ވޯޓުލާން ހާއްސަކޮށް އަޅާފައި ޓެންޓެއްގައި ވޯޓުލާން ގިނަބަޔަކު އެއްވެފައި.--
ހަތަރެއް ޖެހުމާ ހަމައަށް 63 ޕަސެންޓު މީހުން ވޯޓުލައިފި
މަރްޔަމް މުޙައްމަދު 4 އޭޕްރީލް 2026 (ހޮނިހިރު)   16:59
މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށްދާއިރު ހަވީރު 4:00 އާ ހަމައަށް 63 ޕަސެންޓް މީހުން ވޯޓު ލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި 16:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ޖުމްލަ އަކީ 185،709 އެވެ. އެއީ 92،567 އަންހެނުންނާއި  93،142 ފިރިހެނުންނެވެ. އެހެންކަމުން އެއީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ 62.98 ޕަސެންޓެވެ.

ހަވީރު 16:00 އާ ހަމައަށް ވޯޓު ނުލާ މީހުންގެ އަދަދަކީ 109،167 މީހުންނެވެ. އެއީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 37.02 ޕަސެންޓް މީހުންނެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާ 3 އިންތިހާބުގައި ވޯޓް ލުމަށް ކޮންމެ މަރުކަޒެއްގައި 3 ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

މި 3 ފޮއްޓާއި 3 ކަރުދާސް ފަސޭހައިން ފާހަގަ ވާނެ ގޮތެއް ނެތުމުގެ ސަބަބުން ވޯޓު ފޮށްޓަށް ލުމުގައި ބައެއް ފަރާތްތަކަށް އުނދަގުލާ ކުރިމަތިވެފައި ވެއެވެ. އެފަދަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް އާންމުންދަނީ ޝަކުވާ ކުރަމުންނެވެ.

މި އިންތިހާބުތަކުގައި ވޯޓުލާންދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޫކުރާއިރު، އުސޫލެއްގެ ގޮތުން ކޮންމެ ކަރުދާސްކޮޅެއްވެސް ވައްޓާލަންޖެހެނީ އެ އިންތިހާބަކަށް ހާއްސަކޮށްފައިވާ ފޮށްޓަށެވެ. ނަމަވެސް، ވޯޓުލާ މީހާއަށް އޮޅިގެން އެ ނޫން ފޮށްޓަކަށް ވޯޓު ކަރުދާސްކޮޅު ލެވުނު ނަމަވެސް، އެ ވޯޓު ގުނާނެ ކަމުގެ ޔަގީންކަން އީސީން ވަނީ ދީފައެވެ.

ކޮމެންޓް