އަހުމަދު މޫސާ (އަންމަޓީ).-
އައްމަޓީގެ މައްސަލަ އިސްތިއުނާފުކޮށް، ޕާސްޕޯސްޓު ހިފަހައްޓައިފި
މަރްޔަމް މުޙައްމަދު 14 އޭޕްރީލް 2026 (އަންގާރަ)   10:27
ސީލައިފްގެ ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލުކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ، އެ ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން ކުރި އެވެ. 

ނަމަވެސް އައްމަޓީގެ މައްޗަށް އެ އިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. ޕީޖީ އޮފީހުން މީޑިއާގައި ބުނެފައިވާ ގޮތުގައި އެ ގޮތަށް ހުކުމްކުރީ އެ ދައުވާތަކަކީ މަދަނީ ކަމަކާ ގުޅޭ ކަމެއް ކަމަށް ވާތީ އެކަމަށް ފިޔަވަޅު އަޅަން ޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް ބުނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ އެ މައްސަލާގައި ދަށު ކޯޓުން ހެކި ވަޒަންކޮށްފައިވާ ގޮތާއި ކުށް ބަޔާންކުރާ މާއްދާ އަށް ރިއާޔަތްކޮށްފައިވާ ގޮތް ގާނޫނާ ހިލާފު ކަމަށް ފެންނަ ކަމަށެވެ.

ޕީޖީ އޮފީހުން ރޭ ބުނި ގޮތުގައި، އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

"މި އޮފީހުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ގަރީނާ ކޯޓުން ވަޒަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅުއްވައި ދެއްވައި، މިއީ މަދަނީ ތަބީއަތުގެ މައްސަލައެއް ކަމަށް ކޯޓުން ކަނޑައަޅުއްވާފައި ވަނީ އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް މާނަކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅުއްވައި ދެއްވައި، މި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ،" ޕީޖީ އޮފީހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ، އިސްތިއުނާފުގެ މައްސަލަ ނިމެންދެން އަންމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ވެސް ހައި ކޯޓުން އިއްޔެ ނެރެފައިވާ ކަމަށެވެ. އެއީ ޕީޖީ އޮފީހުގެ އެދުމުގެ މަތިން ނެރުނު އަމުރެކެވެ.

އެ މައްސަލާގައި އައްމަޓީ ރާއްޖެ އިން ބޭރުގައި އުޅެނިކޮށް ސްރީ ލަންކާ އިން އޭނާ ހައްޔަރު ކުރުމަށް ފަހު ރާއްޖެ ގެނައީ 2021 ވަނަ އަހަރު އެވެ. އަދި އެ މައްސަލާގައި ދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު، ފަހުން ހުރީ ދޫކޮށްލައިފަ އެވެ.

ފްލެޓު އެޅުމަށް ސީލައިފާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ބަޔަކު ދިޔައެވެ.

އެކަމަކު އޭގެ ފަހުން ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން އޭރު މައްސަލަ ހައްލުކުރީ ކޯޓުން ބޭރުގައެވެ.

ކޮމެންޓް