އެލްޖީއޭގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެލްޖީއޭގެ އިސްބޭފުޅުން ބައްދަލުވުމެއްގައި.-- ފޮޓޯ: އެލްޖީއޭ
އުވާލި އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އޮފީހެއް ހަދަން ނިންމައިފި
ހަސަން އިބްރާހީމް 17 މޭ 2026 (އާދީއްތަ)   22:35
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވުމުން ކޮންމެ އަތޮޅަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީހެއް ހަދަން ނިންމައިފި އެވެ.

އަތޮޅު ކައުންސިލްތައް އުވުމާއެކު އެ ތަންތަނަށް ކިޔާނެ ނަމާއި އެ ކައުންސިލްތަކުގައި ތިބި މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން ރައީސް އޮފީހުން އެލްޖީއޭއަށް މިއަދު ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.

ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އާއިޝަތު އިކުރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި އެ ސިޓީގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން އެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް އެވެ. މިސާލެއްގެ ގޮތުގައި އެ ސިޓީގައި ލިޔުއްވާފައި ވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ.އަތޮޅު އޮފީސް" އެވެ.

އަތޮޅު ކައުންސިލްތަކުގެ އުމުރު މިއަދަށް ހަމަވެ، އެ ކައުންސިލްތައް މިހާރު އުވިފައިވާއިރު، އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ލާމާރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ވެސް އެ ސިޓީގައި ރައީސް އަންގަވާފައި ވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ، މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަންކަން ހަމަޖެއްސުމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެނައި އިސްލާހާ އެކު މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ދައުރު މިއަދަށް ހަމަވުމާ އެކު، އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ.

އެ އިސްލާހުގެ ދަށުން ސިޓީތަކާއި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ވެސް ވަނީ މަދުކޮށްފަ އެވެ. ކައުންސިލްތަކަށް އަލަށް ހޮވުނު ކައުންސިލަރުން މިއަދު ވަނީ މަގާމުގެ ހުވާކޮށްފަ އެވެ.

ކޮމެންޓް