ރައީސް ޑރ.މުއިއްޒު، މިއަދު ވޯޓު ދެއްވުމަށްފަހު ވޯޓުލާ މަރުކަޒުން ނުކުންނަވަނީ.-- ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ) | ފިޔެސް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް މުއިއްޒު
ސަރުކާރުން ރަނގަޅު ކުރަންހުރި ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި
މަރްޔަމް މުޙައްމަދު 5 އޭޕްރީލް 2026 (އާދީއްތަ)   00:18
މިއަދު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް އިހުތިރާމް ކުރައްވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގިނަ ވޯޓު ފޮށިތަކެއް ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދާއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް އާންމުކުރި ނަތީޖާއިން ގިނަބަޔަކު ވޯޓު ދީފައިވަނީ ސަރުކާރުން ކެމްޕޭނުކުރި ގޮތާ ދެކޮޅަށް، ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.

މާލެ ސިޓީ އާއި ރާއްޖޭގެ ބޮޑަތި އާބާދީތަކުގެ ހަތަރު ސިޓީ ކަމަށްވާ އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީ މޭޔަރު އިންތިހާބު ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވާފައެވެ. 

މިއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުންދަނިކޮށް، ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަ ކަމަށެވެ.

"އަދި މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވަން. ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ސަރުކާރުން މި އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި ވަނީ ގިނަ އަދަދަކަށް ވަޒީފާތަކަށް މީހުންނަގައި ގިނަ ޕްރޮޖެކްޓްތައް އިއުލާން ކޮށްފައެވެ. މީގެ އިތުރުންވެސް ވޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުން ގިނަ ކަންތައްތަކެއް ކުރިކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ފާހަގަކޮށް، ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. 


ކޮމެންޓް