
އެ ރިޔާސީ ބަޔާނަކީ އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓުކުރައްވާ ޝާހިދު ވިދާޅުވީ، ކުރިން ރައީސް މުއިއްޒު ވެ ވަޑައިގެންނެވި ވައުދުތަކުގެ މަތިން ހަނދާން ނައްތައިލެއްވުމަށްފަހު އަނެއްކާ ވެސް އާ ކަންކަމުގެ ވާހަކަ އެމަނިކުފާނު ދެއްކުމުގެ މާނައަކީ ރައްޔިތުންނަކީ އެއްވެސް އަގެއް ނެތް ބަޔަކަށް ހެއްދެވުން ކަމަށެވެ.
އަދި އެ ބަޔާނުން ރައްޔިތުންގެ އުދާސްތަކަށް އެއްވެސް ތަސައްލީއެއް ނުލިބުނު ކަމަށާ، ތަސައްލީއެއްގެ ބަދަލުގައި ލިބުނީ ނާއުއްމީދާއި މާޔޫސްކަން ކަމުގައި ވެސް ޝާހިދު ވިދާޅުވިއެވެ.
ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދު ވެވަޑައިގެންނެވި އެއްވެސް ކަމެއް ކުރެވިފައި ނެތް އިރު، އެ ވައުދުތައް ވަޅުލައި ކަފުންކޮށްފައި އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒުގެ މި ހިނގާ ރިޔާސީ ދައުރުގައި އިއްވެވި ތިން ވަނަ ރިޔާސީ ބަޔާނުގެ ގޮތުގައި އިއްޔެ އެ އިއްވެވި ބަޔާނަކީ ކުރިއަށް އޮތް އިންތިހާބަށް އަމާޒުކޮށް ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކަށް ކުރިމަގުގައި ހައްލެއް ފެނުމުގެ އުއްމީދު ކުޑަކަމަށް ވިދާޅުވެ، މިހާރުގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ޝާހިދު ވިދާޅުވީ، ގައުމުގެ ހަގީގީ ހާލަތު ރައީސް މުއިއްޒު ގެންދަވަނީ ސިއްރު ކުރައްވަމުން ކަމަށެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ވެސް، އިއްޔެ ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާމެދުގައި ކަންބޮޑުވުން ފާޅުކޮށް ގިނަ ސިޔާސީ ލީޑަރުންނާއި އިގުތިސޯދީ މާހިރުން ވެސް އަންނަނީ މީސްމީޑިއާގައި ޝުއޫރު ފާލުކުރަމުން ކަން ފާހަގަކޮށްލެވެއެވެ.




