
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް، އެންމެ މުހިންމު ކަމަކީ ބޭރު ގައުމުތަކަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމެވެ.
އެ މައުލޫގައި ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ އެމްބަސީތަކަށް ދައުލަތުން ކުރާ ހަރަދު ބޮޑު ކަމަށާ، އެކަމުން ރައްޔިތަކަށް ހާސިލްވާ ކަމެއް ނެތް ކަމަށެވެ.
"އެމްބަސީތަކަށް މިހާރު އަހަރެއްގެ މައްޗަށް 648 މިލިޔަން ރުފިޔާ އެބަ ހަރަދުކުރެވޭ. ފަސް އަހަރަށް ބަހާލީމަ 3.1 ބިލިޔަން ރުފިޔާ އެބަ ހަރަދުކުރެވޭ" ނާޒިލް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވެފައިވާއިރު ނާޒިލް ވިދާޅުވީ، އެކަން އެގޮތަށް ކުރަނީ ހަރަދު ކުޑަ ކުރަން ނޫން ކަމަށެވެ.
"ހަރަދޭ ކިޔައިގެން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ. އިންތިހާބު އެއްކޮށްލާކަށް އެއްބަހެއް ނުވާނެ ދިވެހި ރައްޔިތުން. ނަތީޖާ ބޮޑުކޮށް ފެންނާނެ. ލަދުގަންނަ ވަރަށް ފެންނާނެ ނަތީޖާ." ނާޒިލް ވިދާޅުވިއެވެ.
ނާޒިލްގެ ވާހަކައިގާ މިފަހަކުން ރައީސް މުއިއްޒުގެ ކޮއްކޯފުޅު، އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ޖަމާކުރި ވާހަކައަށްވެސް އިޝާރާތް ކުރެއްވި އެވެ.
"ފައިސާ ޖަމާކުރެވެނީ އަމިއްލަ އެކައުންޓްތަކަށް. ކިހިނެއްތޯ ފައިސާ ޖަމާކުރީ؟ ކާކު ފައިސާއެއްތޯ ޖަމާކުރީ އެނގެން އެބަޖެހޭ! ކާކަށް ކިހިނެއް ވެގެންތޯ ފައިސާ ލިބުނީ؟ ކޮންތާކުންތޯ ލިބުނީ، މީގެ ކުރީގަ އެލާރި ލިބުނުތޯ؟" ސައުދާގެ ނަން ވިދާޅުނުވެ، ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ "މިއީ މި ސަރުކާރާ އެކީގައި ގައުމުދާ ހިސާބު" ކަމަށާ، "މި ސަރުކާރަކީ ދިވެހި ރައްޔިތުން ބަލައިނުގަންނަ ސަރުކާރެއްކަން ކުރިއަށް އޮތް އިންތިހާބުތަކުން ބޮޑުކޮށް ފެންނާނެ" ކަމަށެވެ.




