މުހައްމަދު ހުސައިން ޝަރީފު (މުންދު) އަދި ޑރ.ސަލްމާ ރަޝީދު.--
މުންދު އާއި ސަލްމާ މަގާމުން ވަކިކޮށްފި
ހަސަން އިބްރާހީމް 6 އޭޕްރީލް 2026 (ހޯމަ)   18:53
ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފިއެވެ.

މި ދެ ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައި މިވަނީ، ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ. މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

ލީކުވެފައިވާ އޯޑިއޯގައި އަސްމާ ރަޝީދު ވަނީ ސަރުކާރާއި ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

މުންދު އާއި ސަލްމާގެ އިތުރުން އަސްމާގެ އެހެން ބޭފުޅެއް ކަމަށްވާ އައިމިނަތު ހުސައިން ޝަރީފް ވެސް ހުންނެވީ މި ސަރުކާރުގެ އިސް މަގާމެއްގަ އެވެ. ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ހުސައިން ޝަރީފު ވެސް މަގާމުން ވަކިކުރާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބާއި ރެފަރެންޑަމްގައި ބޮޑުތަނުން ސަރުކާރު ބަލިވެފައި ވަނިކޮށް މިފަދަ ފިޔަވަޅުތައް އަޅަނީ، ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ވަކި ކުރުމަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު މަގާމުން ވަކިކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި އިތުރު ގިނަބަޔަކުގެ މަގާމަށް ބަދަލުތައް އަންނާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކޮމެންޓް