އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި، ޙަސަން ނަސީފް، ފިޔެސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އޭނާ އެރަށެއްގެ ކައުންސިލް ރައީސްކަމަށް ކުރިމަތިލައްވައިގެން ހުންނެވި އުފަން ރަށް ކަމުގައިވާ ތޮއްޑޫ އަކީ، ނުހަނު ލޯބިވާ، އެ ފަސްގަނޑަކަށްޓަކައި ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ، އަދި ރަށުގެ މުޅިރައްޔިތުންނާ މެދުގައި ވެސް ހާއްސަ ކުލުނެއް އުފެދިފައިވާ، ލޮބުވެތި ރައްޔިތަކު ދިރިއުޅޭ ފަސްގަނޑެއް ކަމަށެވެ.
ތައުލީމީ ހަޔާތަށް ފަހު، މިހާރު ޙަސަން ނަސީފް އަކީ ރާއްޖޭގެ ބައެއް ކޮލެޖުތަކުގެ ދަރިވަރުންނަށް އުގަންނަވައިދެއްވުމުގައި ވެސް ހަރަކާތްތެރިވާ "ވިޒިޓިންގ ލެކްޗަރަރ" އެއް ކަމަށް ވާއިރު، ވަޒީފާގެ މައިދާނުގައި ވެސް މިހާރު 25 ވަރަކަށް އަހަރު ހޭދަކުރައްވާ، އޭނާ ވަނީ ގިނަ ތަޖުރިބާތަކެއް ވެސް ހޯއްދަވާފައެވެ.
އެގޮތުން، ޙަސަން ނަސީފް އަދާކުރައްވާފައި ވަނީ ގައުމުގައި ހުރި، މުހިންމު މުއައްސަސާ ތަކުގެ ތެރެއިން ވެސް ހާއްސަ މުއައްސަސާތަކެއްގެ މަތީ މަގާމުތަކެއް ކަން އެއީ ވެސް ވަރަށްބޮޑަށް ފާހަގަކޮށްލެވޭ އެއްކަމެކެވެ.
ޙަސަން ނަސީފް ވަޒީފާގެ މައިދާނަށް އެންމެފުރަތަމަ ވެސް ނުކުންނަވާފައި ވަނީ، މުޅި މިގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާ ކަމުގައިވާ، ދިވެހި އަސްކަރިއްޔާ، ނުވަތަ ސިފައިންގެ (އެމްއެންޑީއެފް) އަށެވެ.
އެއަށްފަހު، ދައުލަތަށް ނަގާ އެންމެހާ ފައިސާގެ އާމްދަނީ ކަމުގައިވާ ޓެކްސްތައް ނެގުމުގެ ބޮޑު ޒިންމާ އުފުއްލަވަމުން ގެންދަވާ މުއައްސަސާ ކަމުގައިވާ، މީރާ (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ގައި ވެސް ޙަސަން ނަސީފް ވަނީ އަގުހުރި ހިދުމަތްތަކެއް މި ގައުމަށްޓަކައި ކޮށްދެއްވާފައެވެ.
އަދި، ރާއްޖޭގެ ތަރައްގީއާއި ތައުލީމާއި ސިއްހީދާއިރާ ފަދަ އަދިވެސް މުހިންމު އެންމެހާ ދާއިރާއެއް ހިނގަމުން ދިޔުމުގެ ވިންދުކަމުގައިވާ، ހަކަތަ ނުވަތަ ކަރަންޓުގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) ގައި ވެސް ޙަސަން ނަސީފް ވަނީ މިއަދާ ޖެހެންދެން ވެސް، ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ކަން ފާހަގަ ކޮށްލެވެއެވެ.
މިފަދަ މުހިންމު މުއައްސަސާތަކަކަށް ޙަސަން ނަސީފް ހިދުމަތްކޮށްދެއްވާފައިވާތީ، އޭނާ ކުރިމަތިލައްވައިގެން ހުންނެވި ތޮއްޑޫ ކައުންސިލް ރައީސްގެ ގޮނޑިއަކީ ޙަސަން ނަސީފް އަށް އެކަށޭނަ، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ސާބިތުކަމާއެކުގައި އޭނާއަށް އުފުއްލެވޭނެ ފަދަ މަގާމެއް ކަން އެއްވެސް ޝައްކެތް ނެތި ގިނަބަޔަކު ޔަގީންކުރާނެ ކަމަށް ޙަސަން ނަސީފް އާއި އޭނާގެ ޓީމުން އުންމީދު ކުރައްވައެވެ.
ތޮއްޑޫގެ ތަރައްގީ އާއި ތިމާވެއްޓާ އަދި، ރަށުގެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން "ގައިމު" ކުރުމަށް ޙަސަން ނަސީފް ހުންނެވީ އޭނާގެ ޓީމާއެކުގައި ހާއްސަ މެނިފެސްޓޯއެއް އެކުލަވާލާ ހަރުދަނާ އުންމީދުތަކެއްގައި ކަމަށް ސާބިތުކަމާއެކުގައި އޭނާ ވިދާޅުވިއެވެ.
