ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 29
މ ޝ 7 އޭޕްރީލް 2026 (އަންގާރަ)   06:02
...މާންގެ މަންމަ ބުނެފަ އޮތީ އެކުދިންގެ ސްކޫލް ބަންދުގައި ހިންމަފުށްޓަށް ދާނެ ވާހަކައެވެ. އެކަމަކު ރަޒީނައްތަ ބަލި އިރު އެކަން ވާނެބާވައޭ އުލްޔާ ހިތަށް އެރިއެވެ. އެހެން އޮއްވާ އުލްޔާއަށް ނިދުނީ އެވެ.

(ކުރީ ހަފްތާއާ ގުޅޭ)

ޖެހިގެން އައި ދުވަހު ހެނދުނު އުލްޔާ ގަސްތަކަށް ފެންދޭން ހުއްޓާ ދޮރާށި ހުޅުވާލާފައި ވަދެގެން އަންނަތަން ފެނުނީ އޭނާގެ ބައްޕައެވެ. އަތުގައި ފޮށިގަނޑަކާއި ކޮތަޅުތަކެއް ހުރިއިރު ބައްޕަ ހުރީ އާންމުކޮށް ރިޒޯޓުން އަންނައިރު އަޅާ ބެކްޕެކް އަޅައިގެންނެވެ. ބައްޕަ އެއައީ އޮފްޑޭއަށެވެ.

'ދަރިފުޅާ ކިހިނެއް ހާލު؟ ދައްތަ ކޮބާ ރަނގަޅުތަ؟' ބައްޕަ މިފަހަރު ދަރިފުޅަށް ހަދިޔާއެއް ގެނައިން... ހިނގާ ހަދިޔާ ކަނޑަން' ބައްޕަ ހުރީ ވަރަށް އުފާވެފައިކަން އުލްޔާއަށް އެނގުނީ ބައްޕަގެ އަޑާއި ވާހަކަދެއްކި ރާގުންނެވެ.

ދެބަފައިން ބަދިގޭ ކާމޭޒު ކައިރިއަށްގޮސް މަޑުކުރިއެވެ. ބައްޕަ ގެނައި ފޮށިގަނޑުގެ މަތި ހުޅުވާލީ އުލްޔާއެވެ. ފޮށިގަނޑުގެ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ ފެއްސާ ރަތާ ރީނދުލާ ނޫކުލައިގެ ކުޑަ ދޫންޏެކެވެ. ދޫނީގެ ތުންގަނޑުގައި ހުރީ އޮރެންޖްކުލައެވެ. އުލްޔާއަކީ ދޫނިސޫފާސޫފި ދެކެ އިންތިހާއަށް ލޯބިވާ ކުއްޖެކެވެ.

'ވާއު... ލޯބި ފުއްކޮޅެއް.... މީ އުލްޔާގެ ހަދިޔާތަ؟ ... ތެންކިއު ބައްޕާ..' އުލްޔާ އެ ދޫނި އޭނާގެ ދެއަތުން ނަގަމުން ބައްޕައާ ގާތަށް ޖެހިލީ އުފަލުން ފޮޅިފައި ހުރެއެވެ. ބައްޕަ އޭނާގެ ބޮލުގައި ފިރުމާލީ ލޯބިންނެވެ.

