އޭއައި އިން އުފައްދާފައިވާ ތަސްވީރެއް
ކޮންމެ ބަދަލަކީ ރަނގަޅު ބަދަލެއް ނޫނެވެ.
މުޙައްމަދު އަބްދުالله ޝަފީޤް 15 އޭޕްރީލް 2026 (ބުދަ)   09:04
ބަދަލަކީ ގިނަފަހަރަށް ކުރިއެރުމާއި، އާ އީޖާދުތަކާއި، ތަރައްގީގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ފެށިގެން ސިޔާސީ އިޖުތިމާއީ އިސްލާހުތަކާ ހަމައަށް، ބަދަލުގެ ވިސްނުމަކީ ކާމިޔާބީއާއި އިސްލާހު މާނަކުރުމުގައި އަހަރެމެން ބޭނުންކުރާ މުހިންމު އަސާސެކެވެ. އެހެންނަމަވެސް، ކޮންމެ ބަދަލަކީ އޭގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ނުކުންނަ ކަމެއް ނޫނެވެ. ބައެއް ބަދަލުތަކުން ދެބަސްވެވެން ނެތް ފައިދާތަކެއް ލިބުނު ނަމަވެސް، އަނެއްބައި ބަދަލުތަކުގެ ސަބަބުން އިހު އޮތްގޮތަށް ވުރެވެސް ގޯސްވެއެވެ. އޭގެ ސަބަބުން، ނޭދެވޭ ނަތީޖާތަކެއް ކުރިމަތިވެދާނެއެވެ. ހުރިހާ ބަދަލަކީ އޭގެ ޒާތުގައި ރަނގަޅު ކަންކަން ނޫންކަން ދެނެގަތުމަކީ، ފުންކޮށް ވިސްނައި ޒިންމާދާރު ގޮތެއްގައި ނިންމުންތައް ނިންމުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އަސާސީ ގޮތުން ބަލާއިރު، ބަދަލަކީ ވަކި ފަރާތަކަށް ނުޖެހޭ އެއްޗެކެވެ. އޭގެ އަސަރުތައް ދެނެގަނެވެންދެން އެއީ ރަނގަޅު ނުވަތަ ނުބައި އެއްޗެއްގެ ގޮތުގައި ކަނޑައެއް ނޭޅޭނެއެވެ. އެހެންނަމަވެސް، މިޒަމާނުގެ މުޖުތަމައުތަކުގައި އެކަށީގެންވާ ވަރަށް ދިރާސާކުރުމެއް ނެތި ބަދަލުތަކަށް މާބޮޑަށް ތައުރީފުކުރުމުގެ އާދަ ވަނީ އަށަގަނެފައެވެ. ތިމާ އެދޭ ނުވަތަ ތާއީދު ކުރާ މީހަކު ކޮށްފިނަމަ އެއީ ރަނގަޅު ބަދަލެކެވެ. އެފަދަ މީހުން ތާރީފުކޮށް އަތްޖަހާނެއެވެ.

އެފަދަ އެންމެ ބޮޑު މިސާލަކީ މިމަހުގެ 4 ވަނަ ދުވަހު ރާއްޖޭގައި ނެގި ފެންނަ ނުފެންނަ ވޯޓެވެ. އެ ބަދަލަކީ ރައްޔިތުން ގެންނަން އެދުނު ބަދަލެއް ނޫނެވެ. އެކަން ކުރަން ލަސްވެގެނެއް ރައްޔިތުންނެއް ނޫޅެއެވެ. އެހެންނަމަވެސް ސަރުކާރުން ދެކުނީ އެއީ އެވަގުތަށް ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތް ކަމުގައެވެ. އެޔާއެކު ސަރުކާރުގެ ބާރުތަކާއި ނުފޫޒުތައް ބޭނުންކޮށްގެން ވޯޓުލުމަށް ހުރިހާ ކަމެއް ފަހިކުރިއެވެ. ގަދައަށް ކެމްޕޭނުވެސް ކުރިއެވެ. ދައުލަތުން މުސާރަ ލިބޭ ގިނަބަޔަކު އެއީ "އެންމެ މޮޅުގޮތް" ކަމުގައި ވަކާލާތު ކުރިއެވެ. ވަކިގޮތަކަށް ވޯޓުދިނުމަށް ބައެއް މީހުންނަށް މަޖުބޫރުވެސް ކުރިއެވެ. އެހެންނަމަވެސް ނަތީޖާ ނުކުތީ ސަރުކާރު ބޭނުންވި ގޮތާ އިދިކޮޅަށެވެ.

އެ ބަދަލު ގެންނަން ރައްޔިތުން ބޭނުން ނުވާކަން ދެއްކީ ސާފު އަގުލަބިއްޔަތުންނެވެ. އެޔާއެކު ސަރުކާރުން އިތުރު ބަދަލުތައް ފެންނަން ފެށިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން "އިސްތިއުފާ" ދެއްވި އެވެ. އެންމެ ފަހުން އިއްޔެ ފެނިގެން ދިޔައީ 10 ވަޒީރަކު ކުއްލިއަކަށް "އިސްތިއުފާ" ދެއްވި މަންޒަރެވެ. އިވޭ އަޑުތަކުން އެއީ މަޖުބޫރަކުން ދިން އިސްތިއުފާ އެވެ. ރައީސް އޮފީހުން ބުނެފައިވަނީ އެ ވަޒީރުން އިސްތިއުފާ ދެއްވީ "ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން" ކަމަށެވެ.

