ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް، އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު.-- ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ) | ފިޔެސް
ސަރުކާރުން ލަސްނުކޮށް ރައްޔިތުންގެ އަޑުއަހަން ގޮވާލައިފި
މަރްޔަމް މުޙައްމަދު 5 އޭޕްރީލް 2026 (އާދީއްތަ)   06:21
ސަރުކާރުން ލަސްނުކޮށް ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އިންތިހާބުތަކުން އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައި ކަމަށާއި ރައްޔިތުން އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ ކަމަށެވެ.

"ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ. ރައްޔިތުން މި އަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ. ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން." އެކްސްގައި ރޭ ކުރެއްވި ޕޯސްޓްގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ އެމްޑީޕީން އިންތިހާބް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައި، އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވި އެމްޑީގެ ހުރިހާ މެންބަރުންނަށާއި އެމްޑީޕީއަށް ހެޔޮއެދޭ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިއްޔެ ލީ ވޯޓުގެ ހުރިހާ ވޯޓު ފޮށިތަކެއްހެން ގުނައި ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާއިރު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ގިނަބަޔަކު ވޯޓު ދީފައިވަނީ ސަރުކާރުން ކެމްޕޭނުކުރި ގޮތާ ދެކޮޅަށް، ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.

މާލެ ސިޓީ އާއި ރާއްޖޭގެ ބޮޑަތި އާބާދީތަކުގެ ހަތަރު ސިޓީ ކަމަށްވާ އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީ މޭޔަރު އިންތިހާބު ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވާފައެވެ.

މީގެ އިތުރުންވެސް އެމްޑީޕީގެ ގިނަ ކެންޑިޑޭޓުން ވަނީ ނިސްބަތުން ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް