
ކެބިނެޓުގެ 10 މިނިސްޓަރަކު މިއަދު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، ރައީސް އޮފީހުން ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
ކެބިނެޓް އަލުން އެކުލަވާލައި މިނިސްޓަރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިރޭ ރައީސް އޮފީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ކެބިނެޓް އަލުން އެކުލަވާލިއިރު ބައެއް މިނިސްޓްރީތަކުގެ ދާއިރާތަކަށާއި ނަންތަކަށް ވަނީ ބަދަލު ގެންނަވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރުންނަށް އައްޔަން ކުރެއްވި ބޭފުޅުން:
މިނިސްޓަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކު ހުވާކުރެއްވިއެވެ. މިނިސްޓަރުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވާ ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މިރޭ ހުވާކުރެއްވި 12 މިނިސްޓަރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި އިތުރު ދެ މިނިސްޓްރީއެއްގެ މިނިސްޓަރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކުލަވައިލެއްވި ކެބިނެޓްގައި 22 މިނިސްޓްރީ ހިމެނުނެވެ. އޭގެ ފަހުން އެ އަދަދު ވަނީ 20 މިނިސްޓްރީއަށް މަދުކުރައްވާފައެވެ. އެއީ ބައެއް މިނިސްޓްރީތަކުގެ ދާއިރާތައް އެއްކޮށްލައްވައިގެންނެވެ.
މިއަދު ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އިސްތިއުފާ ދެއްވި ނަމަވެސް، އެމަގާމަށް އެއްވެސް ބޭފުޅަކު އަދި އައްޔަނުކުރައްވާފައެއް ނުވެއެވެ.
ދެން ކެބިނެޓްގައި ހިމެނޭ އަނެއް މިނިސްޓްރީ އަކީ ފިޝަރީޒް މިނިސްޓްރީއެވެ. އެ މިނިސްޓްރީގައި މިވަގުތު ހުންނެވީ ކުރިންވެސް އެމަގާމުގައި ހުންނެވި އަހުމަދު ޝިޔާމެވެ.
ރައީސް މުއިއްޒު ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް މި ގެންނެވީ މިމަހުގެ 4 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވި އިންތިހާބުތަކުގެ ނަތީޖާ ސަރުކާރާ ދެކޮޅަށް ނުކުމެފައި ވަނިކޮށެވެ.




