
ވޯޓުލާ މީހުންނާއި ހަވާލުވެފައިވާ މަސްއޫލިއްޔަތަކީ ވަރަށް މުހިންމު ދީނީ އަދި ދުސްތޫރީ މުހިންމު ޒިންމާއެކެވެ. މި ޒިންމާގެ ބުރަކަމާއި، އޭގެ މުހިންމުކަން ވިސްނައި، ގައުމާއި މުޖުތަމައުގެ ފައިދާއަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބު އަދާކުރުމަކީ މުހިންމު ކަމެކެވެ.
އަހުޒާބު ސޫރަތުގެ 72 ވަނަ އާޔަތުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރެއްވިއެވެ. 'إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَنْ يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنْسَانُ إِنَّهُ كَانَ ظَلُومًا جَهُولًا' މި އާޔަތުގެ މަފުހޫމަކީ، ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަން އިލާހުގެ އަމާނާތް ނުވަތަ ތަކުލީފުތައް ހުށަހެޅުއްވީމެވެ. ފަހެ، އެތަކެތި އެ އަމާނާތް އުފުލުމަށް ބިރުވެތިވެ، އެއްކިބާ ވިއެވެ. އަދި އިންސާނާ އެ އަމާނާތާ ހަވާލުވިއެވެ. ހަމަކަށަވަރުން އިންސާނާވީ އަނިޔާވެރި އަދި ޖާހިލު މީހެއްކަމުގައެވެ.
އިންތިހާބުތަކަށް ނުފޫޒު ފޯރުވުމާއި، ވޯޓުގަނެ ވިއްކުމަކީ އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ. މި ގޮތުން ކެނޑިޑޭޓުންނަށް ތާއީދު ނުވަތަ ވޯޓު ހޯދުމުގެ ގޮތުން، ކެނޑިޑޭޓުންނާއި، ޕާޓީތަކުން ދޭ ހަދިޔާ، އެހީތެރިކަން، ސަދަގާތް، ނުވަތަ ކެއުމުގެ ނަމުގައި ދެވޭ ކޮންމެ އެއްޗަކީ ނުވަތަ ފައިސާ ނުވަތަ އެހެންވެސް އިންޑަސްޓްމަންޓެއް ހުށަހަޅައިގެން ވޯޓުލާމީހުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަކީ ރިޝްވަތެވެ. އަބްދުالله ބިން އަމްރުގެ ކިބައިން އަބޫ ދާދު ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. 'لعن رسول الله ﷺ الراشي والمرتشي' މި ހަދީސުގެ މަފުހޫމަކީ، ރިޝްވަތު ދޭ މީހާއަށާއި ރިޝްވަތު ޤަބޫލުކުރާ މީހާއަށް اللهގެ ރަސޫލާ ލައުނަތް ލެއްވިއެވެ.
ވޯޓުލުމަކީ ނަޒާހަތްތެރިކަމާއި އިހުލާސްތެރިކަމާއެކު އަދާކުރަންޖެހޭ މުހިންމު މަސްއޫލިއްޔަތެކެވެ. ވޯޓުލާ މީހުން މި އަމާނާތް އަދާކުރި ގޮތާމެދު ﷲ ސުބުހާނަހޫ ވަތައާލާގެ ކުރިފުޅުމަތީގައި ޖަވާބު ދާރީ ވާންޖެހޭނެއެވެ. މިގޮތުން ޒުހުރުފު ސޫރަތުގެ 19 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވާފައިވެއެވެ. 'سَتُكۡتَبُ شَهَادَتُهُمۡ وَيُسۡـئَـلُوۡنَ' މި އާޔަތުގެ މަފުހޫމަކީ، އެބައިމީހުން ހެކިވާ ހެކިވުން މަލާއިކަތުން ލިޔުއްވާ ރިކޯޑު ކުރައްވާ ހުއްޓެވެ. އަދި އާހިރަތް ދުވަހުން އެކަންކަމާމެދު ސުވާލު ކުރެވޭ ހުއްޓެވެ.
ތިމާއަށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްގު ނުވަތަ މަސްއޫލިއްޔަތު ގައުމާއި، ރައްޔިތުންގެ ކުރިމަތީގައި އަދާކުރެވެނީ އެންމެ ރަނގަޅު ގޮތުގައިކަން ކަނޑައެޅުމަށްޓަކައި ވޯޓުލާ މީހަކު ތަބާވާން ޖެހޭ މުހިންމު ދެ އުސޫލެއް ވެއެވެ.
