ޑެންގޫ އާއި އިންފުލުއެންޒާ ބާރަށް ފެތުރެމުން އެބަދޭ.--
ޑެންގޫ އާއި އިންފުލުއެންޒާ ފެތުރޭތީ ސަމާލުވާން އިލްތިމާސްކޮށްފި
މަރްޔަމް މުޙައްމަދު 26 ނޮވެމްބަރ 2025 (ބުދަ)   10:23
ޑެންގޫއާއި އިންފްލުއެންޒާގެ ކޭސްތައް، މާލެ ސަރަހައްދުގަ އާއި ކ.އަތޮޅުގައި ވެސް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ބައެއް ސިއްހީ މާހިރުން އިލްތިމާސް ކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. ފައިސަލް މީސްމީޑިއާގައި އިއްޔެ ވިދާޅުވީ، މާލެ ސަރަހައްދުގައި އިންފްލުއެންޒާ ކޭސްތައް އިތުރުވެ، ބައެއް ކުދިންގެ ހަށިގަނޑުގައި އާދަޔާހިލާފަށް ރިއްސާ، ހިނގާބިނގާވެ އުޅެންވެސް އުދަގޫވެފައިވާ ކަމަށާ، އެހެންކަމުން މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ލަސްނުކޮށް ވެކްސިން ޖެހުމަށް ހުރިހާ ފަރާތްތަކަށް އިސްތިމާސްކުރައްވާ ކަމަށެވެ.

އަދި ކ.އަތޮޅުގެ ރަށްތަކުގައި ޑެންގޫ ވަރަށް ގިނަ ކަން ފާހަގަކުރައްވާ ޑރ.ފައިސަލް ވިދާޅުވީ، ހާއްސަކޮށް ހިއްމަފުށި އަދި މާފުށީގައި ޑެންގޫ ވަރަށް ގިނަ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، އާބާދީ ބޮޑު ތަންތަނުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ޑެންގޫ އާއި އިންފްލުއެންޒާ ފަދަ ބަލިތައް އާންމުކޮށް ގިނަވަނީ ވިއްސާރަ މޫސުމުގައި ކަމަށް ވާއިރު، މަދިރި ހެފުމުން ރައްކާތެރިވުމަށާ، ފްލޫ ވެކްސިން ޖެހުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.

އެހެންކަމުން މިކަމަށް ރައްކާތެރިވުމުގެ ގޮތުން ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެފަދަ ތަކެތި ނައްތާލައި، މަދިރި ހެފުމުން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމަށް ސަމާލުކަން ދިނުމަށާއި، މަދިރި ލޯޝަނާއި، ސްޕްރޭ އަދި ރެޕަލެންޓު ބޭނުން ކުރުން އެދެވިގެންވާ ކަމަށް ވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ގަދައަށް ހުންއައިސް،ހޮޑުލާ އަދި އާދަޔާ ހިލާފަށް ވަރުބަލިވުން ފަދަ އަލާމަތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާ، އިންފުލުއެންޒާ އަދި ޑެންގީ އެއްފަހަރާ ފެތުރެމުންދާތީ ކުދަކުދިންނާއި މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ހައި ރިސްކް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފާރަތްތައް މި ކަމަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ.

ކޮމެންޓް