ޕީއެންއެފް އިން ރޭ ބޭއްވި އެއްވުމުގެ ތެރެއިން.--
މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި، ސިލްސިލާ އެއްވުންތަކެއް ފަށައިފި
މަރްޔަމް މުޙައްމަދު 8 އޭޕްރީލް 2026 (ބުދަ)   08:31
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރަންޓް (ޕީއެންއެފް)އިން ސިލްސިލާ އެއްވުންތަކެއް ފަށައިފިއެވެ.

މާލެ، ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި އެއްވުމުގައި ބައިވެރީން ވަނީ، މިމަހުގެ 4 ވަނަ ދުވަހު ނެގި ވޯޓުން މުއިއްޒަކީ މި ގައުމުގެ ރައީސް ކަމަށް ތާއީދު އޮތް ބޭފުޅެއް ނޫންކަން ސާބިތުވާ ކަމަށް ބުނެ އަޑު އުފުލައިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއެކު މަޖިލިސް އިންތިހާބު ބޭއްވުމާ ގުޅޭގޮތުން ނެގި ރެފަރެންޑަމް ވޯޓުގައި ގިނަ ބަޔަކު ވޯޓު ދީފައިވަނީ ސަރުކާރާ ދެކޮޅަށެވެ.

އެ އިންތިހާބުތަކުން ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ރެފަރެންޑަމް ވޯޓުގައި ސަރުކާރުން ވަކާލާތު ކުރީ، ދެ އިންތިހާބު އެއްކޮށް ބާއްވަން ކަމަށްވީ ނަމަވެސް، 68 ޕަސެންޓް މީހުން އެކަމާ ދެކޮޅު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަބަޔަކާއި އާންމު މެންބަރުންނާއެކު ބޭއްވި މިހަރަކާތް ސިލްސިލާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް ވިދާޅުވެފައި ވެއެވެ. އެ ހަރަކާތަކީ ޕީއެންއެފްގެ ވަރަށް ގިނަ އާންމު މެމްބަރުންތަކެއްގެ އެދުމުގެ މަތީން، އާންމު މެމްބަރުން ކުރިއަށްގެންދާ ހަރަކާތެއް ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެ އެއްވުމުގައި ވާހަކަ ދެއްކެވި ބޭފުޅަކު ބަޔާން ކުރެއްވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ތާއީދާއެކު ވަރަށްބޮޑު އަގުލަބިއްޔަތަކުންނެވެ. އެހެންނަމަވެސް ވެރިކަން ލިބުމާއެކު ކަންކަން ކުރެއްވިގޮތުން މިހާރު އެއަދަދުގެ ދެބައިކުޅަ އެއްބައިވެސް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.


"ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ 129000 މީހުންގެ ވޯޓާއެކީގައި، އެވަރަށް ވޯޓުދިނީ ވަރަށް ގިނަ ވައުދުތަކާއި މެނިފެސްޓޯ އާއި ވަރަށް ގިނަ ކަންތައް ކޮށްދޭނެ ކަމަށް ވިދާޅުވީމަ. އޭގެ ތެރޭގައި ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީންގެ އަމާނަތެކޭ ވެރިކަމަކީ. ތިމަން މަނިކުފާނު ރައީސް ޔާމީންގެ މަޝްވަރާއާ އެކީގައޭ ވެރިކަން ކުރައްވަމުން ގެންދަވާނީ. އެކަމަކު ވެރިކަން ފެށުމާއެކުވެސް ފެނިގެންދިޔަ މުއިއްޒުގެ ހިޔާނާތްތެރިކަން، އޮޅުވާލުން، މަކަރު، ވޯޓުދިން ރައްޔިތުންނަށް ހެދީ ދޮގު... އެންމެފަހުން މިނެގި ވޯޓުގައި ރައްޔިތުންގެ ތެރެއިން 62000 މީހުން މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދުކުރީ."


މި އެއްވުމުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ރައީސް މުއިއްޒު އަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރާޅުގަނޑު ސަރަހައްދުގައި ޝުއޫރު ފާޅުކުރުމަށްފަހު، ފަހުން ވަނީ ބޮޑުތަކުރުފާނު މަގަށް ނުކުމެ މަގުމަތީގައިވެސް ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާފައެވެ.

ޕީއެންއެފުން ވަނީ، އެޕްރީލް 4 ވަނަ ދުވަހުގެރޭ ވޯޓުގެ ނަތީޖާއިން ސަރުކާރަށް ގިނަބަޔަކު ނޫނެކޭ ބުނުމާއެކު އެރޭވެސް މަގުމައްޗަށް ނުކުމެ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާފައެވެ.   

އިންތިޚާބުތަކަށް ފަހު، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ވިދާޅުވެފައިވަނީ ސަރުކާރަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނެފިކަމަށާއި ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

ކޮމެންޓް