ބޮޑު ބަދަލު، ހުށަހެޅުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--
ބޮޑު ބަދަލުގެ ހުށަހެޅުން؛ އަމަލީގޮތުން ތަންފީޒު ކުރެވިދާނެބާ!
މުހައްމަދު ހަލީމް 20 އޭޕްރީލް 2026 (ހޯމަ)   11:35
މިއަހަރުގެ އެޕްރީލް 19 ވީ، އާދީއްތަ ދުވަހަކީ ތާރީހީ ދުވަހެކެވެ. ސަބަބަކީ ގާނޫނު އަސާސީއަށާއި ދިވެހި ވެރިކަމުގެ ވައްޓަފާޅިއަށް ގެންނަށް ފެންނަ އިސްލާހުތައް ހިފައިގެން ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ވަޑައިގަތުމެވެ. "ބޮޑު ބަދަލު"ގެ ނަމުގައި ގެންނަށް ފެންނަ އިސްލާހުތައް ރައްޔިތުންނާއި ހިއްސާ ކުރެއްވުމެވެ.

މައިގަޑު ހުށަހެޅުމަކީ ކޮބާ؟

ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒުގެ ހުށަހެޅުމުގެ މައިގަނޑު އަސާސް ބިނާވަނީ މައިގަނޑު ހަތަރު ނުކުތާއެއްގެ މައްޗަށެވެ. އެއީ،

  • ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައެޅުން؛
  • ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުން؛
  • ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން؛
  • ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުން. މި ހަތަރު އަސާސެވެ.


ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު

ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރު ހުރެގެން ދެވައްތަރެއްގެ ވެރިކަމުގެ ނިޒާމު ހިންގައެވެ. އެއީ، ފުރާންސްގައި އޮންނަ 'މައްސުނި' ރިޔާސީ ނިޒާމާއި އިންޑިޔާގައި އޮންނަ ބަރުލަމާނީ ނިޒާމެވެ. މިގޮތުން ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒުގެ ހުށަހެޅުމަށް ބަލާއިރު، އެ ދެބޭފުޅުން ހުށަހަޅާ ގޮތަކީ ބަރުލަމާނީ ނިޒާމެކެވެ.

ބަރުލަމާނީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރަސްގެފާނަކީ ދައުލަތުގެ ވެރިޔާއެވެ. އެއީ، ސަރުމޯނިއަލް މީހެކެވެ. ދައުލަތުގެ ވެރިޔާއަކީ ގައުމީ ހަފުލާތައް ޝަރަފުވެރިކޮށް ދެއްވާ މަގާމުތަކަށް އައްޔަނުކުރާ މީހުންނަށް ފަތްކޮޅު ދިނުމަށް ހުންނަވާ މީހެކެވެ. މުޅި ސަރުކާރު ހިންގުމުގެ ހަރަކާތްތެރި ސިޔާސީ ބާރު އޮންނާނީ ބޮޑުވަޒީރަށެވެ.

ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒުގެ މި ހުށަހެޅުމުގައި ބަރުލަމާނީ ނިޒާމު އަމަލީ ގޮތުން މަސައްކަތްކުރާ ބައެއް އުސޫލުތަކާއި ހިލާފު ބައެއް ހުށަހެޅުންތައް ކޯ ހުށަހެޅުންތަކުގެ ތެރޭގައި ހިމަނާފައި އެބަހުއްޓެވެ.

ބަރުލަމާނީ ވެރިކަމުގެ ނިޒާމު އޮންނަ އިންޑިޔާގައި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރަނީ ލަކުޝަބާއާއި ރާޖުސަބާގެ ހުރިހާ މެންބަރުންގެ މެދުގައި ނަގާ ވޯޓުގެ އަގުލަބިއްޔަތުންނެވެ. ޕާކިސްތާނުގައި ގާނޫނުހަދާ މަޖިލީހާއި ސެނެޓާއި ސަރަހައްދީ މަޖިލިސްތަކުގައި ނަގާ ވޯޓުގެ އަގުލަބިއްޔަތުންނެވެ. އެހެންކަމުން، ދައުލަތުގެ އިސްވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމުގެ ވޯޓުގައި ރަށުކައުންސިލުތަކުގެ ދައުރެއް އޮތުމަކީ ރަނގަޅު ހުށަހެޅުމެކެވެ. މިއީ، އަމަލީގޮތުން ތަންފީޒުވެސް ކުރެވިދާނެ ކަމެކެވެ.

ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒުގެ ކޯ ހުށަހެޅުންތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތުގެ އިސްވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. މާނައަކީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ފަރާތައް ވަކިކުރުމުގެ ނުވަތަ އިންޕީޗު ކުރުމުގެ ދައުރު ނެތުމެވެ. މިއީ، ދުނިޔެވީ އަދި ގާނޫނީ ތަބީއަތާއި ހިލާފު ހުށަހެޅުމެކެވެ. ސަބަބަކީ އިންތިހާބުކުރާ ފަރާތަށް ވަކިކުރުމުގެ ބާރު ނުލިބޭ ގޮތަށް އޮތުމަކީ އަދި އެންމެ ރަނގަޅު ޑިމޮކްރެޓިކް ހަމައެއ ނޫނެވެ. ނަމަވެސް މިހުށަހެޅުން މިމޭރުމުން ހުށަހަޅާ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުރުގެ މުއްދަތު ފުރިހަމަކުރުމުގެ ޔަގީންކަން ކަށަވަރުކުރުން ކަމުގައި ވެދާނެއެވެ.

ބަރުލަމާނީ ވެރިކަން ކުރާ ގައުމުތަކުގައި ބޮޑުވަޒީރަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. ނުވަތަ ރައްޔިތުންގެ ވޯޓުން އިންތިހާކުރާ މެންބަރުންގެ ތެރެއިން އެންމެ ގިނަ ގޮޑިކާމިޔާބުކުރާ ޕާޓީގެ ނުވަތަ ކޯލިޝަނުގެ ޒައީމެވެ. މިއާ ހިލާފަށް ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒު ހުށަހަޅަނީ ބޮޑުވަޒީރު ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރުމަށެވެ. ނަމަވެސް މިކަމަކީ ދުނިޔޭގެ އެއްވެސް ގައުމަކުން މިހާރު ތަޖުރިބާކުރާ ކަމެއްނޫނެވެ. 1996 ވަނައަހާއި 2021 ވަނަ އަހަރާއި ދެމެދު އިސްރާއީލުން މިކަން ތަޖުރިބާ ކުރިއެވެ. ސިޔާސީ ނުތަނަވަސްކަމާއި ޕޮލިޓިކަލް ސުޓެބެލިޓީ ނެތުމުގެ ސަބަބުން މިކަމަކީ އަމަލީ ގޮތުން ތަންފީޒުކުރެވިދާނެ ކަމަކަށް އެވެރިންވެސް ނުދުއްޓެވެ.

ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒު ބޮޑުވަޒީރު ނުވަތަ ސަރުކާރު ހިންގާ އެންމެ އިސްފަރާތް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކުރުމަށް ހުށަހެޅުމުގެ ޖައުހަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ބޮޑުވަޒީރު އިންތިހާބުކުރާނަމަ އެސަރުކާރެއް ދެމިއޮތުގެ ކަށަވަރުކަން ލިބިގެން ދިޔުމެވެ. ވެސްޓް މިނިސްޓަރ ޕާލަމެންޓްރީ ސިސްޓަމް އޮންނަ ގައުމުތަކުގައި ނޯ ކޮންފިޑެންސް ވޯޓަކުން ބޮޑުވަޒީރުގެ ސަރުކާރު ވައްޓާލެވޭ ގޮތަށް އޮންނަ އޮތުން ހުއްޓުވުމެވެ. މިއީ، ރާއްޖެފަދަ ސިޔާސީ ނުތަނަވަސްކަން ބޮޑު އަދި އަވަސް އަވަހަށް ކޯލިޝަންހަދާ ރޫޅާލާ ގައުމަކަށް ރަނގަޅު ގޮތަކަށް ވެދާނެއެވެ.

ސަރުކާރުގެ ވެރިޔާ ޖަވާބުދާރީ ކުރުވުން

ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒުގެ ހުށަހެޅުމަށް ބަލާއިރު ބޮޑުވަޒީރު ނުވަތަ ތަންފީޒީ ބާރުގެ ވެރިޔަކީ ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީ ކުރެވޭނެ މީހެކެވެ. މިގޮތުން ބަލާއިރު ޕާލަމެންޓުރީ ނިޒާމެއްގައި ބޮޑުވަޒީރާއި މިނިސްޓަރުންނަކީ މަޖިލީހަށް ހާޒިރުވެ ދުވަހުން ދުވަހަށް ޖަވާބުދާރީ ވާންޖެހޭ ބައެކެވެ. އެހެންކަމުން، މިކަމަކީ އަމަލީގޮތުން ތަންފީޒުކުރެވިދާނެ ހުށަހެޅުމެކެވެ.

