ބެސްޓިނެޓް އެއްބަސްވުމުން އެތައް މިލިޔަނެއް ލާނީ ޖީބަށް – ޑރ.ޝަމްހީދު
ޖުނާން އަޙުމަދު 25 ފެބްރުއަރީ 2025 (އަންގާރަ)   12:01
އިމިގްރޭޝަނުން ބޭނުންކުރާ އެކްސްޕެޓް ސިސްޓަމް ހުއްޓުވައި މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމަކީ ކޮރަޕްޝަން އެކުލެވިގެންވާ މުއާމަލާތެއް ކަމަށާ، އެކަމުން އެތައް މިލިޔަން ފައިސާއެއް ޖީބަށް ލާނެކަމަށް ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަމްހީދު މިފަދައިން ވިދާޅުވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ދިފާއުގައި މިއަދު މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައެވެ.

މިނިސްޓަރު އިހުސާންގެ އިތުބާރުނެތް މައްސަލަ އެމްޑީޕީން ހުށަހެޅިއިރު، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމަކީ ދައުލަތަށް ގެއްލުން ލިބޭނެކަމެއް ކަމަށް ފާހަގަކޮށްފައި ވެއެވެ.

ޑރ.ޝަމްހީދު ވަނީ އެވާހަކަ ވަރަށް ތަފުސީލުކޮށް ވިދާޅުވެފައެވެ. ބެސްޓިނެޓަކީ ކިހާވަރެއްގެ ކުންފުންޏެއްކަން ގޫގުލް ސާޗް ކޮށްލިޔަސް އެނގޭނެ ކަމަށާއި އެތައް ކޮރަޕްޝަނުގެ މައްސަލަތަކާއި މަނީލޯންޑަރިންގެ މައްސަލަތައް މިހާރުވެސް އެކުންފުނީގެ ވެރިންނާ ދެކޮޅަށް ހިނގާ ކަމަށް ޑރ.ޝަމްހީދު ފާހަގަކުރެއްވިއެވެ. 

"މިއަދު އިހުސާނު ބޭރުކުރާ ތިރީސްހާސް މީހުންނަކީ ހަގީގަތުގައި މިކުންފުނިން މިރާއްޖެއަށް އެތެރެކުރި މީހުން. ބޭނުމަކީ އަނެއްކާވެސް މި ތިރީސްހާސް މީހުން އެތެރެ ކޮށްގެން މިއިން ކޮންމެ މީހަކަށް ފަސްހާސް ޑޮލަރު މަގުން އަހަރަކު 150 މިލިޔަން ޑޮލަރު މިބޭފުޅުންގެ ޕޮކެޓަށްލުން. ޖުމްލަ މި އެގްރީމެންޓްގެ މުއްދަތުގެ ތެރޭގައި މިގޮތަށް ބަންގްލަދޭޝް މީހުން އަތުން ހަމައެކަނި 3.7 ބިލިޔަން ރުފިޔާ މި ކޮރަޕްޝަނުގެ ތެރޭން މިބޭފުޅުންނަށް އެބަ ލިބޭ." ޝަމްހީދު ވިދާޅުވިއެވެ.  

އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ހުށަހެޅި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައި އޮތީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަމަށެވެ.

މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ވެރިކަން ހިންގާ ޕީއެންސީގެ ސާފު އަގުލަބިއްޔަތު މަޖިލީހުގައި އޮތް އިރު، މި މައްސަލަ އިހުސާނާ ދެކޮޅަށް ފާސްވުމަކީ ނާދިރުކަމެވެ.

ކޮމެންޓް