
ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުކޫކު ދެއްކުމާމެދު މި ސަރުކާރުން އަމަލުކުރާނެ އިތުބާރު ހުރި ފިސްކަލް ރޭވުމެއް މިހާތަނަށް ދައްކާފައި ނުވާ ކަމަށާ، ސުކޫކު ދެއްކުމަކީ މާކުރިން ތައްޔާރުވާން ވެސް ޖެހޭކަމެއް ކަމަށެވެ.
ސުކޫކު ދައްކަން ރިޒާވް އާއި ގައުމުގެ މިނިވަންކަން ނުރައްކަލަކަށް ހުށަހެޅިގެން ގޮސްދާނެކަމަށް ވިދާޅުވެ ފައްޔާޒް ވަނީ، ކުރިއަށް އޮތް އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ދިވެހި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އަދި ބިދޭސީންނަށް ބިން މިލުކުރެވޭ ގޮތް ހަދައި ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ހިސާބަށް ގޮސްދާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.
ސުކޫކު ދެއްކުމަށް އެމެރިކާގެ ސީއެފްއެސްއައިޓީ (ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް) އިން ވަރަށް ބޮޑު އިންޓްރެސްޓެއްގައި 300 މިލިއަން ޑޮލަރު ނަގަން އުޅޭކަމުގެ ވާހަކަތައް ފުޅާދާއިރާއެއްގައި ފެތުރެމުންދާ ދިޔުމަށް އިޝާރަތް ކުރައްވައި ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުން އިތުރަށް ދަތިވާނެ ފަދަ 'ޑަބަލް ޑިޖިޓް' ގެ އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނަގަމުންދާ ކަމަށް ދެކެވޭ ވާހަކަތަކުގެ ސާފު ޖަވާބެއް ރައްޔިތުންނާއި ވިޔަފާރިތަކަށް އެނގެންޖެހޭ ކަމަށެވެ.
މިފަދަ ސަބަބުތައް ފެންނަން ހުރުމުން، ރާއްޖެ މިދަނީ އިގުތިސޯދީ ބަނގުރޫޓުވުމަކާ ދިމާއަށްތޯ ނުވަތަ ނޫންތޯ އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށާ، ބޮޑެތި އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށް މި ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މި ވެރިކަމަށް ދެ އަހަރު ވެގެންދާއިރުވެސް އިގުތިސޯދީ އިސްލާހީ ރޭވުމެއް ފެންނަން ނެތް ކަމަށް ވިދާޅުވެ ފައްޔާޒް ވިދާޅުވީ، އެކަމުގެ ނަތީޖާއަކަށް ވާނީ ދުވަހަކުވެސް ގައުމު ވެއްޓިގެން ނުވާނެ ފަދަ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔުން ކަމަށެވެ.
އެމްޑީޕީ ސަރުކާރުން ދަރަނި ނެގީ ކޮވިޑްގެ ސަބަބުން އާމްދަނީން ގެއްލުނު 25 ބިލިއަން ރުފިޔާގެ އުނިކަން ފޫބެއްދުމަށާއި، ވަޒީފާތަކާއި ވިޔަފާރިތައް ހިފެހެއްޓުމަށް ކަމަށް ވިދާޅުވެ ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ދަރަނި ނަގަނީ އަސްކަރީ ޑްރޯންތަކުން ފެށިގެން ސިޔާސީ މަގާމުތަކުގެ ދިގު ލިސްޓާ ހަމައަށް، ސިޔާސީ އަމިއްލަ އެދުންތައް ފުއްދުމަށް ކަމަށެވެ.
މި ސަރުކާރުގައި، އެސްއެމްއީތައް ބަނގުރޫޓު ވަމުން ދާއިރު، އެ ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް އެތައް އަހަރެއް ނަގާނެކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރުން ކުރާ ހަރަދުތައް ބޮޑުވި ނަމަވެސް، ރަށްރަށަށް އިގުތިސޯދީ ގޮތުން ލިބުނު ހަގީގީ ފައިދާއެއް، ހިދުމަތަކަށް އައި ކުރިއެރުމެއް، ނުވަތަ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އެހީތެރިވާނެ މަޝްރޫއެއް ފެންނަން ވެސް ނެތް ކަމަށެވެ.




