
އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަތޮޅު ކައުންސިލްތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލި ނަމަވެސް ގާނޫނީ ހުސްކަމެއް ނާންނާނެ ކަމަށެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން އިންތިހާބުކުރާ ކައުންސިލް ތަކުން އިދާރީ ދާއިރާތައް ހިންގުމަކީ 2008 ވަނަ އަހަރުގެ ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ގެނައި އެންމެ ބޮޑު ބަދަލު ކަމަށެވެ.
"މި އުސޫލަކީ ގާނޫނު އަސާސީގެ މައިގަނޑު ސިފައެއް." ސުއޫދު ވިދާޅުވެފައި ވެއެވެ.
ސުއޫދު ވިދާޅުވީ، ގާނޫނު އަސާސީގެ 230 އަދި 231 އޮތްގޮތުން ގާނޫނުއަސާސީގެ ޖަދުވަލު 2 ގައިވާ އިދާރީ ދާއިރާއެއް ރައްޔިތުން އިންތިހާބު ނުކުރާ ފަރާތަކުން ހިންގުމަށް ގާނޫނު އަސާސީ ހުއްދަ ނުދޭ ކަމަށެވެ.
"ގާނޫނު އަސާސީ ހުއްދަނުކުރާ ކަމެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ނުކުރެވޭނެ." ސުއޫދު ވިދާޅުވިއެވެ.
ސުއޫދުގެ ވާހަކަތަކަށް ބާރުދެއްވައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒު ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
"އަލްއުސްތާޒު ހުސްނުއް ސޫދަކީ ޤާނޫނު އަސާސީގެ 231 އަދި 230 ވަނަ މާއްދާގަ ބުނާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ފަރުމާކުރެއްވި ބޭފުޅާ. އެކަމާބެހޭ އެންމެހާ މަޝްވަރާ ބައްދަލުވުންތައް ލީޑް ކުރެއްވި ބޭފުޅާ. ގޮތް ނިންމާނީ ރައްޔިތުން." ސުއޫދުގެ ޕޯސްޓް ކޯޓް ކުރައްވައި ނިޔާޒް ވިދާޅުވެފައި ވެއެވެ.