ފުރަތަމަ ކަމަކީ؛ މަގާމަށް އެންމެ ފިޓް އަދި އެންމެ ރަނގަޅު ކެންޑިޑޭޓް ހޮވުމެވެ. މިކަމަށް ބޭނުންވަނީ އިލްމާއި ތަޖުރިބާގެ ގޮތުން ވަރުގަދަ އަދި ގައުމާއި ރައްޔިތުންގެ މަސްލަހަތާ ގުޅޭގޮތުން އިތުބާރުކުރެވޭ ކެނޑިޑޭޓެއް ހޮވުމެވެ. އަލްގަސަސް ސޫރަތުގެ 28 ވަނަ އާޔަތުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވާފައި ވެއެވެ. 'إنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ'މި އާޔަތުގެ މަފުހޫމަކީ، ހަމަކަށަވަރުން ކަލޭގެފާނުގެ ހާދިމެއް ނުވަތަ ނޯކަރެއްގެ ގޮތުގައި ބަހައްޓަން އެންމެ ކަމުދާ މީހަކީ، ގައިގާ ބާރުހުރި އަމާނާތްތެރި އެކެވެ. ﷲ ގެ ރުއްސުންލެއްވި އަބޫ ޒައްރުގެފާނު މާތް ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ގެ އަރިހުން ވެރިކަމުގެ މަގާމަގަށް އެދިވަޑައިގަތުން އެކަލޭގެ ފާނަށް މާތް ރަސޫލާ ހަދީސް ކުރެއްވިއެވެ. 'يَا أَبَا ذَرٍّ إِنَّكَ ضَعِيفٌ وَإِنَّهَا أَمَانَةٌ وَإِنَّهَا يَوْمَ الْقِيَامَةِ خِزْىٌ وَنَدَامَةٌ إِلاَّ مَنْ أَخَذَهَا بِحَقِّهَا وَأَدَّى الَّذِي عَلَيْهِ فِيهَا' މި ހަދީސްގެ މަފުހޫމަކީ، އޭ އަބޫ ޒައްރުއެވެ. ކަލޭގެފާނަކީ ބަލިކަށި ބޭކަލަކު ކަމުގައި ވީމެވެ. އަދި ވެރިކަމަކީ ހަވާލުވެވޭ ވަރަށްބޮޑު އަމާނާތެކެވެ. އެ އަމާނާތް އޭގެ ހައްގުގޮތުގައި އަދާ ނުކުރެވިއްޖެނަމަ ގިޔާމަތް ދުވަހުން އެކަމުގެ ލަދާއި ހިތާމައާ ކުރިމަތިލާން ޖެހޭނެއެވެ.
ދެވަނަ ކަމަކީ؛ މިނިވަންކަމާއެކު، އޭނާގެ ނަފުސާއި ޒަމީރު ބުނާ ގޮތަށް ވޯޓުލުމެވެ. ހަދިޔާތަކާއި ރިޝްވަތުގެ ނުފޫޒާއި، ވަޒީފާގެ ބިރުދެއްކުމާއި، މިފަދަ ހުރިހާ ކަމަކުން އެއްކިބާވެ ހުރެއެވެ. ވޯޓުލުމަކީ އަދާކުރާ ހެކިބަހެކެވެ. އެހެންކަމުން އެއަދާކުރާ ހެކިބަހަކީ ގަނެވިއްކުމާއި ވިޔަފާރީގެ މުއާމަލާތެއް ކަމުގައި ހަދައިގެން ނުވާނެއެވެ. އަދި އެކަމަކީ ފަހުރުވެރިވާ ކަމެއްގެ ގޮތުގައި ހަދައި، ބޮޑާވެ ގަނެގެން ނުވާނެއެވެ. އެމީހެއްގެ ވޯޓްގެ ދޭ ވޯޓުގެ ބަދަލުގައި ނުވަތަ މުގާބިލުގެ ބަލުގައި ލިބޭ ހަދިޔާއާއި، ފައިސާއާއި، ވަޒީފާއާއި، މަގާމުގެ ކުރިއެރުންފަދަ ކޮންމެ ކަމަކީ ހަރާމް އެއްޗެކެވެ. އެ ކަމަކީ ﷲ ސުބުހާނަހޫ ވަތައާލާގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ. ނިސާ ސޫރަތުގެ 29 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވާފައިވެއެވެ. 'يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٖ مِّنكُمۡۚ' މި އާޔަތުގެ މަފުހޫމަކީ، އޭ އީމާންވެފައިވާ މީހުންނޭވެ! ތިޔަމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން ފިޔަވައި، އެހެން ބާތިލު ގޮތްގޮތުން، ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ.
