ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި..
ރިކޯލް ވޯޓުގެ ވާހަކަ މުއިއްޒު ދައްކަނީ ވޯޓް ހޯދަން
ޖުނާން އަޙުމަދު 30 މާރޗް 2026 (ހޯމަ)   12:11
މި ފެށޭމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ނެގުމަށް ހަމަޖެހިފައިވާ ރިފަރެންޑަމް ވޯޓަށް ފަހުގައި އެ ވޯޓު އަންނަގޮތަކުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިހާރު ވިދާޅުވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ހޯއްދަވަން ކުރައްވާ ކަމެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

'ސަންގު ޓީވީ' އިން އިންތިޒާމުކޮށްގެން ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމުގައި، ތަންފީޒު ކުރައްވާނެ ތާރީހެއް ވިދާޅުނުވި ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ނަތީޖާ ދަށްވެއްޖެނަމަ، ނުވަތަ ގާނޫނީގޮތުން އެ ބަޔަކަށް މަސައްކަތް ނުކުރެވޭކަން ރައްޔިތުންނަށް ފެންނަނަމަ، އެ މެންބަރަކު ނުވަތަ ކައުންސިލަރަކު މަގާމުން ދުރުކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

ލޯކަލް ކައުންސިލްއިންތިހާބުގެ ކެމްޕޭނެއްގެ ގޮތުން، ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފުން ތާއީދުކޮށްފައިވާ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދާ އެކު ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި، ޔާމީން ވިދާޅުވީ، އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކައުންސިލަރުންގެ މައްސަލަތައް ތަކުރާރު ވާނަމަ އަމަލުކުރާނެ ގޮތްތައް ހިމަނަން ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށާ، އެހެންކަމުން ޒަރިޔަންދަށް މޭޔަރުކަން ލިބިއްޖެ ނަމަ، އެފަދަ ބަދަލެއް ގެންނަން މަސައްކަތް ކުރާނެތޯ ސުވާލު ކުރައްވާ ކަމަށެވެ.

ޔާމީންގެ އެ ސުވާލުގެ ޖަވާބުގައި ޒަރިޔަންދު ވިދާޅުވީ، ކައުންސިލަރުންގެ މައްސަލަތައް ތަކުރާރު ވުމުގައި ފާހަގަކުރެވޭ އެންމެބޮޑު މައްސަލަ ކަމުގައިވާ، މާލޭ ސިޓީ ކައުންސިލަށް ކައުންސިލަރުން ހާޒިރުނުވެ، ކޯރަމް ގެއްލުވާލާ މައްސަލައިގައި އެ ކޯރަމް ގެއްލުވާލަނީ ރާވައިގެން ކަމަށާ، ލާމަރުކަޒީ ނިޒާމުގެ އިޖުރާއީ ގަވައިދުގައި މިހާރު ވެސް، ކައުންސިލަރުން ހާޒިރުނުވާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ސާފުކޮށް އޮންނާނެ ކަމަށެވެ.

އެއީ ދެ ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ ނަސޭހަތް ދިނުމާއި، ތިން ވަނަ ފަހަރު ހާޒިރު ނުވި ނަމަ އިންޒާރު ދީ، އެއަށްފަހު މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހެޅުން ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ކައުންސިލަރުން ހާޒިރުނުވުމުން ވެސް ރައްޔިތުންނަށް ޖަވާބުދާރީން ވާން ހުންނަ މީހަކީ މޭޔަރު ކަމަށް ވިދާޅުވެ، އެފަދަ ހާލަތްތަކުގައި، މަޖިލިސް މެންބަރުންނާއި ކައުންސިލަރުން މަގާމުން ވަކިކުރެވޭނެ ނިޒާމު ތައާރަފު ކުރުމުގެ ވާހަކަ ރައީސް މުއިއްޒު މިހާރު އެ ދައްކަވަނީ ީ ލޯކަލް ކައުންސިލް އިންތިހާބާ ކައިރިވީމަ ރައްޔިތުންގެ ޕޮޕިއުލިސްޓް ތާއިދު ހޯދުމަށް ކަމަށެވެ.

"ހައިރާންވޭ އިނގޭތޯ، މި އޮތް ހާ ދުވަހު ކުކުޅު ކޮށީގައި ގެންގުޅުނު މީހުން މިހާރު މި ވިދާޅުވަނީ ލޯކަލް ކައުންސިލް އިންތިހާބާ ކައިރިވީމަ ރައްޔިތުންގެ ޕޮޕިއުލިސްޓް ތާއިދު ހޯދުމަށް ޓަކައި މި ވިދާޅުވަނީ، މި މީހުންނަކީ ރިކޯލް ވޯޓަށް ދާން ޖެހޭ ބަޔެކޭ." – ރައީސް ޔާމީން

އަދި މައި ދެ އިންތިހާބު އެއްކޮށްލުމަކީ އޭގެ ޒާތުގައި މި ސަރުކާރުން ހަދާ ވަރަށްބޮޑު ގޯހެއް ކަމަށް ރައީސް ޔާމީން މީގެ ކުރިން ވެސް ވިދާޅުވާ ވިދާޅުވުން ރޭގެ ޖަލްސާގައި ވަނީ ތަކުރާރުކުރައްވާފައެެވެ.

ކޮމެންޓް