
ފައިސަލް މިކަމަށް ގޮވާލައްވާފައި މިވަނީ، ދުނިޔޭގައި ތެލުގެއަގު އިންތިހާއަށް މައްޗަށް ދަނިކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އެ ޕާޓީގެ ސަޕޯޓަރުންނާ ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންނާ އެކު މިއަދު މާލޭގައި ސައިކަލް ބުރެއް ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.
މެދުއިރުމަތީގައި އެމެރިކާއަދި އިޒްރޭލު ގުޅިގެން މިހާރު ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސް އިގުތިސޯދީ ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވަމުން އަންނަކަމުގެ ރަންގަބީލު އަޅަމުންދާ މި ދަނޑިވަޅުގައި، މިއަދު މީސްމީޑިއާގައި ފައިސަލް ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވަމުންދާ އިގުތިސޯދީ ދަތިކަމާއެކު، މި ދަނޑިވަޅަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ ވަގުތު ކަމަށާ، ކުރިމަތީގައި އޮތީ ކިހާ ދަތި ދުވަސް ތަކެއްކަން ދެނެގަންނަން ވެސް މިހާރު އުނދަގޫ ކަމަށެވެ.
މިހާރު ވެސް ދުނިޔޭގެ ގިނަ ގައުމު ތަކުން ގެންދަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުންކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، އަޅުގަނޑުމެންނަކީ އަސާސީ ތަކެއްޗަށް، މުޅިން އެހެން ގައުމު ތަކަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމަށާ، އެހެންކަމުން ތެލާއި، ގޭހާއި، ކާބޯ ތަކެތި އަދި ބޭސް މެދު ކެނޑުމެއް ނެތި ރައްޔިތުންނަށް ލިބޭނެ ގޮތް ޔަގީން ކުރެވިފައި އޮންނަން ވާނެ ކަމަށެވެ.
ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ދަށްވަމުންދާއިރު، ކުރިއަށް އޮތީ ޔޫރަޕުގެ ހޫނު މޫސުން ކަމަށްވެފައި، މި ދުވަސްވަރަކީ ފަތުރުވެރި ކަމުގެ އާމްދަނީ ދަށް ވާނެ ދުވަސް ވަރެއްކަމަށް ވާއިރު، ހަމައެކަނި ފަތުރުވެރިން އަދި ފްލައިޓުތައް އިތުރު ވާނެ ކަމުގެ އުންމީދުގައި ނުތިބެ، ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް މީސްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓު ނިންމަވާލައްވާފައި ވަނީ، މި ހާލަތުގައި ގައުމީ މަސްލަހަތު އިސްކޮށް، ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ސަރުކާރު ހިންގުމުގެ ހަރަދު ކުޑަ ކުރެއްވުމަށް މި ސަރުކާރަށް ގޮވާލައްވަމުންނެވެ.