އިންތިހާބުތަކާއި ރައްޔިތުން ހިޔާލު ހޯދުމުގެ ރިފަރެންޑަމް ތަކުގައި ބައިވެރިވެ، ވޯޓުލުމަކީ އަމާނާތެކެވެ. އެހެންކަމުން، މި އަމާނާތް ހެޔޮގޮތުގައި ދަމަހައްޓައި، ޒިންމާދާރުކަމާއެކު ވޯޓު ދިނުމުގެ މަސްއޫލިއްޔަތު ކޮންމެ ރައްޔިތަކު ވީ އެންމެ ރަނގަޅަކަށް އަދާކުރަން ޖެހެއެވެ. އަދި އެކަމަކީ الله ގެ ހަޒުރަތުގައި ކޮންމެ ރައްޔިތަކުމެ ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ. އެހެންކަމުން ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ވޯޓުލުމަށް ނުވަތަ ރިފަރެންޑަމްގައި ވަކިގޮތަކަށް ވޯޓު އަދާކުރުމުގެ ގޮތުން އެއްވެސް މީހެއްގެ އަތުން ނުވަތަ ޕާޓިއަކުން އެއްވެސް ފައިސާއެއް ނުވަތަ ހަދިޔާއެއް ބަލައިގަތުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ކިއެއްތަ؟ ކުޑަ ވަގުތެއްގެ އުފަލަށްޓަކައި އެ ވިއްކާލެވެނީ ތިމާގެ އިއްޒަތެވެ. އަބުރެވެ. އިތުބާރެވެ. މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ހަދީސް ކުރައްވާފައި ވެއެވެ. 'إذا ضيعت الأمانة فانتظرالساعة، قال: كيف إضاعتها؟ قال: إذا وسد الأمر إلى غير أهله فانتظر الساعة' މި ހަދީސްގެ މަފުހޫމަކީ، އަމާނާތްތެރި ނުވީ މީހާ ދަންނާށެވެ. ފަހެ، އޭނާއަށް އޮތީ ގިޔާމަތް ދުވަހަށް އިންތިޒާރު ކުރާށެވެ." ރަސޫލާއަށް ދެންނެވުނެވެ. އެއީ ކިހިނެއްތޯއެވެ؟ ރަސޫލާ ހަދީސް ކުރެއްވިއެވެ. އެއީ، މަގާމަށް އެކަށީގެންނުވާ މީހަކާ ޒިންމާތައް ހަވާލު ކުރުމެވެ. ފަހެ، ގިޔާމަތް ދުވަހަށް އިންތިޒާރު ކުރާށެވެ.
ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ވޯޓުދިނުމަށް ނުވަތަ ރިފަރެންޑަމް ގައި ވަކި ގޮތަކަށް ވޯޓުލުމަށް ހުވާކުރަން މަޖުބޫރުކޮށް ހުވާކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ބަގަރާ ސޫރަތުގެ 224 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވާފައި ވެއެވެ. 'وَلَا تَجۡعَلُواْ ٱللَّهَ عُرۡضَةٗ لِّأَيۡمَٰنِكُمۡ أَن تَبَرُّواْ وَتَتَّقُواْ وَتُصۡلِحُواْ بَيۡنَ ٱلنَّاسِۚ وَٱللَّهُ سَمِيعٌ عَلِيمٞ' މި އާޔަތުގެ މަފުހޫމަކީ، ތިޔަބައިމީހުން ތަގުވާވެރި ވުމަށާއި، މީސްތަކުންގެ މެދުގައި ސުލްހަ ގާއިމުކުރުމަށް އެޅޭ ހުރަހެއްކަމުގައި ތިޔަބައިމީހުންގެ ހުވާތަކުގެ ސަބަބުން ﷲ ނަންފުޅު ވިޔަ ނުދޭށެވެ! ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ.
މިގޮތުން، މަގާމަށް އެކަށީގެން ނުވާ ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް ކުޑަ ހަތިމުގައި ނުވަތަ ބޮޑު ހަތިމުގައި އަތްއަޅާ ހުވާކުރެވިފައިވިޔަސް އެހުވަޔަށް ތަބާވެގެން ނުވާނެއެވެ. ސަބަބަކީ އޭނާއަށް ހެދިފައިވަނީ ވަރަށް ބޮޑު ގޯހެކެވެ. އެ ހުވާގެ ބަދަލުގައި އޭނާއަށް އޮތީ ކައްފާރާ ދިނުމެވެ. މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. 'من حلف على يمين فرأى غيرها خيراً منها فليأت الذي هو خير وليكفر عن يمينه' "ހުވާކޮށް، ދެން ރަނގަޅު ކަމެއް ފެނިއްޖެނަމަ، އެމީހަކު ރަނގަޅު ކަމެއް ހިފައިގެން ގޮސް ހުވާގެ ކައްފާރާ ލައްވާށި" [މުސްލިމް] އެވެ.
ނިންމާލަމުން ދަންނަވާނަމަ، އިންތިޚާބުގައި ބައިވެރިވުމާއި ވޯޓުލުމަކީ ހުއްދަ ކަމެއް ކަމަށާއި، އެއާއެކު ރައްޔިތުންނާއި ޤައުމުގެ މަސްލަހަތު ރައްކާތެރިކޮށް، ޤައުމުގެ ވަސީލަތްތައް ހިމާޔަތްކުރާ މީހުން އިންތިޚާބުކުރުމުގެ މުހިންމުކަމާމެދު މީހުން ހޭލުންތެރިކުރުމަށެވެ. އަދި މާތްالله އެންމެ ރަނގަޅަށް ދެނެވޮޑިގެންވެއެވެ.