އެގޮތުން ތޮއްޑޫ ކައުންސިލަށް ޙަސަން ނަސީފް ހޮއްވަވައި ދެއްވައިފި ނަމަ، ފާއިތުވި އެމްޑީޕީ ސަރުކާރުގައި އިމާރާތްކުރަންފެށި، ނަމަވެސް މިހާރު ހުއްޓިފައިވާ ތޮއްޑޫ ހޮސްޕިޓަލްގެ އިމާރާތް، ވީ އެންމެ އަވަހަކަށް ނިންމުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަކީ، އޭނާ ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއްކަމަށް ޙަސަން ނަސީފް ވިދާޅުވިއެވެ.
އަދި ވަކިން ހާއްސަކޮށް، ލޯކަލްޓޫރިޒަމްގައި ދުނިޔެއާއި ރާއްޖޭގައި ވެސް މިހާރު އެންމެ ނަން މަޝްހޫރު އެއް ރަށް ކަމުގައިވާ ތޮއްޑޫގެ ތިމާވެށި ރައްކާތެރި ކުރުމާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ތޮއްޑޫގައި ގާއިމްކޮށް، ކުނި އެންދުން ނިމުމަކަށް ގެނެސް، އެ ކުނިން ރަށުގެ ރައްޔިތުންނަށް އިތުރު މަންފާއެއް ހޯދޭނެ ގޮތް ހަމަޖައްސައި ދެއްވުމަކީ ވެސް، ޙަސަން ނަސީފް އޭނާއަށް ކައުންސިލް ހިންގުމުގެ ދައުރެއް ރައްޔިތުން ދެއްވައިފި ނަމަ ކުރައްވަން ނިންމަވައިގެން ހުންނެވި މުހިންމު މަސައްކަތެކެވެ.
ޙަސަން ނަސީފް ވިދާޅުވީ، ބޭނުންވަނީ ތޮއްޑޫ އަށް ތަރައްގީ އިތުރު ކުރިއެރުންތައް ގެނައުމަށް ކަމަށާ، އަދި މިހާރު ރަށުގައި ފަށާފައި ހުރި، އަދި ފެށުމަށް ތައްޔާރުގައި ހުރި، ތަރައްގީގެ މަޝްރޫއުތައް ވެސް ވީ އެންމެ އަވަހަކަށް ފެށުމަށްފަހު ނިންމާ، ތޮއްޑޫގެ ރައްޔިތުންނަށް ލުއިފަސޭހަ ވާނޭ މަގުން ކަންކަން ކުރުމަށް ކަމަށެވެ.
އަދި ޙަސަން ނަސީފް އަކީ މި ސަރުކާރުގެ ކެންޑިޑޭޓަކަށް ނުވި ނަމަވެސް، ތޮއްޑޫ އަށާއި މި ގައުމަށް ފައިދާވާ ކޮންމެ ކަމެއްގައިމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާ، ރަށާއި ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމުގައި ވަކި ޕާޓީއެއްގެ މެންބަރެއް، ނުވަތަ ވަކި ފިކުރެއް ނުވަތަ ވަކި އަވަށެއްގެ ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށް ވެސް ޙަސަން ނަސީފް ވިދާޅުވިއެވެ.
މިހާރު ތޮއްޑޫގެ ތަރައްގީއަށް އޭނާގެ ޓީމުން ކަނޑައާލާފައިވާ ލަނޑުދަނޑިތަކުގެ އިތުރުން ވެސް ނަފާ ވަނިވި، ގިނަ ތަސައްވުރުތަކެއް ހަސަން ނަސީފް އާއި އޭނާގެ ޓީމުން ތޮއްޑޫ އަށްޓަކައި، ގެންގުޅޭ ކަން ފާހަގަކޮށް ޙަސަން ނަސީފް ވިދާޅުވީ، އެ ތަސައްވުރުތަކާއި ލަނޑުދަނޑިތައް އެކުލަވާލައްވާފައި ވާނީ، އަދި ދެންވެސް އެކުލަވާލައްވަމުން ގެންދަވާނީ، އޭނާ އާއި އޭނާގެ ޓީމުން، ވިހާވެސް ގާތުން ތޮއްޑޫގެ ޒުވާނުންގެ އަޑުއަހާ، ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ އަދި އިސްރަށްވެހިންނާއި، ކަނބަލުންގެ ވެސް ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާފައި ކަމަށެވެ.
ޙަސަން ނަސީފް ފިޔެސް އަށް ދެއްވި ބަސްދީގަތުން ނިންމަވާލައްވަމުން ވެސް ވިދާޅުވެފައި ވަނީ، ތޮއްޑޫގެ ރައްޔިތުން، ތޮއްޑޫގެ ކުރިމަގަށް އެންމެ އުންމީދީ ބަޔަކާ ރަށުގެ ކައުންސިލް އަދި ޑަބްލިޔުޑީސީ ހަވާލުކުރައްވާ ނަމަ، ޙަސަން ނަސީފް އާއި އޭނާގެ ޓީމުގައި ހިމެނޭ، އެންމެހާ ކެންޑިޑޭޓުންނަށް ވެސް ޔަގީންކަމާއެކުގައި ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ތޮއްޑޫ ކައުންސިލް ރައީސް ކަމަށް: ހަސަން ނަސީފް، ދުވެލި، އއ.ތޮއްޑޫ / ކެންޑިޑޭޓް ނަންބަރު - 1




