ޑެންގީ ފަތުރާ އީޑީސް މަދިރިއެއް.--
މުޅި ރާއްޖޭގައި ޑެންގީ ފެތުރޭތީ ރައްކާތެރިވެ، ސަމާލުވާން އެދެފި
ފިޔެސް 17 އޭޕްރީލް 2026 (ހުކުރު)   10:24
ޑެންގީ ހުން ޖެހިގެން މުޅި ރާއްޖޭގައި ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ޑެންގީގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް މޭ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރަށް މަތިވާނެ ކަމަށް އެޗްޕީއޭއިން ލަފާކުރެއެވެ.

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯ-އަޕް ހެދުމަށް ވަނީ އަންގާފައެވެ. އަދި ރަށްރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރުކޮށް، އެޗްޕީއޭ އަށް ގަވާއިދުން ރިޕޯޓް ކުރުމަށްވެސް ވަނީ އަންގާފަ އެވެ.

މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ކައުންސިލްތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަކީ މިވަގުތު ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ގޮތުގައި އެޗްޕީއޭ އިން ފާހަގަކޮށްފައި ވަނީ؛

ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް: ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމާއި ބަލިމީހުންގެ ހާލަތު ގާތުން ބަލާ ފޮލޯ-އަޕްކުރުމާއި ރަށުގައި ބަލި ފެތުރޭ މިންވަރު މޮނިޓާ ކުރުމާއި އެޗްޕީއޭއަށް ރިޕޯޓް ކުރުން.

ކައުންސިލްތައް: ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެލުލަވާލައި، ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުން.

ސްކޫލްތައް: ކޮންމެ ހަފްތާއަކު އެއްފަހަރު ސްކޫލްގެ ގޯތިތެރެ ބަލައި ފާސްކޮށް މަދިރި އާލާވާ ތަންތަން ނައްތާލުމާއި ޑެންގީއިން ރައްކާތެރިވުމާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުން.

ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ސައިޓް އަދި އިންޑަސްޓްރިއަލް ރަށްތައް: ރަށުގެ އެކި ސަރަހައްދުތައް ހަފްތާއެކު އެއް ފަހަރު ބަލައި ފާސްކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލައި ސާފުކުރުމާއި ޑެންގީ އިން ރައްކާތެރިވުމާ ގުޅޭތުން މުވައްޒަފުން ހޭލުންތެރިކުރުން.

ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތައް: މަދިރި އުފެދޭ ތަންތަން ނައްތާލުމާއި އެ މަސައްކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރުން.

މީޑިއާ: ކަމާބެހޭ އިދާރާތަކުން ހިއްސާ ކުރަމުން ގެންދާ ޑެންގީއާ ގުޅޭ މައުލޫމާތު ފެތުރުމާއި ރައްޔިތުން ހޭލުންތެރިކުރުން.

އާންމު ފަރުދުން: މަދުވެގެން ހަފްތާއަކު އެއް ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަތަކެތި ބަލާ ފަސްކޮށް މަދިރި އާލާނުވާނެ ގޮތަށް ސާފުކުރުމާއި ޑެންގީ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުން.

އެޗްޕީއޭ އިން ބުނީ އެ އިދާރާއިން ވެސް ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމާއި ޑެންގީ ޖެހިއްޖެނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން އަވަހަށް ފަރުވާ ހޯދުން ކަމަށް ބުންޏެވެ.

އެޗްޕީއޭ އިން މިމަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ޑެންގޫ ހުމުގެ 535 ކޭސް މިދިޔަ މަހު އެކަނި ވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު އެ އަދަދު ހުރީ 60 ގަ އެވެ. އާދަޔާ ހިލާފަށް ޑެންގޫގެ ކޭސްތައް އިތުރުވެފައިވާއިރު ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް