
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީ އަދި ރިފަރެންޑަމް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ބަދަލުކޮށްފައި ވަނިކޮށް ރޭ ކުރިއަށް ގެންދިޔަ މި އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެއް ކަމަށްވާ ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވީ، މި އިހުތިޖާޖު ކުރަން ޖެހޭ މައިގަނޑު ސަބަބުތަކަކީ، އެ ފްލެޓުތަކުގެ ވެރިންނަށް ފާއިތުވި ސަރުކާރުން ދީފައިވަނީ ގަނެވިއްކުމުގެ އެއްބަސްވުމެއް ކަމަށް ވީނަމަވެސް މި ސަރުކާރުން މިހާރު ވަނީ ކުލީ އެއްބަސްވުމެއް ހަދާފައި ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އެ ފްލެޓުތަކުގެ ވެރިންނާއި އާއިލާގެ އެއްވެސް މެންބަރަކު އެ ތަނުގެ ރަށްވެހިންގެ ރަޖިސްޓަރީގައި ނުޖެއްސޭކަމަށް ވުމަކީ ވަރަށްބޮޑު ގެއްލުމެއް ކަމަށާ އެހެންކަމުން އެ އެއްބަސްވުން ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކޮށްދިނުމަށް މި ސަރުކާރަށް މި އިހުތިޖާޖުގައި ގޮވާލާކަމަށް ވެސް ނޫރު ވިދާޅުވިއެވެ.
އަދި މިދިޔަ ސަރުކާރުގައި ކަނޑައަޅާފައި އޮތް ގޮތަށް ކުލި ނެގުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ގޮވާލާ ކަމަށް ވިދާޅުވެ ނޫރު ވިދާޅުވީ، މެއިންޓަނަންސް ފީ ހިމަނައިގެން ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ އޭރުގެ ސަރުކާރުން 6،000 ރުފިޔާ، އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔެއްގެ ގޮތުގައި 8،000 ރުފިޔާ ނިމިދިޔަ ސަރުކާރުން ކަނޑައަޅާފައި ވަނިކޮށް، މި ހިނގަމުންދާ ސަރުކާރުން ކުލީގެ އެއްބަސްވުން ހެދިއިރު ދެ ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސްފީ އާއިއެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާ ކަމަށާ، އަދި ތިން ކޮޓަރީގެ ފުލެޓެއްގެ އަގު މެއިންޓަނަންސްފީ އާއިއެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،000 ރުފިޔާ ކަމަށެވެ.
މިކަމާގުޅޭގޮތުން ފަހި ޔޫނިއަން އިން އިއްޔެ ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ފަހި ޔޫނިއަނުން ބުނެފައި ވަނީ، މިދިޔަ ސަރުކާރުގައި ކަނޑައަޅާފައި އޮތް ގޮތަށް ކުލި ނެގުމަށް ގޮވާލާ ކަމަށާ، އޭގެ އިތުރުން، އެ އެޕާޓްމަންޓުތަކަށް ނަގާފައިވާ ޑައުންޕޭމަންޓު އުނިކޮށްދިނުމަށާއި މިހާރު ދީފައިވާ ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް (ކުލި ދައްކަން ނުޖެހޭ މުއްދަތު) ތިން މަހުން ހަ މަހަށް ނުވަތަ އެއް އަހަރަށް ބަދަލުކޮށްދިނުމަށް ވެސް ގޮވާލާ ކަމަށެވެ.




