
މުޖުތަމައުގެ ކުރިއެރުމަށާއި އިޖުތިމާއީ ބާރުވެރިކަމަށް ޔުނިވާސަލް ފައުންޑޭޝަނުން ކުރަމުންއަންނަ މުހިންމު ހިދުމަތްތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން މަމްސް އެއިޑް އާއެކު އިއްޔެ ސޮއިކުރި މި އެމްއޯޔޫގެ ދަށުން، މަމްސްއެއިޑް އިން ކުރިއަށްގެންދާ، ހައުސިންގ ޑިވެލޮޕްމަންޓް އިނިޝިއޭޓިވް ޕްރޮގްރާމް "ހިޔާވަހި" ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ޔުނިވާސަލް ފައުންޑޭޝަން ދެމިއޮންނާނެއެވެ.
"ހިޔާވަހި" ޕްރޮގްރާމަކީ، ރާއްޖޭގައި އެކަށޭނަ ބޯހިޔާވަހިކަމެއް ނުލިބި ދަތިހާލުގައި ދިރިއުޅޭ ފަރާތްތަކަށް ގޯތިގެދޮރު ބިނާކޮށްދިނުމާއި، މަރާމާތުކޮށް ދިރިއުޅުން އާރާސްތުކޮށްދިނުމަށް ހާއްސަކޮށް މަމްސް އެއިޑްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ އެމްއޯޔޫ އެއް އެކުލަވާލެވުމުގެ މަގުސަދެއް ކަމަށް ޔުނިވާސަލް ފައުންޑޭޝަނުން ހާމަކޮށްފައިވަނީ، މިއީ، ހާއްސަކޮށް އިގްތިސާދީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އަންހެނުންނާއި އާއިލާތަކަށް ރައްކާތެރި، ދިރިއުޅުމުގެ ހާލަތު އެކަށޭނަ ގޮތަކަށް ބިނާކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ އެ ފައުންޑޭޝަނުން ވަރަށް ހާއްސަ އިސްކަމެއް ދީގެން މާތް މަގުސަދެއްގައި ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ.
އަދި މިހާރުވެސް ކާމިޔާބު މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާ "ހިޔާވަހި" ޕްރޮގްރާމް، މިކަމުގެ ސަބަބުން އިތުރު ހަރުފަތަކަށް ކުރިއަރާ ދާނެ ކަމާމެދުގައި ޝައްކެތްނެތް ކަމަށް ވެސް ޔުނިވާސަލް ފައުންޑޭޝަނުން ފިޔެސް އަށް މައުލޫމާތު ދިނެވެ.
ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން، އެ ފައުންޑޭޝަންގެ އޯގަނައިޒިން ސެކްރެޓަރީ ފާތިމަތު ޝަބީނާ މި އެމްއޯޔޫގައި ސޮއިކުރައްވާފައި ވާއިރު، މަމްސް އެއިޑްގެ ފަރާތުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތުމަތު ރިޔާސާ އިއްޔެ ވަނީ މި އެމްއޯޔޫގައި ސޮއިކުރައްވާފައެވެ.
ޔުނިވާސަލް ފައުންޑޭޝަނާއި މަމްސްއެއިޑާ އެކު އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޔުނިވާސަލް ފައުންޑޭޝަންމަމްސް އެއިޑް އިން ހިންގާ "ހިޔާވަހި" ޕްރޮގްރާމަށް ޝަރުތުހަމަވާ ފަރާތްތައް ހޮވަނީ ވަރަށް ވެސް ހަރުދަނާ އަދި ދެފުށްފެންނަ ގޮތަކަށް ކަންކަން ބެލުމަށްފަހުގައި ކަމަށްވާއިރު، މި ޕްރޮގްރާމްގެ ސަބަބުން ދަތިހާލުގައި ދިރިއުޅޭ ނިކަމެތި ފަގީރު އަންހެނުންނަށް ރައްކާތެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހޯދިފައިވާތަން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަން އެބަހުރިކަން ފާހަގަކޮށްލެވެއެވެ.
މަމްސް އެއިޑަކީ ދިވެހި އާއިލާތަކާއި މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިވެދީ، ދަތިހާލުގައި ދިރިއުޅޭ މައިން ބާރުވެރިކުރުވާ، ތައުލީމާއި ހުނަރު ތަރައްގީކުރުމުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާއެކެވެ.
އިޖުތިމާއީ އެހީތެރިކަމަށް އަމާޒުކޮށްގެން އަންހެނުންނާއި، ހާއްސަކޮށް އެކަނިވެރި މައިންނަށް އަދި މާލީ ނުވަތަ އިޖުތިމާއީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށް މަމްސް އެއިޑް އިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ރާވާ ހިންގާހިންގާ، މުޖުތަމައުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ދިވެހިންނަށް ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދީ، މުޖުތަމައު ބިނާކުރުމުގައި ގިނަ ރޮގުރޮނގުން ހަރަކާތްތެރިވެ، އަދި ރާއްޖޭގެ އިގުތިސޯދުގެ ލޭނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ޒުވާނުންނަށް ތަމްރީނު ދެމުން އަންނަ، އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ އެންމެ މަތީ ފެންވަރުގައި ގުނާލެވޭ ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ ޔުނިވާސަލް އެންޓަރޕްރައިސަސް ކުންފުނީގެ ދަށުން ހިންގަމުންއަންނަ، ޔުނިވާސަލް ފައުންޑޭޝަނަކީ އިންސާނީ ތަރައްގީއަށް ކުރާ އިންވެސްޓްމަންޓްތަކުގެ ތެރެއިން މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ ފައުންޑޭޝަނެއް ކަން ފާހަގަކޮށްލެވެއެވެ.
އެ ފައުންޑޭޝަނުގެ އިސްނެގުމުގެ ދަށުން، ތައުލީމާއި، ސިއްހީ ހިދުމަތް ހޯދުމާއި، އިޖުތިމާއީ ބާރުވެރިކަން، އަދި އިންސާނީ ވަސީލަތްތައް ގާއިމްކުރުމަށް ރާއްޖޭގައި ހިންގާފައިވާ ގިނަ ހަރަކާތްތަކަކީ ވަރަށް ވެސް ކާމިޔާބު، މުޖުތަމައު ބަލައިގަންނަ، އެކަމަށްޓަކާ ގިނަބަޔަކު ޝުކުރު އަދާކުރަމުން އަންނަ ހަރަކާތްތަކެއް ކަން ފާހަގަކޮށްލެވެއެވެ.