އެ ވަޒީރުންގެ ބަދަލުގައި އާ ވަޒީރުން އައްޔަނުކުރައްވައި ބައެއް ވުޒާރާތަކުގެ ދާއިރާތައް އެއްކޮށްލައްވައިފި އެވެ. ވުޒާރާތައް މަދު ކުރެއްވުމަކީ ރަނގަޅު ބަދަލެކެވެ. ރައީސް މުއިއްޒުގެ ވެރިކަން ފެށުނީ 22 ވުޒާރާ އިންނެވެ. އެއީ އޭގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ކެބިނެޓް އެކުލަވައިލެއްވި ވަރަށްވުރެ ބޮޑު އަދަދެކެވެ. ފަހުން 20 ވުޒާރާއަށް ބަދަލުވެފައި ވަނިކޮށް އިއްޔެ އެ ކަނޑައެޅުއްވީ ޖުމްލަ ވުޒާރާ ނުވަތަ ކެބިނެޓްގެ އަދަދަކީ 15 ކަމަށެވެ.

އެހެންނަމަވެސް ނުރަނގަޅު ބަދަލަކީ އަލަށް ކެބިނެޓަށް އައްޔަނުކުރެއްވި ބައެއް ބޭފުޅުންނަކީ މީގެ ކުރިން އެބޭފުޅުންނާ ހަވާލުވި ޒިންމާ އަދާކުރެއްވުމުގައި ރަނގަޅު ނަތީޖާއެއް ނުނެރުއްވުނު ބޭފުޅުންނެވެ. ނާގާބިލުކަމާއި ނުރަނގަޅު ކަންކަމުގެ ތަފާތު ތުހުމަތު ކުރެވޭ ބޭފުޅުންނެވެ. އެކަން އާންމުން ފާހަގަ ކުރަމުން އެދަނީ މިސާލުތަކާ އެކުއެވެ. ކުރިން ތިއްބެވި ވަޒީރުންގެ ތެރޭގައިވެސް އެފަދަ ބޭފުޅުން އެބަ ތިއްބެވިއެވެ. ވުޒާރާގެ ނަމަށް ބަދަލުތަކެއް ގެންނެވި ނަމަވެސް އެބޭފުޅުންގެ ޕާފޯމަންސް ރަނގަޅުވާނެ ބާއެވެ. އެއީ ރަނގަޅު ބަދަލެކޭ ނުބުނެވޭނެއެވެ.

އިވެމުންދާ އަނެއް އަޑަކީ އިސްތިއުފާ ދެއްވި ބޭފުޅުންނަށް "ރަނގަޅުގޮތް" ރައީސް މުއިއްޒު ހައްދަވައިދެއްވާނެ ވާހަކައެވެ. ލަފާކުރެވޭ ގޮތުން ކުރިއަށް މިއޮތް ދުވަސްތަކުގައި އޭގެ ތެރެއިން ބައެއް ބޭފުޅުން ރައީސް އޮފީހުގެ ވަޒީރަށް ހައްދަވާނެއެވެ. އަނެއްބައި ބޭފުޅުން ސަރުކާރުގެ ކޮންމެވެސް ކުންފުންޏެއްގެ އެންމެ އިސްވެރިޔާއަށް ނުވަތަ ދައުލަތުން މުސާރަދޭނެ ކޮންމެވެސް މަގާމަކަށް ހަމަޖައްސަވާނެ އެވެ. ތުހުމަތުތަކުގައި އެއް ކުންފުނިން ވަކިކުރާ މީހާ އަނެއް ކުންފުނި ހިންގުމާ ހަވާލު ކުރާ ބީދައިންނެވެ. މިފަދަ ކަންކަމުގައި އޮތީ ކޮން ހެޔޮ ބަދަލެއް ހެއްޔެވެ؟

ވެރިކަން ހިންގުމުގެ ނިޒާމަށް ކުއްލިއަކަށް ގެންނަ ބަދަލުތަކަކީ، އެކަށީގެންވާ ރޭވުންތެރިކަމެއް ނެތި ނުވަތަ އެންމެންގެ ބައިވެރިވުން ނެތި ގެންނަ ބަދަލުތަކެއް ނަމަ، މުޖުތަމައުތަކުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެއެވެ. އެފަދަ ތަޖުރިބާތައް ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ ހިނގަމުންނެވެ. އެފަދަ މިސާލުތަކުން އެނގެނީ، އަވަސްއަރުވާލައިގެން ނުވަތަ ފުންކޮށް ނުވިސްނައި ގެންނަ ބަދަލުތަކުން ފައިދާއަށްވުރެ ބޮޑަށް ގެއްލުން ލިބިދާނެ ކަމެވެ.