މަތިން މަޑުމަޑުން ފައިބައިގެން އައި ރަޒީނައްތަވެސް ހުރީ ފެނުނު އުފާވެރި މަންޒަރުން ހެވިފައެވެ. އެހެންޏާ ޒަރީރު އައުމުގެ އެއްދުވަސް ކުރިން އޭނާގެ ގާތުގައި ބުނާނެއެވެ. ގޭގެ ފޯނުލައިނަށް ގުޅާފައި ރޭ ނިދުމުގެ ކުރިން  ވާހަކަދެއްކިއިރުވެސް މިއަދު އަންނަ ވާހަކަ ނުބުނީ ސަޕްރައިޒް ދޭންވެގެންތާއެވެ. އެ ފޯނުކޯލުގައި ދެމަފިރިން މަޝްވަރާކުރީ ދެން ޒަރީރު މާލެ އަންނަފަހަރު އުލްޔާގެ ގާތުގައި ރަޒީނާ ބަނޑުބޮޑު ވާހަކަ ބުނާށެވެ. މާންއާ ހެދި އެކަން އުލްޔާއަށް އެނގިފައި އޮތަސް ރަސްމީކޮށް އެވާހަކަ ދައްކަން ދެމަފިރިން ނިންމިއެވެ.

އުލްޔާގެ އަތުގައި އިން ކުޑަ ގުރާ ފެނުމުން ރަޒީނާވެސް އައިސް އޭތީގެ ބުރަކަށިމަތީ ފިރުމާލިއެވެ. 'ޒަރީރު މިފަހަރު ބުނެވެސްނުލާ ތިއައީ ދޫނި ގެންނާތީ ދޯ' ރަޒީނާ ބުނެލިއެވެ.

'ހިނގާ ދޫނި ލާނެ ކޮއްޓެއް ހޯދަން... ސްޓޯރ ރޫމްގަ ހުންނާނެ ކުރިން މިގޭގަ ދޫނި ގެންގުޅުނު އިރުގެ 3 ކޮށި. ހިނގާބަލަ އުލްޔާއަށް ރީތި ކޮއްޓެއް ހޯދަން.' ރަޒީނާއާއި ޒަރީރު އަދި އުލްޔާ ހިނގައިގަތީ ސްޓޯރ ރޫމާ ދިމާލަށެވެ. އެތަން ހުންނަނީ ސިޓިންގ ރޫމުގެ އެންމެ ކޮޅުގައެވެ. ބޮޑު ކޮޓަރިއެވެ. އެކި ކަހަލަ ބޭނުންތެރި ތަކެތި ހުރިއިރު ހުރިހާ އެއްޗެއްވެސް އެހާ ތަރުތީބެވެ. އެހެންކަމުން އެ 3 ކޮށި ހޯދަންވެސް މާ ގިނައިރެއް ނުނެގިއެވެ. އުލްޔާއަށް ކަމުދިޔައީ ރިހިކުލައިގެ ކޮއްޓެކެވެ. އެއީ އުލްޔާގެ ހިޔާލީ ދުނިޔޭގައި އޭނާގެ އަމިއްލަ ގުރާ ގެންގުޅެން އޭނާ ސިފަކުރަމުން އައި ކަހަލަ ކޮއްޓެކެވެ.

ޒަރީރު އެ ކޮށި ފޮޅާ ސާފުކޮށްފައި ދޫނީގެ ކާނާއާއި ފެން އަޅާ ދެ ކޮންޓެއިނަރއަށް އެބާވަތްތައް އަޅާފައި ބެހެއްޓުމުން ކޮއްޓަށް ދޫނި ލީ އުލްޔާއެވެ. ދޫނި އެގެއަށް އައިއްސުރެ އަޑެއް އިއްވާނުލާ ހުރުމަށްފަހު ކޮއްޓަށް ލުމާއެކު ބާރުބާރަށް ގޮވަން ފެށިއެވެ. އެކަމާހުރެ ތިން މީހުންނަށް އެކީ ހެވުނެވެ.

'ދަރިފުޅު އަބަދު އުރައިގެން ހުންނަން އެ ދޫނި ބޭނުން އެވަނީ... އެހެން ކިހިނެއްތަ ވާނީ ދޯ... ވަރަށް ބަނޑުހައި... ހިނގާ ސައިބޯން.' ޒަރީރު ބުނެލިއެވެ.

