އިބްރާހީމް ވަހީދު އަދި އަހުމަދު މައުރޫފް
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބުރޭ އާއި ލީގަލް ޑިރެކްޓަރު މައުރޫފް މަގާމުން ވަކިކޮށްފި
ހަސަން އިބްރާހީމް 7 އޭޕްރީލް 2026 (އަންގާރަ)   19:14
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން މިއަދު ވަކިކޮށްފި އެވެ.

އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ސޮއި ކުރައްވައި އެ ދެބޭފުޅުންނަށް ފޮނުއްވި ސިޓީ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ފުރަތަމަ އާންމުވި މައުރޫފަށް ފޮނުވި ސިޓީ ގައި ވަނީ ލީގަލް ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން މައުރޫފް ވަކިކޮށްފައިވާ ކަމަށެވެ.

މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިޔަސް މައުރޫފް އެ މަގާމުން ވަކިކުރި ސަބަބެއް ސިޓީގައި ބަޔާންކޮށްފައެއް ނުވެއެވެ.

ފިޔެސް އަށް މައުލޫމާތު ދެއްވަމުން މައުރޫފް ވިދާޅުވީ، ވަކިކުރީ ކޮން ސަބަބަކާ ހުރެކަން އެއްވެސް ވަރަކަށް ނޭނގޭ ކަމަށާއި، އެފަދަ އެއްވެސް ވާހަކައެއް ކުރިން އިވިފައިވެސް ނުވާކަމަށެވެ.

މައުރޫފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ގަފޫރު ސޮއިކުރައްވައި އިބުރޭއަށް ފޮނުއްވި ސިޓީގައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ވަކި ކުރީ ކަމަށެވެ.

އެ ސިޓީ އެކްސްގައި މިއަދު ހަވީރު އާންމު ކުރައްވައި އިބުރޭ ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބުގެ މަޤާމުން އޭނާ ވަކިކޮށްފި ކަމަށް އަންގައިފި ކަމަށާއި "ގަފޫރު ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.

އިބުރޭ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މަގާމު އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުކަން އަދާކުރެއްވި ބޭފުޅެކެވެ.

މި ދެބޭފުޅުން މަގާމުން ވަކިކުރައްވާފައި މިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނުދިން މައްސަލާގައި އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވެފައި ވަނިކޮށެވެ.

އެކަމުގައި ޒިންމާވާންޖެހޭނީ ގަފޫރު ކަމަށް ބުނެ، އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ދަނީ ސޯޝަލް މީޑިއާގައާއި އެމްޑީޕީ ގްރޫޕްތަކުގައި ގަފޫރުގެ އިސްތިއުފާއަށް ގޮވަމުންނެވެ.

ކޮމެންޓް