ރާއްޖޭގެ ސިޔާސީ ނިޒާމަށް ބަދަލުތައް ގެންނަން ގޮވައިލާ ރައްޔިތުން ގިނައެވެ. އެފަދަ ރައްޔިތުންގެ އެދުންތައްވެސް ސާފެވެ. އެހެނަސް އެކަންކަމަށް ސަރުކާރުން ސަމާލުކަން ދޭތީއެއް ނުފެނެއެވެ. ތަފާތު ހިޔާލުތަކުގެ ސިޔާސީ ލީޑަރުންނާއެކު މަޝްވަރާ ކުރާތީއެއް ނުފެނެއެވެ. އެކަމަށް ބައެއް ލީޑަރުން ގޮވައިލެއްވި ނަމަވެސް، ސަރުކާރުން އެއްވެސް އިޖާބައެއް ނުދެއެވެ. ބަދަލުތައް ގެނައުމުގައި މި ކަންކަމަށް އިހުތިރާމް ނުކުރާނަމަ، އަމިއްލަވަންތަކަން ގެއްލި، ހަމަޖެހުން ގެއްލުމުގެ ބިރު އޮވެއެވެ. ހަގީގީ ކުރިއެރުމަކީ ރަނގަޅަށް ހިނގަމުންދާ ކަންކަން ދަމަހައްޓަމުން، އިސްލާހުކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމެވެ.

މީގެ އިތުރުން، ބަދަލުގެ ސަބަބުން ދެކޮޅުވެރިކަމާއި ނުތަނަވަސްކަން އުފެދިދާނެއެވެ. އިންސާނުންނަކީ ތޮބީއީގޮތުން ހަމަޖެހުމަށް ލޯބިކުރާ ބަޔަކަށްވާއިރު، ކުއްލިއަކަށް ނުވަތަ ބޭނުމެއް ނެތި ގެންނަ ބަދަލުތަކުގެ ސަބަބުން އޮޅުންބޮޅުންވުމާއި، ނުތަނަވަސްކަމާއި، ދެކޮޅު ހެދުންތައް ކުރިމަތިވެއެވެ. މީގެ ސަބަބުން މީހުންގެ ހިތްވަރު އެލި، އިތުބާރު ކުޑަވެ، އެންމެ ފަހުން އެ ގެނައި ބަދަލަކުން ހާސިލުކުރަން ބޭނުންވި ކާމިޔާބީއަށް ހުރަސްއެޅެއެވެ. ކާމިޔާބު ބަދަލަކަށް ބޭނުންވަނީ ހަމައެކަނި ރަނގަޅު ނިޔަތެއް ނޫނެވެ. އޭގެ ބަދަލުގައި ސާފު މުއާމަލާތްތަކާއި، ލަސްލަހުން ކަންކަން ތަންފީޒުކުރުމާއި، އެ ބަދަލެއްގެ އަސަރު ފޯރާނެ މީހުންނަށް ރިއާޔަތްކުރުން މުހިންމެވެ.

ބަދަލުތަކާ ކުރިމަތިލާންޖެހޭނީ ފާޑުކިޔުމުގެ ނަޒަރަކުން ވިސްނައި، ފަރުވާތެރިކަމާއެކު ވަޒަންކުރުމަށްފަހުގައެވެ. "މި ބަދަލު ބޭނުންވަނީ ކީއްވެ؟"، "މީގެ ފައިދާ ކުރާނީ ކާކަށް؟" އަދި "މީގައި ހުރި ނުރައްކާތަކަކީ ކޮބައި؟" ފަދަ ސުވާލުތަކަކީ ކޮންމެ ނިންމުމެއް ނިންމުމުގައިވެސް މަގުދައްކައިދޭންޖެހޭނެ ސުވާލުތަކެވެ. މިފަދަ ސުވާލުތަކުގެ ޖަވާބު އެންމެ ފުރިހަމައަށް ލިބޭނީ އާންމު ރައްޔިތުންގެ ހިޔާލާއި ފިކުރު މިނިވަން ކަމާއެކު ހާމަކުރުމުންނެވެ. އެކަމަށް ސަރުކާރުން ފުރުސަތު ދިނުމުންނެވެ. އެއަޑު އަހައި ސިޔާސަތުތައް އެކުލަވާލައިގެންނެވެ.

ރައްޔިތުން ދެއްކި ނަތީޖާއާއެކު ބަދަލުތައް ގެނައުމަކީ ނަމަކަށް ކަމެއް ކުރުމެއް ނޫނެވެ. ހަގީގީ ކުރިއެރުމަކީ ހަމައެކަނި ބަދަލަކަށްޓަކައި ބަދަލުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، އިހުލާސްތެރިކަން އިސްކޮށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރަން ޖެހެއެވެ. ގައުމުގެ ކަންކަމުގައި ތިމާއާ ހިޔާލު ތަފާތުވާ މީހާގެ ވާހަކަވެސް އަހަންޖެހެއެވެ. މިނޫންގޮތަށް، ތިމާ އެދޭގޮތަށް ގެންނަ ކޮންމެ ބަދަލަކީ ރަނގަޅު ބަދަލެއް ނޫނެވެ.  

ކޮމެންޓް