
މަތީން އިސްތިއުފާ ދެއްވިކަން މަތީން ހާމަކުރެއްވީ ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ނަމަވެސް، އެ މަގާމުން އިސްތިއުފާދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަތީން އައްޔަނުކުރީ 2023 ނޮވެމްބަރު 28 ގައެވެ.
މަތީން އަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން މަތީން އިސްތިއުފާދެއްވާފައިވާއިރު، ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ އެ މަގާމުން އިސްތިއުފާދެއްވައިފަ އެވެ.
އޭގެ އިތުރުން ފާއިތުވި ހަފުތާގެ ތެރޭގައި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު ނަޖާހު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ. އަދި، އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާދެއްވައިފަ އެވެ.
ސަރުކާރު ކުންފުނިތަކުގެ މަތީފަޑިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައި މިވަނީ، އޭޕްރިލް 4، ގައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީގެ އިންތިހާބުގެ އިތުރުން، ދެ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ބެލުމަށް ނެގި ރިފަރެންޑަމްގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހުއެވެ.




