
ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަނުކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ 21 ނޮވެމްބަރު 2023 ގައެވެ.
ޑިފެންސް މިނިސްޓަރަކަށް ހަސަން ރަޝީދު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ މިރޭ އިރާކޮޅު ރައީސް އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުަޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ހަސަން ރަޝީދު ވަނީ ސޮއިކުރައްވާފައެވެ.
ހަސަން ރަޝީދަކީ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު، ރިޔާޒު ރަޝީދުގެ އެއްބަފާ ބޭބެ އެވެ. އަދި، އޭނާއަކީ މިހާރުގެ ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އާ ވެސް އާއިލީ ގުޅުން އޮންނަ ގާތް ބޭފުޅެކެވެ.
ހަސަން ރަޝީދު ވަނީ އެންމެފަހުން އޮތް މަޖިލިސް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި، ވިލުފުށި ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފަ އެވެ.
ހަސަން ރަޝީދު ވަނީ ރައީސް ޔާމިނުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ކުރައްވާފަ އެވެ. އޭރު އެ މިނިސްޓްރީގެ މިނިސްޓަރަކީ، މުއިއްޒު އެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމު ހުސްވީ، މި ސަރުކާރުގައި މިހާތަނަށް އެ މަގާމުގައި ހުންނެވި މުހައްމަދު ޣައްސާން މަައުމޫން އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. އޭނާއާ އެކު އިތުރު ނުވަ މިނިސްޓަރަކު އިއްޔެ އިސްތިއުފާ ދެއްވި އެވެ.
އިއްޔެއާ ހަމައަށް ކެބިނެޓްގައި 20 ބޭފުޅުން ތިއްބެވިނަމަވެސް، މިހާރު މިނިސްޓްރީ ތަކުގެ އަދަދަކީ ބަންޑާރަނައިބުގެ އޮފީހާއެކު 15 އެވެ.




