
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު އުފެއްދި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ރައްޔިތުން ހުށަހަޅާ ޝަކުވާ މެނޭޖްކޮށް ޖަވާބުދިނުން ކަމަށެވެ.
އެ ބިއުރޯއަށް ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރެއް ގާއިމް ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަކު އެ އިދާރާގެ މަސައްކަތް ފެށޭނީ މިއަހަރުގެ މެދު ތެރޭގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާންމުންގެ ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އެއް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ، މި އަހަރުގެ ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
މިއަދު އުފެއްދެވި އަނެއް އިދާރާ ކަމަށްވާ، ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހަކީ ރާއްޖޭގެ ސަރަހައްދުތައް ބަލަހައްޓައި، ސަރަހައްދުތަކާ ބެހޭ ކަންކަމާއި މައްސަލަތައް ބެލުމަށް އުފެއްދި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނޭ،" ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ސަރަހައްދުތަކާ ބެހޭ އޮފީހުގެ މަސައްކަތް ފެށޭނީ އޮފީހުގެ އިދާރީ ހިންގުން ހަމަޖައްސައި، މުވައްޒަފުން ލިބުމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.




