
މާއްޓޭ އައްޔަން ކުރައްވާފައިވަނީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަންގެ މަގާމަށެވެ. ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓިޓިއުޓުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މާއްޓޭ އަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ކީޕަރުގެ އިތުރުން، ކޯޗިންގ އާއި ހިންގުމުގެ ދާއިރާގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާއި، ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީގެ މަގާމު މާއްޓޭ ފުރުއްވާފައި ވެއެވެ. އޭނާގެ މި އައު މަގާމުގެ ޒިންމާއަކީ މާލެއަށް ބަރޯސާވެފައި އޮތް ކުޅިވަރުގެ ވަސީލަތްތަކާއި މުބާރާތްތައް އަތޮޅުތަކަށް ފުޅާކޮށް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުރިއެރުވުމަށް މިނިސްޓަރަށް ފަންނީ ލަފާދިނުމެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް މިއަދު އައްޔަން ކުރެއްވި މުހައްމަދު ހާނިމަކީވެސް ކުޅިވަރުގެ މައިދާނުގައި، ޚާއްސަކޮށް އެތުލެޓިކްސްގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހާނިމަކީ 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެއްގެ އިތުރުން، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ އެތުލެޓިކްސް އާ އުސްމިންތަކަކަށް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
މީގެ ކުރިންވެސް ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ އެކި ފަންތީގެ މަގާމުތަކުގައި އޭނާ ވަނީ ޚިދުމަތް ކުރަށްވާފައެވެ. ހާނިމް އަކީ ސްކޭޓިން ރާއްޖެއަށް ތައާރަފްކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރަޖިސްޓްރީވެގެން ހިންގާ ފުރަތަމަ ސްކޭޓިން އެސޯސިއޭޝަނުގެ ވެރިޔާއެވެ.
ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމްގައި މިވަގުތު ހުންނެވީ މުހައްމަދު ތޮލާލެވެ.




