
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބް ވިދާޅުވީ، 3 ކޮޓަރިއަށް ޝަރުތު ހަމަނުވާ މީހުންނަށް 3 ކޮޓަރީގެ އެޕާޓްމެންޓު ލިބިފައި ހުރުމުން އެ ތަންތަން އެ މީހުންގެ އަތުން އަތުލުމަށްފަހު، ޝަރުތު ހަމަވާ މީހުންނަށް މިހާރު ދީފައިވާނެ ކަމަށެވެ.
އަދި ތިން ކޮޓަރި ލިބިފައި ހުރި އެ މީހުންނަށް ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލުކުރުން ފަދަ ގޮތްތަކެއް ވެސް ހަމަޖައްސާދީފައިވާނެކަމަށް ވިދާޅުވެ މުއްތޮލިބު ވިދާޅުވީ، ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާ ލިސްޓުން އުނިކުރި މީހުންގެ ސީދާ އަދަދު އަދިވެސް މުޅިން ސާފެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން މީގެ ކުރިންވެސް މިނިސްޓަރާއި ސުވާލު އަމާޒު ކުރެވުނެވެ. އެގޮތުން މީގެ 3 މަސް ކުރިން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލު ކުރުމުން އޭރު މިނިސްޓަރ ވިދާޅުވެފައި ވަނީ އެ އަދަދު ޗެކްކޮށްލައްވާނެ ކަމަށެވެ.
އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން އެކަމާ ގުޅޭ އަދާހަމައާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، އަދިވެސް އެއްކޮށް ނުނިމޭ ބައެއް ކޭސްތައް އެބަހުރި ކަމަށެވެ. އެހެންކަމުން އަދިވެސް ސީދާ އަދަދު ދަންނަވަން ދަތިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިކަމުގައި ސީދާ އަދަދެއް ދެންނެވޭނީ މިހާރު ނުނިމި ހުރި މަސައްކަތްތައް އެއްކޮށް ނިންމާލެވި، ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރެވުމުންކަމަށާ، ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުން ޕޮއިންޓު ލިބިފައިވާ އެއްވެސް ފަރާތެއް އެ ލިސްޓުގައި ހިމެނިފައިނުވާނެކަމަށް ވެސް މުއްތޮލިބު ވިދާޅުވިއެވެ.
އެހެންނަމަވެސް، ފްލެޓު ހުރި އަދަދަށްވުރެ ގިނައިން ޝަރުތު ހަމަވާ މީހުން ތިބޭއިރު ކޮންމެވެސް ބަޔަކު ބާކީވެސް ވާނެކަން ފާހަގަކުރައްވާ މުއްތޮލިބު ވިދާޅުވީ، ޝަރުތު ހަމަ ނުވެގެން ބަޔަކު ކެންސަލްވި ނަމަވެސް، މި ސަރުކާރުން އެ ލިސްޓަށް ބަދަލެއް ނުގެންނާތީ އައު ލިސްޓެއް އިއުލާނު ކުރާކަށް ނުޖެހޭނެ ކަމަށެވެ.
ފާއިތުވި އެމްޑީޕީ ސަރުކާރުން އެ ފްލެޓުތަކުގެ ހައްގުވެރިން ކަނޑައަޅާފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެ ލިސްޓު އަލުން މުރާޖައާ ކުރަން ނިންމާ ގިނަ ހަރަދުތަކެއް ކޮށް، އެތައް ފަހަރަކު އެތައް މަރުހަލާތަކެއް ކުރިއަށްގެންގޮސްފައެވެ. ނަތީޖާއެއްގެގޮތުން، މި ސަރުކާރުން މުޅިން އެހެން ލިސްޓެއް އެކުލަވާލި ނަމަވެސް، އެންމެފަހުން ނިންމާފައި ވަނީ، ކުރިން ސަރުކާރުން އެކުލަވާލި، އެންމެ ފުރަތަމަ ލިސްޓަށް ފްލެޓުތައް ދޫކުރުމަށެވެ.




