މުޙައްމަދު ޙުސައިން ޝަރީފް (މުންދު).-
ސަރުކާރުގެ ތަރުޖަމާނަކަށް މިނިސްޓަރު ފެންވަރުގައި މުންދު އައްޔަނުކޮށްފި
ހަސަން އިބްރާހީމް 15 އޭޕްރީލް 2026 (ބުދަ)   22:13
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ.ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު އައްޔަންކުރައްވައިފި އެވެ.

ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް މުންދު ހަމަޖައްސާފައި މިވަނީ އެ މަގާމުގައި ހުންނެވި ހީނާ ވަލީދު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ތަރުޖަމާނުގެ މަގާމުން ހީނާ އިސްތިއުފާ ދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށެވެ.

މުންދު އެންމެފަހުން ހުންނެވީ ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. ނަމަވެސް، އެ މަގާމުން އޭނާ ވަކިކުރީ ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވުމުންނެވެ. މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ.

މުންދު ވަނީ މީގެ ކުރިން، ރައީސް މައުމޫންގެ ވެރިކަމުގައި 2005 އިން 2007 އަކަށް ސަރުކާރުގެ ތަރުޖަމާނުކަން ކުރައްވައިފަ އެވެ. އަދި، އޭގެ ފަހުން 2007 އިން 2008 އަކަށް އޭނާ ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވައިފަ އެވެ.

އެއަށްފަހު، ރައީސް ވަހީދުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން މުންދު ކުރެއްވި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި، ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވައި ޖަޕާނާއި ސްރީލަންކާގެ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވި އެވެ.

މުންދު ވަނީ މި ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބަސެޑަރު އެޓް ލާޖުގެ މަގާމު ފުރުއްވައިފަ އެވެ.

ކޮމެންޓް