ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް.-- ފޮޓޯ: އެމްޑީޕީ
ކަމެއް ކޮށްދޭނަމަ ފަހި ފްލެޓްތަކުގެ ކުއްޔަށް ލުޔެއް ދިނުމަށް ރައީސް ސޯލިހް ގޮވާލައްވައިފި
މަރްޔަމް މުޙައްމަދު 2 އޭޕްރީލް 2026 (ބުރާސްފަތި)   11:32
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމެއް ކޮށްދޭ ނަމަ، ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ފަހިދިރިއުޅުމުގެ 4،000 ފްލެޓުގެ ކުއްޔަށް ލުޔެއް ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސަރުކާރަށް ގޮވާލައްވައިފި އެވެ.

އެމްޑީޕީން ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ސޯލިހް ވަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް މި ސަރުކާރުން ކުރީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފައެވެ. ސޯލިހް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅަކީ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި 60،000 ފްލެޓު އަޅައި ރައްޔިތުންނަށް ދިނުމެވެ. އަދި ރައީސް ޑރ. މުއިއްޒު ކުރެއްވި ކަމަކީ އެމްޑީޕީގެ ސަރުކާރުގައި އަޅައި ނިމެމުން ދިޔަ 4،000 ފްލެޓުގެ ބޮޑު ކުރުން ކަމަށް ވިދާޅުވިއެވެ.

"އެ ނޫން އެއްވެސް ކަމެއް ނުކުރޭ. އަޅުގަނޑުމެން 4،000 ފްލެޓު އެޅިއިރު، އޭގެ އަގަކަށް 75،000 ޑޮލަރު ފްލެޓަކަށް ނުޖެހޭނެ. އެބޭފުޅުންގެ ދައުރުގައި އެޅި ހިޔާ ފްލެޓަކަށް ޖެހޭނީ 98،000 ޑޮލަރު. އެހެން ނަމަވެސް ކުލީގެ ތަފާތު އެ ތިޔަބޭފުޅުން ބައްލަވާ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ބަލަހައްޓަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ 6،000ރ. ކަމަށް ހަދަން އެމްޑީޕީން ނިންމާފައިވާނެއެވެ. އަދި ތިން ކޮޓަރި 8،000ރ. އަށް ދޭން ނިންމާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ އަޅަންދިޔަ ހަރަދުތަކަށް ބަލާފައި ކުރެވޭނެ ކަމަކަށްވާތީ އަޅުގަނޑުމެން ކުރީ. ނަމަވެސް، ހިޔާ ފްލެޓެއް އަޅަން 98،000 ޑޮލަރު ހޭދަކޮށްފައި އެ ތަނުގެ ކުއްޔަށް މަހަކު އެ ނަގަނީ 3،900ރ. އަޅުގަނޑު ހަނދާންވާ ގޮތުން. 4،000ރ. އެއް ނުނަގާ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް، ފަހިދިރިއުޅުމުގެ ފްލެޓުތަކުގެ ކުލި ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން، ދެ ކޮޓަރީގެ ފްލެޓެއްގެ މަހު ކުލި 7،000ރ. އަދި ތިން ކޮޓަރީގެ ފްލެޓެއްގެ މަހު ކުލި 10،000ރ. އަށް ހެދިކަންވެސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

އަދި މީގެ ދެ ދުވަސް ކުރިން އަޑު އިވިގެން ދިޔައީ ހިޔާ ފްލެޓްތަކުގެ ދައްކަންޖެހޭ އަދަދުން ބައެއް އުނިކޮށް، ކުލި ދައްކަން ޖެހޭ އަދަދު ދެ އަހަރަށް ފަސް ކުރި ހަބަރު ކަމަށާއި މާލީގޮތުން ގާބިލްކަން ހުރިނަމަ ފަހިދިރިއުޅުން ފްލެޓްތަކުގެ ކުއްޔަށް ވެސް ލުޔެއް ހޯދައި ދިނުމަށް ރައީސް ސޯލިހް ގޮވާލެއްވިއެވެ.

"އިގްތިސޯދީ މިފަދަ ދަނޑިވަޅެއްގައި ބަޔަކަށް ލުޔެއް ދިނުމަކީ މައްސަލައެއް ނޫން. ސަރުކާރަކުން ކުރަން ޖެހޭނެ ކަމެއް އެއީ. ނަމަވެސް ފަހިދިރިއުޅުން ކޯޕަރޭޝަން ފްލެޓުތަކުގައި ވެސް މީހުން ދިރިއުޅެއޭ. ކީއްވެތޯ އެ ތަނުގައި ދިރިއުޅޭ މީހުންނަށް މި ލުއި ނުދެވުނީ؟ ސަރުކާރުގެ އެ ވަރުގެ ފައިނޭންޝިއަލް ބުރަދަނެއް، ބާރެއް އޮތް ކަމަށްވާ ނަމަ، ހަމަހަމަކޮށް މިކަން ކޮށްދެއްވަންވީ ނޫންތޯ؟" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިފަދައިން ގޮވާލެއްވިއިރު، އެ ފްލެޓްތަކުގެ ކުލި ކުޑަކޮށް ދިނުމަށާއި ގްރޭސްޕީރިއަޑް 1 އަހަރު އިތުރުކޮށް ދިނުމަށް ގޮވައިލާ ރޭ ވަނީ ހުޅުމާލޭގައި އިހުތިޖާޖުވެސް ކޮށްފަ އެވެ. 

ކޮމެންޓް