
މުއްތޮލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މުއްތޮލިބު އާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ކުޑޫ ސުވާލުކުރެއްވީ، އެފްޑީސީ (ފަހި ދިރިއުޅުން ކޯޕަރޭޝަން) އާއެކު މިހާރު ހަދަނީ ކުލީގެ އެއްބަސްވުމަކަށްވާތީ، އެ އެއްބަސްވުމުގެ ދަށުން ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ކަމަށާ، އެހެންކަމުން މިހާރު ހަދާ އެއްބަސްވުމުގެ ދަށުން އެ ފުލެޓުތަކަށް ނިސްބަތްކޮށް ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭ ނަމަ، އެތަންތަނުގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިކަމަށް ދެން ވެގެންދާނީ ކޮހިނެތްތޯ؟ އެވެ.
ސުވާލުގެ ޖަވާބުގައި މުއްތޮލިބު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވެނީ މާލޭ ސިޓީ ކައުންސިލުން އެކަން ނުކޮށްދޭތީ ކަމަށާ، މާލޭ ސިޓީ ކައުންސިލުން ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދިނުމަކީ އާންމުންނަށް ކުރާ އުނދަގުލެއް ކަމަށެވެ. އަދި އެއީ ގާނޫނީގޮތުން ހުއްޖަތެއް އޮތް ކަމެއް ވެސް ނޫން ކަމަށެވެ.
މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދިނުމަށް އެ މިނިސްޓްރީން ވާނީ ސިޓީ ކައުންސިލަށް އަންގައިފައި ކަމަށާ، އެހެންކަމުން ސިޓީ ކައުންސިލުން އެ މަސައްކަތް ނުކުރުމަކީ ސަރުކާރުން ވަކި ގޮތަކަށް ކަނޑައަޅައިގެން ނުވަތަ އަންގައިގެން ކުރާ ކަމެއްނޫން ކަމަށް ވެސް މުއްތޮލިބު ވިދާޅުވިއެވެ.
އެހެންކަމުން، މާލޭގެ މޭޔަރު އާދަމް އާޒިމަށް ކުޑޫ ފޮނުއްވާފައިވާ ސިޓީއެއްގައި އެ މިނިސްޓްރީއާއި މާލޭސިޓީ ކައުންސިލު މަޝްވަރާކޮށް، މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭ މައްސަލަ ހައްލުކޮށްދިނުމަށް އެދިވަޑައިގެންފައި ވާނެކަމަށް ކުޑޫ މިއަދު ވަނީ ވިދާޅުވެފައެވެ.
މިއަދު ހައުސިން މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމުންގެ ތެރެއިން ފަހި ފްލެޓުތަކުގައި ދިރިއުޅޭ ބަޔަކު ވަނީ، މާލޭ ސިޓީކައުންސިލަށް ގޮސް، އެ މީހުންގެ ރަށްވެހިންގެ ރަޖިސްޓަރީ ހެއްދޭނެތީ ސުވާލުކޮށް އެކަމަށް އެދިފައެވެ.
އެމީހުން ފިޔެސް އަށް މައުލޫމާތު ދެމުން ބުނީ، ސިޓީކަންސިލުން އެމީހުންގެ ގާތުގައި ވިދާޅެވެފައި ވަނީ، އެކަމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށާ، ސަބަބަކީ އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނާ ފަހިދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ހަދާފައިވަނީ، ކުލީގެ އެއްބަސްވުމަކަށް ވާތީ ކަމަށެވެ.
މީގެކުރިން ވެސް ތަކުރާރުކޮށް އެކި މީހުންގެ ފަރާތުން މި މައްސަލައާ ގުޅޭ ޝަކުވާ ރައީސް މުއިއްޒުގެ އަރިހަށް ވެސް އުފުލާފައިވާ ކަން ފާހަގަކޮށްލެވެއެވެ. ވަކިން ހާއްސަކޮށް ނިމިގެން މިދިޔަ އިންތިހާބު ކައިރިވެފައި ވަނިކޮށް ރައީސްމުއިއްޒު މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވެވި ޖަލްސާތަކުގައި އާންމުންގެ ފަރާތުން މިކަމުގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އުފުލާފައި ވެސް ވެއެވެ.




