އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ.-- ފޮޓޯ: އެމްޑީޕީ
ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ، 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފި
ފިޔެސް 8 އޭޕްރީލް 2026 (ބުދަ)   15:06
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ، އެ ޕާޓީ ގައުމީ މަޖިލިސް 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފި އެވެ.

މިއަދު މެންދުރުފަހު 2:13 ގައި އެ މައްސަލަ އެމްޑީޕީ އޮފީހަށް ހުށަހެޅިއިރު، އެ ލިޔުމުގައި ފާހަގަކޮށްފައި ވަނީ ވަގުތީ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޗެއާޕާސަން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އެހެން ފަރާތަކުން އަންގާހާ ގޮތަކަށް ނިންމުންތައް ނިންމާ ކަމާއި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށެވެ.

އެގޮތުން ޕާޓީގެ ޗެއާޕާސަންގެ ނައިބް އިބްރާހިމް ވަހީދު އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް، އެއްވެސް ސަބަބެއް އެންގުމެއްނެތި މަގާމުން ވަކިކުރިކަން ފާހަގަ ކޮށްފައި ވެއެވެ.

މައްސަލަ ހުށަހެޅި ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ގަފޫރު ވަނީ ޕާޓީ އާއި މެންބަރުންގެ މަސްލަހަތު ހިމާޔަތް ކުރަން ނުކުޅެދިފައެވެ.

އެހެންކަމުން، ޕާޓީގެ މަސްލަހަތަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ގަފޫރު މަގާމުން އެއްކިބާވެ، މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތްކުރާނޭ ފަރާތަކާ ވަގުތީ ޗެއާޕާސަންކަމުގެ މަގާމު ހަވަލުކުރުން ކަމުގައި ދެކޭތީ ގަފޫރު އެ މަގާމުން ވަކިކުރުމަށް ހުށަހަޅައި، އެ ހުށަހެޅުން އެޖެންޑާ ކޮށްދީ، އެ ހުށަހެޅުމަށް ވޯޓަށް އެހުމަށް ވީހާވެސް އަވަހަށް ގައުމީ މަޖިލިސްގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދިފައި ވެއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގަފޫރު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމަށް އައްޔަނުކުރީ 2025 ޑިސެމްބަރު 8 ގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ 65 މެމްބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގައި ދެބަސްވުންތައް އުފެދި މައްސަލަ ހޫނުވެގެން މިދިޔައީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދިނުމަށް ފަހު، ފަހުން އެޖެންޑާ އިން އެ އައިޓަމް އުނިކުރި މައްސަލައެއްގަ އެވެ. 

އެ މައްސަލަ ހޫނުވެ، ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އަދި އެބޭފުޅުންނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެ ޖަލްސާ ބޮއިކޮޓްކުރި އެވެ. 

އޭގެފަހުން ގަފޫރުގެ އިސްތިއުފާއަށް ސޯޝަލްމީޑިއާގައި އާންމު މެންބަރުން ގޮވަމުންދަނިކޮށް ކުއްލި ގޮތަކަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް އާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވަކިކުރިއެވެ. އިބުރޭ ވަކިކުރި ސިޓީ އެކްސްގައި އިއްޔެ އާންމު ކުރައްވައި އިބުރޭ ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބުގެ މަގާމުން އޭނާ ވަކިކޮށްފި ކަމަށް އަންގައިފި ކަމަށާއި "ގަފޫރު ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ. 

ކޮމެންޓް