
އީސީން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ؛
"މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ވޯޓުލުން ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުުރު ކޮށްފައިވާ ވާހަކަ ދަންނަވަން."
މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާ 3 އިންތިހާބުގައި ވޯޓް ލުމަށް ކޮންމެ މަރުކަޒެއްގައި 3 ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
މި 3 ފޮއްޓާއި 3 ކަރުދާސް ފަސޭހައިން ފާހަގަ ވާނެ ގޮތެއް ނެތުމުގެ ސަބަބުން ވޯޓު ފޮށްޓަށް ލުމުގައި ބައެއް ފަރާތްތަކަށް އުނދަގުލާ ކުރިމަތިވެފައި ވެއެވެ. އެފަދަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް އާންމުންދަނީ ޝަކުވާ ކުރަމުންނެވެ.
މި އިންތިހާބުތަކުގައި ވޯޓުލާންދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޫކުރާއިރު، އުސޫލެއްގެ ގޮތުން ކޮންމެ ކަރުދާސްކޮޅެއްވެސް ވައްޓާލަންޖެހެނީ އެ އިންތިހާބަކަށް ހާއްސަކޮށްފައިވާ ފޮށްޓަށެވެ. ނަމަވެސް، ވޯޓުލާ މީހާއަށް އޮޅިގެން އެ ނޫން ފޮށްޓަކަށް ވޯޓު ކަރުދާސްކޮޅު ލެވުނު ނަމަވެސް، އެ ވޯޓު ގުނާނެ ކަމުގެ ޔަގީންކަން އީސީން ވަނީ ދީފައެވެ.
މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ ޖުމްލަ 294،876 މީހުން ތިބިއިރު، މިއަދު 14:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ޖުމްލަ އަކީ 131،947 އެވެ. އެއީ 63،175 އަންހެނުންނާއި 68،772 ފިރިހެނުންނެވެ. އެހެންކަމުން އެއީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ 44.75 ޕަސެންޓެވެ.




