
ރައީސް މުއިއްޒުގެ ވެރިކަން ފެށުނީއްސުރެވެސް ފިޝަރީޒް އެންޑް އޯޝަންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޝިޔާމް ހިންގެވި މިނިސްޓްރީގެ ދާއިރާ ބަދަލުކޮށް، އަލުން ވަޒީރުކަމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ސޮއިކުރެއްވިއެވެ.
މި ސަރުކާރު ފެށިގެން އިއްޔެ އާއި ހަމައަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އޮތީ ތަފާތު ދެ މިނިސްޓްރީއެއްގައެވެ. އިއްޔެ ކެބިނެޓުން 10 ވަޒީރަކު އިސްތިއުފާ ދެއްވުމާއެކު، ގެންނެވި ބަދަލުގައި އެ ދެ ދާއިރާ އެއްކޮށްލައްވައި އެއް މިނިސްޓްރީއެއްގެ ގޮތުގައި މިވަނީ ކަނޑައަޅުއްވާފައެވެ.
އިއްޔެއާ ހަމައަށް ކެބިނެޓްގައި 20 ބޭފުޅުން ތިއްބެވިނަމަވެސް، މިހާރު މިނިސްޓްރީ ތަކުގެ އަދަދަކީ ބަންޑާރަނައިބުގެ އޮފީހާއެކު 15 އެވެ.
ކެބިނެޓަށް ގެންނެވި ބަދަލުތަކަށްފަހު، މިހާރު ހަމައެކަނި ވަޒީރަކު ކަނޑަނާޅުއްވައި ވަނީ ޑިފެންސް މިނިސްޓްރީ އަށެވެ.




