
މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް ކުރިއަށްދާ 3 އިންތިހާބުގައި ވޯޓް ލުމަށް ކޮންމެ މަރުކަޒެއްގައި 3 ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
މި 3 ފޮއްޓާއި 3 ކަރުދާސް ފަސޭހައިން ފާހަގަ ވާނެ ގޮތެއް ނެތުމުގެ ސަބަބުން ވޯޓު ފޮށްޓަށް ލުމުގައި ބައެއް ފަރާތްތަކަށް އުނދަގުލާ ކުރިމަތިވެފައި ވެއެވެ. އެފަދަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް އާންމުންދަނީ ޝަކުވާ ކުރަމުންނެވެ.
މި އިންތިހާބުތަކުގައި ވޯޓުލާންދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޫކުރާއިރު، އުސޫލެއްގެ ގޮތުން ކޮންމެ ކަރުދާސްކޮޅެއްވެސް ވައްޓާލަންޖެހެނީ އެ އިންތިހާބަކަށް ހާއްސަކޮށްފައިވާ ފޮށްޓަށެވެ. ނަމަވެސް، ވޯޓުލާ މީހާއަށް އޮޅިގެން އެ ނޫން ފޮށްޓަކަށް ވޯޓު ކަރުދާސްކޮޅު ލެވުނު ނަމަވެސް، އެ ވޯޓު ގުނާނެ ކަމުގެ ޔަގީންކަން އީސީން ވަނީ ދީފައެވެ.
އިންތިހާބާ ގުޅޭގޮތުން މައުލޫމާތުދެމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު ސަލާހް ވިދާޅުވީ އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލާ ކޮމިޓީއަށް މިހާތަނަށް 10 ޝަކުވާއެއް ހުށަހެޅިފައި ވާކަމަށެވެ. މީގެ ތެރޭގައި ކެމްޕެއިން ކުރުން މަނާ ވަގުތުގައި ކެމްޕެއިން ކުރި މައްސަލަތަކާއި، އޮޅިގެން ނުބައި ފޮށްޓަކަށް ވޯޓުލެވުމުން ވޯޓު ބާތިލުވެދާނެތޯ ސުވާލުކޮށް ހުށަހަޅާފައިވާ ކަންބޮޑުވުންތައް ހިމެނެއެވެ.
މި ޝަކުވާތަކާ ގުޅިގެން ސަލާހް ވިދާޅުވީ އޮޅިގެން ނުބައި ފޮއްޓަކަށް ވޯޓު ކަރުދާސްކޮޅު ލެވުނު ނަމަވެސް އެ ވޯޓް ބާތިލު ނުވާނެ ކަމަށެވެ.
މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ ޖުމްލަ 294،876 މީހުން ތިބިއިރު، މިއަދު 14:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ޖުމްލަ އަކީ 131،947 އެވެ. އެއީ 63،175 އަންހެނުންނާއި 68،772 ފިރިހެނުންނެވެ. އެހެންކަމުން އެއީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ 44.75 ޕަސެންޓެވެ.




