
ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ފައިދާތައް
ނިންމުންތަކާއި ސިޔާސަތުތަކަކީ އޮއްޓަރުހުރި އެއްޗަކަށް ހެދުން: ޖޮއިންޓް ކޮންސަލްޓޭޝަންގެ ސަބަބުން ނިންމުންތައް ނިންމުމާއި އެކަށައަޅާ ގައުމީ ސިޔާސަތުތަކުގެ ފެންވަރު ހަރުދަނާ ވެގެން ދެއެވެ. އަދި މަޝްވަރާގެ ސަބަބުން ތަފާތު ވިސްނުންތަކާއި ހާއްސަ އިލްމާއި، ތަޖުރިބާގެ އަލީގައި ފައިދާހުރި ރަނގަޅު ނިންމުންތަކަށް ވާސިލުވެވެއެވެ. އަދި ވަށައިގެންވާ މައްސަލަތައް ހައްލުކުރުމުގައި އީޖާބީ ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދެއެވެ. މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ އަދި ކުރިމަތިވެދާނޭ މައްސަލަތައް އަވަހަށް ދެނެގަނެވި، ހައްލުތަކަށް މަގުފަހިކޮށްދޭ ކަމެކެވެ. އަދި އަމަލީ ގޮތުން ސިޔާސަތުތައް ބާރުވެރިކުރުވާ ކަމެކެވެ.
އެއްބާރުލުން އުފެއްދުމާއި ހަމަޖެހުން ގާއިމުކުރުން: މިނިވަންކަމާއެކު ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ތަނަވަސްވުމުން އެއްބާރުލުމުގެ މާހައުލެއް އުފެއްދިގެން ދެއެވެ. އަދި ޖޮއިންޓް ކޮންސަލްޓޭޝަންގެ ސަބަބުން އިތުބާރުހުރި މާހައުލެއް ގާއިމުކުރެވި، ދެބަސްވުންތަކާއި، ކަންބޮޑުވުންތަކަށް އެކުވެރި މާހައުލެއްގައި ސައްލާކުރެވުމުގެ ސަބަބުން މުޖުތަމައުގައި ހަމަޖެހުން ގާއިމުވެގެން ދެއެވެ. އަދި މަޝްވަރާއަކީ ގައުމީ މައްސަލަތައް ހައްލުކުރުމުގެ ވަސީލަތެކެވެ. ގައުމީ މައްސަލަތައް ފުނިޖެހި، އެއިން އަރައިގަތުމަށް ދަތިވާ ވަރަށް އެމައްސަލަތައް ބޮޑުވެ ފުޅާވެގެން ދިޔުމުގެ ކުރިން މެނޭޖުކުރުމަށް ބޭނުން ހިފިދާނެ މެކޭނިޒަމެކެވެ.
ބައިވެރިވުން އިތުރުކުރުން: މައްސަލަތަކަށް ހައްލު ހޯދުމާއި، ކަންކަން ރޭވުމާއި، ޕްލޭންކުރުމާއި، އަދި މަޝްރޫއުތައް ފަރުމާކުރުމާއި، ޑިޒައިން މަރުހަލާގައި ކަމުވޮށިގެންވާ މީހުންނާއި، ސްޓޭކްހޯލްޑަރުން ނުވަތަ ލޯކަލް ކައުންސިލުތަކާއި، މަސައްކަތްތެރިން، ނުވަތަ ސިވިލް ސޮސައިޓީ ފަދަ ފަރާތްތަކާ މަޝްވަރާ ކޮށްގެށް، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ކަންކަން ފައިނަލްކޮށް، އެކަންކަން ތަންފީޒުކުރުމަށް މަގުފަހިވެގެންދާ ކަމެކެވެ. މިގޮތުން، މިހާރު ހިނގަމުންދާ އީރާނު، އެމެރިކާ-އިސްރާއީލް ހަނގުރާމައާއި ގުޅިގެން އެޅިދާނޭ ރައްކާތެރިކަމުގެ އިގުތިސޯދީ ފިޔަވަޅުތަކާއި، އެކަންކަމަށް މުޖުތަމައު ހޭލުމްތެރިކުރުވާނޭ ގޮތާއި އަދި މަސްތުވާތަކެތީގެ މައްސަލަތަކާއި، ގޭންގުކުށްފަދަ ކަންކަން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާގެ މޭޒުދޮށަށް އައުމަކީ ނުކޮށް ދޫކޮސްލައިގެންވާނޭ ކަމެއް ނޫނެވެ. މީގެ ސަބަބުން އެންމެންގެ ބައިވެރިވުން އިތުރުވެ، މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެގެން ދެއެވެ.
އިތުބާރާއި ހާމަކަން ދެމެހެއްޓުން: ގައުމީ ބޮޑެތި މައްސަލަތަކާމެދު މަދަނީ ޖަމްއިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި، ހަބީރުންނާއި، ކަމުވޮށިގެންވާ މީހުންނާއި މަޝްވަރާކޮށް ސިޔާސަތުތައް އެކަށައެޅުމަކީ ސަރުކާރުގެ ހާމަކަމާއި އިތުބާރު ރައްޔިތުންނަށް ލިބިގެންދާ ކަމެކެވެ. މިސާލަކަށް؛ ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ވަރަށްބޮޑު ގައުމީ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ހުރިހާ މަރުހަލާއެއްގައިވެސް ސްޓޭކް ހޯލްޑަރުންނާއި ކަމުގެ ތަޖުރިބާހުރި އިލްމީ ފަރާތްތަކާއި މަޝްވަރާކުރެވިގެން ކުރެވޭ ކަމެއްކަމުގައި ވާނަމަ، ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު އޮންނަ އިތުބާރު ބޮޑުވެއެވެ. އަދި ވެރިކަން ބަދަލުވިކަމުގައިވިޔަސް ސިޔާސަތަށް ބަދަލު ނައިސް އެއްވާނޭގައި ހިފަހައްޓާނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިގެން ދެއެވެ.
ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުން: ގައުމީ ފެންވަރުގައި މަޝްވަރާކުރުމަކީ ރަށުފެންވަރުގައާއި، ގައުމީ ފެންވަރުގައި ހިންގާ ގައުމީ ތަރައްގީގެ މަޝްރޫއުތައް އެއްގޮތްކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ތަރައްގީގެ ސްޓްރެޓެޖީތަކަކީ މުޖުތަމައުގެ ހުރިހާ މިންތިއަކާއި، ގިންތިއަކާއި، ފަންތިއެއްގައި މަޝްވަރާކުރެވި އެކަށައެޅޭ އެއްޗެއްކަމުގައި ވުމަކީ ސަރުކާރުގެ ސިޔާސަތުތަކަކީ ދެމެހެއްޓެނިވި ސްޓްރެޓެޖީތަކެއްކަން ކަށަވަރޮށްދޭ ކަމެކެވެ.
މަޝްވަރާގެ މައިގަނޑު އުސޫލުތައް
މާނަހުރި ބައިވެރިވުން: އެފެކްޓިވް ކޮންސަލްޓޭޝަން އަކީ ޖޮއިންޓް ކޮންސަލްޓޭޝަން ކާމިޔާބު ވުމަށްޓަކައި ހަމައެކަނި އިޖުރާއީ ގޮތުން ތަބާވާކަމަކަށްވުރެ މާ ބޮޑު ކަމެކެވެ. އެކަން ވާންޖެހޭނީ ނަތީޖާ ހާސިލުކުރުމަށްޓަކައި މާނަހުރި ގޮތެއްގައި ބައިވެރިވާ ވުމަކަށެވެ. މަޝްވަރާކުރުމާއި، ޖަދަލުގެ ތެރެއިން މީނިންފުލް އެންގޭޖުމަންޓަކަށެވެ.
އަވަހަށް ބައިވެރިކުރުން: ގައުމީ ކަންކަމުގައި މަޝްވަރާކުރަންވާނީ ފޯމިއުލޭޝަން ސްޓޭޖުގައެވެ. ކަންކަން ތަންފީޒުކުރުމުގެ މަރުހަލާއެއްގައެއް ނޫނެވެ. މިގޮތުން، އާލީ އިންވޯލްމަންޓަށް އިސްކަންދީމ މަޝްވަރާތަކުގައިބައިވެރިވާ ފަރާތްތަކުގެ އިންޕުޓު އަޑުއަހައި، އެމީހުންގެ ވިސްނުންތަކަށް ހާއްސަ ޝައުގުވެރިކަމެއް ދޭންޖެހެއެވެ. އޭގެ ސަބަބުން ނަތީޖާ ހާސިލުކުރުމަށް ފަސޭހަވެ، ހަމަޖެހުން ގާއިމުވެގެން ދެއެވެ.
ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރުމާއި މައުލޫމާތު ހިއްސާކުރުން: މަޝްވަރާގެ ބައިވެރިންނަށް، މަޝްވަރާގެ މޭޒަށް ގޮވާލުމުގެ ކުރިން މަޝްވަރާގެ ސާފު، ތަފްސީލީ މައުލޫމާތު ލިބިފައި އޮންނަންވާނެއެވެ. ބޭނުމަކީ މަޝްވަރާއަށް ބޭނުންވާ މައުލޫމާތު އެއްކޮށް ދުރާލާ ތައްޔާރުވުމެވެ. އޭރުން ވަގުތު ބޭނުން ފުރިހަމައަށް ހިފައި، ކުރެވޭ މަޝްވަރާއަކީ އޮއްޓަރުހުރި، އުފެއްދުންތެރި، އީޖާބީ އެއްޗަކަށް ވެގެންދާނެއެވެ.
ރަސްމީ، ދާއިމީ އިދާރާތަކާއި، ކައުންސިލުތަކާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި މިފަދަ އެކިއެކި ރައްޔިތުންނާއި ގުޅުންހުރި މުއައްސަސާތަކުން މަދަނީ ޖަމްއިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި، ކަމުވޮށިގެންވާ މީހުންނާއި މަޝްވަރާކުރުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަރުހަލާ ކާމިޔާބު ކަމާއެކު ހާސިލު ކުރެވޭނެކަމެކެވެ. ޖޮއިންޓް ކޮންސަލްޓޭޝަނަކީ އޭގެ ސަބަބުން ނިންމާ ނިންމުންތަކަކީ 'ޓޮޕް-ޑައުން' މެންޑޭޓެއްގެ މައްޗަށް ބިނާވެފައިވާ ޕާޓްނަޝިޕެކެވެ. އެހެންކަމުން މިކަމުގައި އެއްވެސް ފަރާތަކުން ފަހަތުފަޔަށް ބުރަވާނަމަ، އެ އިސްކުރެވެނީ ގައުމީ މަސްލަހަތެއް ނޫނެވެ.




