ގަބޫލުކޮށްގެން ނުވާނެ ވެރިކަމަކީ ތިމަންނާއަށް ތާއަބަދަށް ލިބިފައޮތް އެއްޗެކޭ: މުންދު
ޖުނާން އަޙުމަދު 18 އޭޕްރީލް 2026 (ހޮނިހިރު)   12:28
ވެރިކަމަކީ ތިމަންނާއަށް ތާއަބަދު ލިބިފަ އޮތް އެއްޗެކޭ ގަބޫލުކޮށްގެން ނުވާނެ ކަމަށާ، ވެރިކަން ކުރަންޖެހޭނީ ރައްޔިތުންގެ ޝުއޫރާއި ވިންދާ އެއްގޮތަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުންދު ރޭ ވިދާޅުވީ ރައީސް ޑރ.މުއިއްޒު ރައްޔިތުންނާ ކައިރިން މަސައްކަތް ކުރައްވާ ކަމަށާއި އެކަން އެމަނިކުފާނު ގެންދަވަނީ ދައްކަވަމުން ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ރައީސް ރައްޔިތުންނާ ކައިރިން މަސައްކަތް ކުރައްވަން ތަކުރާރުކޮށް ފިޔަވަޅުތައް އަޅުއްވާނެ، އެބޭފުޅުން (އިދިކޮޅު ފަރާތްތަކުން) ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް. އެއީ އެމަނިކުފާނުގެ ނަޒަރިއްޔާގައި ވެރިކަން ކުރަން އޮންނަ ހަމައެކަނި ގޮތް." މުންދު ވިދާޅުވިއެވެ.

"ވެރިކަމަކީ ކިބުރުވެރިކަމާއި ބޮޑާކަމާ އެކުގަ ކުރާ ކަމެއް ނޫނޭ. ވެރިކަމަކީ ތިމަންނާއަށް ފީސަބީލިއްލާހިއަށް ލިބިފައި އޮންނަ އެއްޗެއްވެސް ނޫނޭ. އަދި ގަބޫލުކޮށްގެން ނުވާނެ އެއީ ތާއަބަދަށް ތިމަންނައަށް ލިބިފައި އޮތް އެއްޗެކޭވެސް."

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމާ މިމަހުގެ 15 ވަނަ ދުވަހު ހަވާލުވެވަޑައިގެންނެވި މުންދު ވިދާޅުވީ، ކެބިނެޓުން 10 ވަޒީރަކު އިސްތިއުފާދެއްވައި، ސަރުކާރު ހިންގުމަށް ރައީސް ގެންނެވި ބަދަލުތަކަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންގެ އަޑުއައްސަވައިގެން ގެންނެވި ބަދަލެއް ކަމަށެވެ.

އަދި އެ ފިޔަވަޅަކީ ނިމިދިޔަ އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ދިން މެސެޖު ރައީސް ގަބޫލުފުޅުކުރައްވައި، ސަރުކާރުގެ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް މުންދު ވިދާޅުވިއެވެ.  

މި ބަދަލުތަކާއެކު ސަރުކާރު ހިންގުން ހަރުދަނާވެ، ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވި ވެގެންދާނެކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރައްޔިތުން ހިތްހަމަޖެހޭ ފަދަ ނަތީޖާތަކެއް ފެންނާނެ ކަމަށްވެސް މުންދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރާއި ބައިގައި ރައްޔިތުން ހަމަ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ވަރުގެ ނަތީޖާތަކެއް، ތިބޭފުޅުންގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން ފެނިވަޑައިގަންނަވާނެ،" މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމައަށް މީޑިއާއަށް މައުލޫމާތު ދެއްވަމުން  މުންދު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ބަދަލުތަކެއް ފެންނާނެ ކަމަށް މުންދު މި ވިދާޅުވި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ވޯޓުން ސަރުކާރު ބޮޑުތަނުން ބަލިވެފައި ވަނިކޮށެވެ.

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އަދި ރައީސްކަން ލިބުނީ ވެސް އިދިކޮޅު އެމްޑީޕީއަށެވެ.

އޭގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި 68 ޕަސެންޓު ރައްޔިތުން ބުނީ، ސަރުކާރުން ބޭނުންވި ގޮތަށް ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. 

ކޮމެންޓް