
އައިޖީއެމް ހޮސްޕިޓަލުން ބުނީ، އުމުރުން 23 އަހަރުގެ މި ޒުވާނާ ނިޔާވީ، ޑެންގީހުން ޖެހި ހާލު ސީރިއަސްވުމުން، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.
ނިޔާވެފައިވަނީ، ށ. މިލަންދޫއަށް ނިސްބަތްވާ ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ.
މިކަމުގައި އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ށ. މިލަންދޫ ސިއްހީ މަރުކަޒުގައި ކަމަށް ވީނަމަވެސް، ހާލަތު އިތުރަށް ގޯސްވާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް އަދި އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނެސްފައިވާކަމަށް ފިޔެސް އަށް މައުލޫމާތު ލިބެއެވެ.
މިދިޔަ މަހު އެކަނި ވެސް 535 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށް، އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އެޖެންސީ) އިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރީ ހަމައެކަނި 60 މައްސަލައެވެ.




