
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ކުރި ޕޯސްޓެއްގައި ބުނީ "ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި" ކަމަށެވެ.
ފެނަކައިގެ އެމްޑީއަކަށް ނަޖާހު އައްޔަނު ކުރީ، އެ މަގާމުގައި އޭގެ ކުރިން ހުރި އިބްރާހިމް މުއާޒް ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
ނަޖާހު އެ މަގާމަށް އައްޔަނުކުރީ ޑިސެމްބަރު 2024، ގައެވެ.
ނިމިގެންދިޔަ އިންތިހާބާ ދިމާކޮށް ސަރުކާރަށް މެޖޯރިޓީ ހޯދުމުގެ ގޮތުން ރަށްރަށުގައި ފެނަކައިން އެތައް ސަތޭކަ ވަޒީފާއެއް އުފެއްދި އެވެ. އަދި ސަރުކާރުން ހޮވަން ބޭނުންވި ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ ބައެއް މުވައްޒަފުންގެ ވަޒީފާވެސް ވަނީ އެހެން ރަށްރަށަށް ބަދަލުކޮށްފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފެނަކައިން ފޯރުކޮށްދެމުން އަންނައިރު ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު ކުންފުންޏަކީ ވެސް ފެނަކަ އެވެ.
އެ ކުންފުނީގެ މެނޭޖުމަންޓުތަކުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، މީގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަށް ވެސް ބުރޫއަރައި އެ ކުންފުނީގެ ދަރަނި ވަނީ އިންތިހާއަށް ބޮޑުވެފައެވެ.




