
މިކަމާގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި، އަސްމާއްތަ ވިދާޅުވެފައި ވަނީ، އޭނާ ޕާޓީން ވަކި ކުރަން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހަށް ރައީސް މުއިއްޒު މިހާރު އަންގަވާފައިވާ ކަމަށެވެ.
އަސްމާއްތަ ޕާޓީން ވަކިކޮށްފި ނަމަ، މި ސަރުކާރުން ގާނޫނަށް މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، އޭނާގެ މަޖިލިސް ގޮނޑި ގެއްލިގެން ދާނެއެވެ.
އަސްމާއްތައާ ދެކޮޅަށް ޕީއެންސީގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުން އަންނަ މައްސަލައަކީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ގައި ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވޯޓުނުދޭން ބާރުއަޅާ އޭނާ ވާހަކަދައްކާފައިވާ އޯޑިއޯއެއް ލީކުވުމުން އެ މައްސަލައެވެ.
އަސްމާއްތަ އާއި ޕީއެންސީގެ އާންމު މެންބަރަކާ ދެމެދު ދެކެވުނު ވާހަކައިގެ އެ އޯޑިއޯގައި އަސްމާ ވިދާޅުވީ ސަރުކާރުގެ ބަހަށް ނުހެއްލި ސުޕަވައިޒަރުގެ މަގާމު ނުދެނީސް ޕީއެންސީގެ އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިނުވުމަށް އެދޭ ކަމަށެވެ. ސުޕަވައިޒަރުގެ މަގާމު ލިބުނަސް ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ވެސް އޭނާ ބާރު އެޅުއްވި އެވެ.
"ނަމަނަމަ މަ މި ބުނީ އެމީހުންގެ ބަހަށް ނުހެއްލޭތި. ކޮންބައެއް އެއީ. އެނގިއްޖެ. ނުހެއްލޭތި. ނުނިކުންނާތި. އެއްކަމެއްވެސް އަނެކަތި ނުކުރާތި. ހަމަ އެމީހުން ބުނާއިރަށްވެސް ބުނޭ ތިމަންނަގެ ސުޕަވައިޒަރުކަން ދޭށޭ. އޭރަށް އެ ނިމުނީއޭ. އޭރުން ހުންނާނަމޭ. ނުހޮވޭނެއޭ. ކިތަންމެ ވަރެއް ދެއްކިޔަސް ނުހޮވޭނެއޭ. އަހަރެން ބޭނުމެއްވެސް ނޫނޭ މިހާރު،" އޭނާ ވިދާޅުވި އެވެ.
އަސްމާ ވިދާޅުވީ އޭނާދެކެ ލޯބިވާ މީހުން ވަރަށް ގިނަވާނެ ކަމަށާއި އޭނާއާ މެދު ކަންތައް ކުރި ގޮތުން ޕީއެންސީއަށް ވޯޓު ނުދޭނެ ކަމަށް ބުނެ ގިނަ ބަޔަކު ގުޅި ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވެސް އޭނާ ނުނިކުމެއްޖެއްޔާ މުހައްމަދު މުއިއްޒުއަށް ދެ ވަނަ ދައުރެއް ނުލިބޭނެ ކަމަށް ވެސް އަސްމާ ވިދާޅުވި އެވެ.
"އަހަރެން ނުނިކުމެއްޖެއްޔާ ރައީސަކަށް ރިޔާސީ އިންތިހާބުވެސް ނުނެގޭނެ. ވަރަށް ސާފުކޮށް މި ބުނަނީ. މަދެކެ ލޯބިވާ މީހުން ވަރަށް ގިނަ. މަ ބުނާހާ ގޮތެއް ހަދާ. މިހާރުވެސް މީހުން ކިހިނެއްހޭ ހަދަންވީ ކިޔާފައި އެބަ ބުނޭ ތިމަންނަ ބޭނުމެއް ނޫނޭ އަސްމާއްތައަށް އެހެން ހެދީމަކާ ތިމަންނައެއް ބޭނުމެއް ނޫނޭ ޕީއެންސީއަކަށް ވޯޓުލާކަށް،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ގޮނޑިވެސް ސަރުކާރަށް ގެއްލުވާނުވެލޭވެނެކަން ފާހަގަކުރައްވާ އަސްމާ ވިދާޅުވީ މިހާ ހިސާބަށް އޭނާ އައީ އަމިއްލައަށް ކުރި ބުރަ މަސައްކަތުން ކަމަށާ، ސަރުކާރުން ކުރި ޖެއްސުން އެނގޭނީ ވެސް އޭނާއަށް ކަމަށެވެ.
"އެއްކަމެއް ވެސް ނުކުރެވޭނެ. އަހަރެންނަށް އެއްކަމެއްވެސް ނުކުރެވޭނެ. އަހަރެންނަކީ އަމިއްލައަށް، އަމިއްލަ އަރީގައި މި ހިސާބަށް އައި މީހެއް. އެހެންވީމަކާ ނުވާނެ. ކަލޭމެންނަށް އެނގޭނެ އަހަރެންނަށް ކުރި ޖެއްސުން. އެމީހުން މިއޮތް ހުރިހާ ދުވަހުވެސް މި ހިފެހެއްޓީ އަހަރެންނެއްނު. އަހަރެން އޮންބޯޑުކުރާނަމޭ. ކިހިނެއް. އެކަމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އަސްމާ ވިދާޅުވީ މަޖިލީހުގެ ގޮނޑި ގެއްލުވާލައިފިނަމަ މަޖިލީހުގެ ގޮނޑި ދިފާއުކުރާނީ އިދިކޮޅު އެމްޑީޕީގެ ވޯޓާވެސް އެކުގައި ކަމަށެވެ. އޭނާ އެހެން ވިދާޅުވެފައި މިވަނީ ޕާޓީން ކަނޑާލައިގެން މަޖިލިސް ގޮނޑި ގެއްލިއްޖެނަމަ، އެ މެންބަރަކު އަނބުރާ މަޖިލީހަށް ހޮވައިދޭން އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް ނިންމާފައި ވަނިކޮށެވެ.




