
ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެން 25 ނޮވެމްބަރު 2020 ގައި މަރުވީ ކަމަށް ބުނާ މެރަޑޯނާގެ މަރުގެ މައްސަލަ، އާޖެންޓީނާގެ ކޯޓަކުން 2022 ވަނަ އަހަރު ޖޫން މަހު ނިންމާފައިވަނީ، މަރަޑޯނާގެ ސިއްހީ ކަންކަމަށް އިހުމާލުވި ކަމުގެ ދައުވާ އުފުލާފައިވާ އޭނާގެ މެޑިކަލް ޓީމުގެ 8 މެންބަރުންގެ މައްޗަށް ދައުވާގެ މައްސަލަ ކޯޓުގައި އަދިވެސް ކުރިއަށްދާނެ ކަމަށެވެ.
އެ އަޑުއެހުންތައް ފަށާނެ ވަކި ތާރީހެއް އޭރު ކޯޓުން ނުބުނި ނަމަވެސް، އެ ޓީމާ ދެކޮޅަށް އުފުލަނީ ގަސްދުގައި މީހަކު މަރުވާން ދޫކޮށްލިކަމުގެ ދައުވާކަމަށް ވެއެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު އެ ދައުވާ ކޯޓުން ބޭރުކޮށްލުމުން، މި އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހަށް ތާވަލުކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މައްސަލަ ދިގުލައިގެން ގޮސް އަލުން މައްސަލަ ފަށާފައި މިވަނީ އަންގާރަ ދުވަހުއެވެ.
މި މައްސަލައިގައި މެޑިކަލް ޓީމުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، 8-25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު، އޭގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި އޭނާ އަށް ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި ދިޔައީ ކުޅުމުގެ ކެރިއަރުގައި ވެސް ދިމާވެފައިހުރި މަސްތުވާތަކެތީގެ ކަންކަމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ދެމުން ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.