ކާގެއަށް ވަދެ އުލްޔާ އަވަސްވެގަތީ އަތްދޮވެ އަތް ހިއްކައިގެން މޭޒުމައްޗަށް ތަށިތައް ނެގުމަށެވެ. އޭރު އޭނާ ހުރީ ބިސް ކައްކާފައި، މޭވާވެސް ކޮށާފައެވެ. ސައި އަޅާ ދެ ތަރުމޯޒުގައި ކިރު ސަޔާއި ކަޅު ސައި ހުއްޓެވެ. ޖޭމާއި، ބަޓަރާއި ޕާން ވެސް މޭޒު މަތީގައި ހުއްޓެވެ. އުލްޔާގެ ބައްޕަ އަށް ދެ ފޮތި ޕާން ޓޯސްޓްކުރަން ޓޯސްޓަރަށް ލީ އުލްޔާއެވެ. ރަޒީނައްތަ އުޅުނީ 3 ޖޯޑަށް ސައި އަޅާށެވެ.

ތިން މީހުން ސައިބޮމުން ދިޔަ ވަގުތު ޒަރީރު އޭނާގެ ދަރިފުޅަށް ބުންޏެވެ. 'ދަރިފުޅުގެ ރިޕޯޓް ފޯމް ލިބިއްޖެ ދޯ... ސައި ބޮއިގެން ބަލާނީ... ރަޒީނައްތައާ ބައްޕަ އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދަރިފުޅު ގާތުގައި ދައްކަން...'

އެހިސާބުން ދެން ވާހަދެއްކީ ރަޒީނައްތައެވެ. 'އުލްޔާ ކައިރީ މާން ބުނެފި ރަޒީނައްތަ ޕްރެގް ވާހަކަ ދޯ... މިފަހުން އައިވީ އަޅާން އެޑްމިޓްކުރިއިރުވެސް އުލްޔާއަށް އެނގޭ އެކަން... މިބޭބީ އުފަންވާނެ ކަމަށް ޑޮކްޓަރ ދިން ތާރީހަކީ 24 އޭޕްރީލް.. އަންނަ އަހަރު އުލްޔާ ގްރޭޑް ހަތެއްގަ އުޅެނިކޮށް 3 ވަނަ ކޮއްކޮއެއް ލިބޭނީ..' ވަރަށް ހެވިފައިހުރެ ރަޒީނައްތަ ބުނެލިއެވެ. އެއީ ލޯބިވެތި ވަގުތުކޮޅެކެވެ.

އެފަހަރުގެ ސްކޫލް ބަންދުގައި އުލްޔާ އެކަނިވެރިވާނެ ވަގުތެއް ނުލިބެއެވެ. އޭނާގެ ދޫނި 'ކީކީ' އާ ވާހަކަދައްކަން ހުރުމަކީ އޭނާ އެންމެ ލޯބިކުރާ ކަންތައް ކަމުގައިވިއެވެ. ދޭތެރެއަކުން އެގެއަށް ވަދެލާފައި މާނުވެސް އުލްޔާއަށް ކޮންމެވެސް ޖެއްސުމެއް ކޮށްލާ ސަކަރާތްޖަހާލާ އުޅެއެވެ. އުލްޔާއާ އެއް ގުރޭޑެއްގައި މާނުވެސް އުޅޭތީ ބައެއް ވަގުތުތަކުގައި ދެކުދިން އެކީގައި 3 ވަނަ ޓާރމް ފެށެންވާއިރަށް އެޓާރމްގެ ފިލާވަޅުތައް ކިޔަންވެސް ތިބެއެވެ. އެކުގައި އުލްޔާގެ ބައްޕަގެ ފިހާރައަށް ގޮސް ޖޫސްޕެޓީއާއި ޓޮފީ ގަނެގެން އައިސް ރަޒީނައްތަވެސް ބައިވެރިކޮށްގެން އެ ކައިބޮއެ މަޖާވެސް ކުރެއެވެ.

(ނުނިމޭ)

ކޮމެންޓް