ ސުވާލުގެ ހެވާއި ނުބައި ކިޔައިދީ އަހުލުވެރި ކުރުމަކީ އިލެކްޝަންސް ކޮމިޝަނުންނާއި ނޫސްވެރިންނާއި ސަރުކާރާއި ސިޔާސީ ޕާޓީތަކުން އުފުލަންޖެހޭ ގައުމީ ޒިންމާއެކެވެ. ގާނޫނުއަސާސީ އަށް ގެނެވޭ އިސްލާހަކީ ސިޔާސީ ވާދައެއްކަމުގައި ހަމަ އެކަކުވެސް ދެކުމަކީ ގޯހެކެވެ. އެއަށްވުރެ ފުޅާދާއިރާގައި ބަހުސަށް ޖާގަދެވި، މިނިވަންކަމާއެކު ބަހުސްކުރެވި، ރައްޔިތުން ރޯފިލުވައިދިނުމަކީ ދައުލަތުގެ މީޑިއާއިންވެސް ނުކޮށް ދޫކޮށްލައިގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް، އެކަށީގެންވާ ގައުމީ ފެންވަރެއްގައި 4 އެޕްރީލު 2026 ވާ ހޮނިހިރު ލޯކަލް ކައުންސިލު އިންތިހާބާއެކު ނަގާ ރިފަރެންޑަމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރިއަށް ދާތަނެއް ނުފެނެއެވެ. ގައުމީ ނަޒަރަކުން ވިސްނާލާއިރު އެއީ ގައުމުގެ ހިތަށް ލިބޭ މޮޅިއެކެވެ. ދެރައެކެވެ.

ގާނޫނުއަސާސީ އިސްލާހުކުމަކީ އޭގެ ޒާތުގައި ގޯސްކަމެއް ނޫނެވެ. އަދި އެއްދުވަހެއްގައި ދެ އިންތިހާބު ނުވަތަ ތިން އިންތިހާބު ބޭއްވުމަކީވެސް ގޯސްކަމެއް ނޫނެވެ. ނަމަވެސް އެ އިންތިހާބުތައް އެކުގައި ބޭްވުމުގެ މަގު ކޮށަން ވާނީ ގާނޫނުއަސާސީގެ އިމުގެ ތެރެއިންނެވެ. ނޫނީ، ފުރިތަން އަތުނުވެދާނެއެވެ.

ކޮމެންޓް
ސާއިދު
1 day ago
ވަރަށް މައުލޫމާތު ފުރިހަމަ ލިޔުއްވުމެއް. މިފަދަ މުހިންމު މައުލޫމާތުތައް އާންމު ރައްޔިތުންނަށް ލިބުމަކީ މުހިންމުކަމެއް. ޚާއްސަކޮށް މިކަހަލަ ވޯޓެއް ކުރިމަތީގައި އޮތުމުން، އެހެން ނޫންތޯ!!