ދައުލަތުގެ މަސްލަހަތު އިސްކުރުން

ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މިހާރު އޮތްގޮތުންވެސް ރައްޔިތުންގެ މަޖިލިސް މެންބަރުން އިސްކުރަންޖެހެނީ ދާއިރާ ނުވަތަ ޕާޓީގެ މަސްލަހަތެއްނޫނެވެ. ގައުމީ މަސްލަހަތެވެ. އެކަން އަމަލީގޮތުން ތަންފީޒު ނުކުރެވެނީއެވެ. އެހެންކަމުން ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒުގެ ހުށަހެޅުމުގައިވާފަދައިން ދާއިރާގެ މަސަލަހަތާއި ޕާޓީ މަސްލަހަތަށްވުރެ ގައުމުގެ ލާބައާއި މަސްލަހަތުގައި މަސައްކަތްކުރާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ހެދުމަކީ މުހިންމު ކަމެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން

ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒު ހުށަހަޅާ ގޮތަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެމީހުންގެ ދައުރު ހަމަވެ ނުވަތަ ރިޓަޔަރ ކުރުމުގެ ކުރިން ވަކިކުރާނަމަ ވަކި ކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށްވުމެވެ. ނަމަވެސް މިއީ ދުނިޔެވީ ތަޖުރިބާއާއި ފުށުއަރާ ކަމެކެވެ.

އެމެރިކާފަދަ ބައެއްގައުމުތަކުގައި ފެޑަރަލް ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓުތަކަށް ރައްޔިތުންގެ ސީދާ ވޯޓުން ފަނޑިޔާރުން އައްޔަނު ކުރެވެއެވެ. މި އިންތިހާބު އޮންނަނީ ގަވަރުނަރުންނާއި މޭޔަރުންނާއި ސުކޫލުތަކަށާއި ހެލްތު ބޯޑަށް މީހުން އައްޔަނުކުރުމަށް ބާއްވާ އިންތިހާބާއެކުގައެވެ.

އެމެރިކާގައި ފެޑަރަލް ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރަނީ އެމީހުންގެ މައްޗަށް ކޮންގްރެސްގައި ނަގާ ވޯޓުގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުންނެވެ. އެހެން ފަނޑިޔާރުން މަގާމުން ވަކިކުރަނީ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިންނެވެ.

1701 ވަނަ އަހަރު ގާއިމުކޮށްފައިވާ ސެޓުލްމަންޓް ގާނޫނުގެ ދަށުން އިނގިރޭސި ވިލާތުގައި އިސްފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ހައުސް އޮފް ކޮމަންސް އާއި ހައުސް އޮފް ލޯޑްސް ގައި ނަގާ ޖުމްލަ ވޯޓަކުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ނިންމާ ނިންމުމަކަށް ވުމަކީ ފަނޑިޔާރުންގެ މަސައްކަތަށް ލިބިދޭ ޔަގީން ކަމެކެވެ. ނަމަވެސް މި ޔަގީންކަމުގެ ބޭނުން ހިފައި 'ރަނގަޅު ސްލޫކު' އިން ބޭރުވާ ހާލަތުގައި އެކަން ބަލައި ވަކިކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތުން މުހިންމެވެ. އެހެން ނޫނީ ސުޕްރީމް ކޯޓުގައި މަރުތަޅު އެޅުވިދާނެއެވެ. ޑެޑް ލޮކަކަށް ހިނގައިދާނެއެވެ. އެގޮތުން ފަނޑިޔާރުން ވަކިކުރުމަށް މިހާރު އޮންނަ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިޔާ ތިންބައިކުޅަ ދެބައި މެންބަރުންގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހާއި ރަށު ކައުންސިލުތަކުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓުގެ މަޖިލީހާއި ރަށުކައުންސިލުތަކުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓުންކަމަށް ކަނޑައެޅިދާނެކަމަށް ދެކެމެވެ. އަދި މިއީ އަމަލީ އަދި ވާގިއީގޮތުން އަދި ހަރަދުގެ ގޮތުންވެސް ލުއި ފަސޭހަ ކަމަކަށް ވާނެއެވެ.

މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވުން

މިނިވަން މުއައްސަސާތައް މިނިވަންކަމައެކު ފަކުޝަން ކުރުމަށްޓަކައި އެފަދަ މުއައްސަސާތައް އޯވަސައިޓު ކޮމިޝަނެއް އެކުލަވާލުމަށް ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒުވަނީ ހުށަހަޅާފައެވެ. އެހުށަހެޅުމުގައި ވަނީ އޯވަސައިޓު ކޮމިޝަނަށް މެންބަރުން އައްޔަނުކުރާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމުގައި ހެދުމަށާއި ވަކި ކުރާ ފަރާތަކީ ރައްޔިތުންކަމަށް ހެދުމަށެވެ. އެހެންކަމުން އޯވަސައިޓު ކޮމިޝަންގެ މެންބަރުން ސީދާ ރައްޔިތުންގެ ވޯޓަކުން ވަކިކުރުމަކީ މުސްތަހީލު ކަމެކެވެ. އޭގެ ބަދަލުގައި އޯވަސައިޓު ކޮމިޝަނަށް މެންބަރުން އައްޔަނުކޮށް ވަކިކުރާ ފަރާތަކީ ރައްޔިތުންގެ މަޖިލީހާއި ރަށު ކައުންސިލުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ނުވަތަ ތިންބައިކުޅަ ދެބައި ވޯޓުންކަމަށް އޮތުމަކީ އަމަލީ ގޮތުން ތަންފީޒުކުރެވިދާނެ ކަމެކެވެ.

ގާނޫނުއަސާސީ އިސްލާހުކުރުން

ގާނޫނުއަސާސީއަކީ ދައުލަތުގެ އަސާސީ އުސޫލުތަކާއި، ވެރިކަމުގެ އޮނިގަނޑާއި، ރައްޔިތުންގެ ހައްގުތައް ބަޔާންކޮށްފައިވާ އަސާސީ ގަވާއިދެވެ. އެއީ، ވެރިންނާއި ރައްޔިތުންނާ ދެމެދު އޮންނަ ވެރިކަމުގެ ބާރުތައް ހައްދުކުރާ އަދި ދައުލަތުގެ ޝަރުއީ ހައްގުތައް ކަނޑައަޅާ އެއްބަސްވުމެވެ. ނުވަތަ ދައުލަތުގެ އެންމެ މަތީ ގާނޫނެވެ. އެހެންކަމުން ފަސޭހަފަސޭހައިން ގާނޫނުއަސާސީއަށް ބަދަލުގެނެވޭ ގޮތަށް އޮތުމަކީ އެދެވިގެންވާ ކަމަކެއް ނޫނެނެވެ. އެހެންކަމުން ކަމުން ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒު ހުށަހަޅާ ގޮތަށް ރައްޔިތުންގެ މަޖިލީހާއި ރަށު ކައުންސިލުތަކުގެ ބައިވެރިވުން އޮވެގެން ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭ ގޮތަށް އޮތުމަކީ ގައުމީ މަސްލަހަތުގައި ވަރަށް މުހިންމުކަމެކެވެ. އޭރުން ސަރުކާރުގެ ވެރިޔާ ނުވަތަ ބޮޑުވަޒީރު ބޭނުންވާ ގޮތަކަށް ގާނޫނު އަސާސީއާ ކުޅުމުގެ ފުރުސަތު ހަނިވެގެންދާނެއެވެ.

ޖުމްލަ ގޮތެއްގައި ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒު ހުށަހެޅުއްވި 'ބޮޑު ބަދަލު' އެޖެންޑާއަކީ އެކަމާމެދު ގައުމީ ފެންވަރެއްގައި މަޝްވަރާކޮށް ސައްލާކުރުން ރަނގަޅުކަމެކެވެ. ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުއިއްޔާތަކާއި ސުކޫލު މަދުރަސާ ކުދީންނާއި ސަރުކާރު ބައިވެރިވުން އޮވެގެންނެވެ. އަދި މިވާހަކައަކީ މައިޒާންތަކާއި ހޮޅުއަށިތަކާ ހިސާބަށްވެސް ގެންދަން ރަނގަޅު ޖަދަލެކެވެ. ބޭނުންވަނީ، ސިޔާސީ ނުކިއްސަރުކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ނަގާ ހޫރާނުލެވޭނެ ގޮތެއް ވުމެވެ. ގާނޫނުއަސާސީ އިސްލާހުކުރުމަކީވެސް އުސޫލެއްގެ ތެރެއިން ހިނގާ 'ބުއްދިވެރި' ކަމަކަށް ވުމެވެ. ދައުލަތާއި ސަރުކާރުގައި ހިންގުމުގައިވެސް ރައްޔިތުންގެ ދިރިއުޅުމަށާއި ގައުމަށް ހެވާއިލާބަ އޮތް ނިޒާމަކަށް ވެރިކަން ހިންގުމެވެ. އަދި ވެރީންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތެދުވެރި އަމާނާތްތެރި ބަޔަކަށް ހެދުމެވެ.

ކޮމެންޓް