
މަނަދޫގެ އިންތިހާބުގައި ވޯޓުލާން ނުޖެހޭއިރު، އެ ކަރުދާހުގައި ފާހަގަލާފައި ވަނީ ޕީއެންސީ މަނަދޫ ދާއިރާގެ ނައިބުރައީސް އެވެ. އެބޭފުޅާ ކަން ޔަގީންވާ ވަރަށް ހެކި ފެންނަ ސަބަބެއް ކަމަށް ފިޔެސް އަށް ލިބުނު މައުލޫމާތުން ހާމަވަނީ، އެ ބޭފުޅާއަކީ މާލޭ ދާއިރާއަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ވާއިރު، އެބޭފުޅާ ރީ ރެޖިސްޓަރ ކޮށްފައި ވަނީ، ނ. މަނަދޫ ޕްރީ ސުކޫލް ކްލާސްރޫމް 3 ގައި ބެހެއްޓިފައިވާ D10.2/83 ވޯޓު ފޮއްޓަށެވެ.
އަދި އެބޭފުޅާ މަނަދޫގެ އެ ފޮއްޓަށް ވޯޓުލާން ވެސް ވަޑައިގަންނަވާފައި ވާއިރު، އެބޭފުޅާ ނިސްބަތްވާ ދާއިރާގެ ކަރުދާސްކޮޅެއް D10.2/83 ގެ ވޯޓުފޮއްޓަކު ނެތެވެ. އެހެންކަމުން މަނަދޫގެ ކައުންސިލާ ޑަބްލިޔުޑީސީގެ އިންތިހާބު ކަރުދާސްކޮޅުތަކުގެ އަދަދަށް ބެލުމުން އެއިން އެއް ކަރުދާސްކޮޅު އެ ފޮއްޓަށް ވޯޓުލާފައިވާ މަނަދޫ އަށް ނިސްބަތްވާ މީހުންގެ އަދަދަށްވުރެ ވަނީ އިތުރުވެފައެވެ.
އެހެންކަމަށް ވާއިރު އެ ފޮށީގެ ނަތީޖާއިން ފާހަގަކުރެވޭ އެންމެބޮޑު އެއް ކަމަކީ، ވެރިކަންކުރާ ޕީއެންސީގެ ޑަބްލިޔުޑީސީ ކެންޑިޑޭޓަކު ވަނީ އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުރެ އެންމެ ވޯޓެއްގެ ތަފާތަކުން ކުރީގައިކަމެވެ.
އަދި އެ މައްސަލަ މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާއެއްގެ ގޮތުގައި ހުށަހަޅާފައި ކަމަށްވާއިރު، އެ ޝަކުވާ ހުށަހެޅި ފޯމްގެ ކޮޕީއެއް ވެސް ފިޔެސް އަށް ވަނީ ލިބިފައެވެ.
ހުށަހަޅާފައިވާ އެ ޝަކުވާގައި ބުނެފައި ވަނީ "ނ. މަނަދޫ ޕްރީ ސުކޫލް ކްލާސްރޫމް 3 ގައި ބެހެއްޓިފައިވާ މަނަދޫ ދާއިރާގެ ވޯޓް ފޮށްޓަށް، މާލެ ދާއިރާއަކަށް ނިސްބަތްވާ މީހަކު މަނަދޫ އަށް ނިސްބަތްވާ ވޯޓު ކަރުދާހެއް ލާފައިވާ މައްސަލައެއް އަޅުގަނޑުމެންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ވޯޓު ގުނާ ނިމި، ވަގުތީ ނަތީޖާ ޝީޓްތައް ހާމަކުރި ފަހުން، މި މައްސަލައަކީ ހިނގާފައިވާ ކަމެއްކަން އިލެކްޝަންސް ކޮމިޝަންގެ މަނަދޫ ފޯކަލް ޕޮއިންޓާއި، އެ ފޮށީގެ ވެރިޔާވެސް ވަނީ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައެވެ. ވޯޓުލާ މަރުކަޒުގައި ވޯޓުލާން އަންނަ ކޮންމެ މީހެއްގެ އައިޑީކާޑު ޗެކުކޮށް، ދާއިރާގެ ނަން ކިއުމަށްފަހު ވޯޓު ކަރުދާސް ހަވާލުކުރަން ޖެހޭއިރު، މާލެ ދާއިރާގެ މީހަކަށް މަނަދޫގެ ކައުނސިލާ ޑަބްލިޔުޑީސީގެ ވޯޓު ކަރުދާހެއް ލިބި، އެ ކަރުދާސް ފޮށްޓަށް ލެވި، އަދި ވޯޓު ގުނިއިރު އެ ކަރުދާސް ހިމަނައިގެން ގުނާފައިވުމަކީ މި ވޯޓު ފޮށީގެ ނަތީޖާގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ކަމެކެވެ."
އަދި މިކަމަށް ފޮށީގެ ވެރިޔާއާއި ފޯކަލް ޕޮއިންޓް އިއުތިރާފްވެފައިވާތީ، މި ފޮށީގެ ނަތީޖާއަކީ ސައްހަ ނަތީޖާއެއް ކަމަށް ގަބޫލު ނުކުރާކަމަށް ބުނެ ޝަކުވާގެ ފޯމުގައި ބުނެފައިވަނީ، މިކަން މިގޮތަށް ހިނގާ، ވަގުތީ ނަތީޖާ ޝީޓުގައިވެސް އެ ވޯޓު ހިމެނިފައި ވާއިރު، އެކަކަށް މިގޮތަށް ވޯޓުލެވި، އެކަން ނަތީޖާ ޝީޓުން ފާހަގަނުވީއިރު، އެކަކަށްވުރެ ގިނަ މީހުން ވެސް މިގޮތަށް ވޯޓުލާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ޝަކުވާގައި ބުނެއެވެ.
އެހެންކަމުން، މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށްދެއްވައި، މި ފޮށީގެ ސައްހަކަން ގެއްލިފައިވާތީ، މި ފޮށީގައި އަލުން ވޯޓުލުން ބޭއްވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އެދި އިހުލާސްތެރިކަމާއެކު އިލެކްޝަންސް ކޮމިޝަނުގައި ދަންނަވާ ކަމަށް ވެސް އެ ޝަކުވާގައި ބުނެއެވެ.
އަދި މި ނޫންވެސް އެހެން ބައެއް ދާއިރާތަކުގައި ވޯޓުލީ ދުވަހު ވެސް، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ އެ ޕާޓީގެ އިސް ބޭބޭފުޅުން މިފަދަ މަކަރާއި ހީލަތް ހައްދަވާފައިވާ ކަމުގެ ޝަކުވާތަކާއި، ރިޝްވަތުގެ ފައިސާ ވެސް އެ ދުވަހު ފާޅުގައި ޕީއެންސީގެ ބޭފުޅުން ބައްސަވަމުން ގެންދިޔަ ކަމުގެ ޝަކުވާތަކެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަން ފާހަގަކޮށްލެވެއެވެ.




