އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް.--
އަތޮޅު ކައުންސިލްތަކާއި މިނިސްޓްރީ އުވާލިޔަސް ގާނޫނީ ހުސްކަމެއް ނާންނާނެ: އެލްޖީއޭ
މަރްޔަމް މުޙައްމަދު 16 އޭޕްރީލް 2026 (ބުރާސްފަތި)   16:58
އަތޮޅު ކައުންސިލްތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލި ނަމަވެސް ގާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަތޮޅު ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓްރީ އުވާލުމުން ގާނޫނީ ހުސްކަމެއް އަންނަ ކަމަށް މީސްމީޑިއާގައި ވާހަކަ ދެކެވެމުންދާ ކަމަށެވެ.

އެލްޖީއޭއިން ބުނީ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށާއި ކައުންސިލުތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އެތަންތަނުން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެނީ ގާނޫނުގެ ދަށުން އެ އިދާރާއިން ކަމަށެވެ.

"ދެންނެވުނު ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުން ފޯރުކޮށް ދޭންޖެހޭނެކަމަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާކޮށްފައި އެންމެހާ ހިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މައްޗަށް ލާޒުކަމެއް." އެލްޖީއޭ އިން ބުނެފައި ވެއެވެ.

އެލްޖީއޭއިން ބުނީ، އަތޮޅު ކައުންސިލްތައް އުވިގެންދާއިރު، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި، އެ ކައުންސިލްތަކުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ދަށުން ދިނުމަށް ހިމަނާފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ވަސީލަތްތަކާއި މުދަލާއި ގާނޫނީ ގޮތުން ހަވާލުވަނީ އެލްޖީއޭއިން ކަމަށާ، އޮފީސްތައް ގާއިމްކުރުމުގެ އިހްތިޔާރު އެ އިދާރާއަށް ގާނޫނުން ލިއްބައިދީފައިވާކަން އެލްޖީއޭއިން ފާހަގަކުރެއެވެ.

ގާނޫނުގައި މިގޮތަށް ބަޔާންކޮށްފައި އޮތުމާއެކު، އަތޮޅު ކައުންސިލްތައް އުވާލާ އެ ތަންތަނުން އަދާކުރަމުންދިޔަ ގާނޫނީ މަސްއޫލިއްޔަތު އެލްޖީއޭގެ ދަށަށް ބަދަލުވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި އޮފީސްތައް ގާއިމްކޮށް ހިންގުމުގެ އިހުތިޔާރު އެލްޖީއޭ އަށް ލިބިދީފައިވުމާއެކު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމަށް އުފެއްދި މިނިސްޓްރީ އުވާލިޔަސް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ގާނޫނީ އެއްވެސް ހުސްކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް އެލްޖީއޭ އިން ބުނެފައި ވެއެވެ.

ގާނޫނުއަސާސީ އާއި ގާނޫނަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްތައް އުވާލާފައި ވުމާއެކު، މިމަހުގެ 4 ވަނަ ދުވަހު، ކައުންސިލް އިންތިހާބުތައް ބޭއްވީ އަތޮޅު ކައުންސިލްތައް ނުހިމަނައެވެ. އަދި މިހާރު ހިންގަމުންދާ އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވުމުން، އެތަންތަން ދެން ބަދަލުވެގެންދާނީ އެލްޖީއޭގެ ދަށުން ހިންގަމުންދާ އޮފީސްތަކަށެވެ.

ކޮމެންޓް