ވިހަފަރު އެއާޕޯޓް މަޝްރޫއަށް ދެންވާނީ ކިހިނެއް؟
އިންތިހާބުތަކާ ދިމާކޮށް ވިހަފަރު ފިނޮޅަށް އެރުވި ދެ ހައިމާކު ގެންގޮއްސި!
މުޙައްމަދު ޤާސިމް 13 އޭޕްރީލް 2026 (ހޯމަ)   10:30
ނ.ވެލިދޫ އާއި ނ.ހޮޅުދޫ އާ ދޭތެރޭގައި އޮންނަ ވިހަފަރު ނަމަކަށް ކިޔާ ބޮޑު ތިލަފަޅު، ގައި އެއާޕޯޓެއް އެޅުމުގެ ވައުދަކީ ރައީސް މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދެކެވެ.

ވިހަފަރުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް އެމަނިކުފާނު ފުރަތަމަ ވިދާޅުވީ، ރިޔާސީ ކެމްޕޭނުގައި، ނ.ވެލިދޫ އަށް 24 އޯގަސްޓު 2023 ގައި ވަޑައިގެން ވެލިދޫ ރައްޔިތުންނާ މުހާތަބު ކުރައްވަމުންނެވެ.

އެއަށްފަހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް، 22 ޖުލައި 2025 ވަނަ ދުވަހުގެ ރޭ ނ.ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ވިހަފަރުގައި އެއާޕޯޓް ތަރައްގީ ކުރައްވާނެ ވާހަކަ ވިދާޅުވިއެވެ.

ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައެޅުއްވުމަށް ފަހު، އެކަން އިއުލާންކުރައްވާ، އެކަމަށް ބޭނުންވާ 40 ހެކުޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 29 ޖަނަވަރީ 2026 ގައެވެ.

އެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވެސް ރައީސް މުއިއްޒު އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އެވެ.

ކައުންސިލް އިންތިހާބަށް ކުޑަތަން ވަމުން އަންނަނިކޮށް ބޭއްވި މި ރަސްމިޔާތަށް އެ ފިނޮޅަށް ދެ ހައިމާކު އެރުވިއެވެ. ރަސްމިއްޔާތަށް ފަހު ވެސް ތިންމަހާ ގާތަށް، އެ ދެ ހައިމާކު ވިހަފަރުގައި އޮތްނަމަވެސް އެ ފަޅުތެރެ ހިއްކުމުގެ މަސައްކަތެއް ނުކުރެއެވެ. ދެ ހައިމާކު ބޭއްވޭވަރުގެ ފަސްކޮޅެއް އެއްކޮށްލާފައި އެ ފަސްކޮޅު މަތީގައި އެ ދެ ހައިމާކު ބާއްވާފައި އޮތްއިރު، ވެލިދޫގައި ތިބި އެ ހައިމާކު އޮޕަރޭޓުކުރާ މީހުން ދޭތެރެ ދޭތެރެއިން އެ ފިނޮޅަށް ގޮސް، ފިނޮޅު ގިރާލާތީ ދެ ހައިމާކު ނުވެއްޓޭވަރަށް އަނެއްކާވެސް ފަސްކޮޅެއް އެއްކޮށްލާފައި ދެހައިމާކު ދެކޮޅަށް ބާއްވާފައި އަންނަނީ އެވެ.

މިހެން މިކަން ތަކުރާރުވަމުން ގޮސް، އިންތިހާބުތައް ނިމުމާއެކު 09 އޭޕްރީލް 2026 ވަނަ ދުވަހު މިހާރު މިވަނީ އެ ދެ ހައިމާކު ވެސް ބަނޑަކަށް އަރުވައިގެން ގެންގޮސްފައެވެ. 

މިހާރު އުފެދޭ ސުވާލަކީ އިންތިހާބުތަކަށް ދައްކާލި ހުވަފެން ބިލާހަކަށްވެ ނިމުނީ ބާއެވެ. ރައީސް މުއިއްޒުގެ ހާޒިރުގައި މި ސަރުކާރުން ފެށި ވިހަފަރު އެއާޕޯޓް ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިހާ ހިސާބުން މި ނިމުނީތޯ އެވެ. ވިހަފަރު އެއާޕޯޓް މަޝްރޫއަށް ދެންވާނީ ކިހިނެއް ހެއްޔެވެ.

ކޮމެންޓް
ފާއިކްސީ
1 week ago
ގައުމުގެ ރައްޔިތުންނަށް އޮޅުވާލުމާ ދޮގާމަކަރާ ހެދުމުގަ 2 އަހަރާ ބައި އެހެންކަމެއް ނުކުރެވުނު ދެން އެކަން ފޮރުވަން އަނެއް 2 އަހަރާ ބައި ދިއައިމަ ދައުރުނިމިފަ އިންނާނީ ވިހަފަރު އެއާރޕޯޓް އަޅަން ކިއެއްތަ ފަޅުހިތްކުނަސްގައިރޯދި ޕީއެންސީ ސަޕޯރޓަރުން ބާރަށް އަތާ ފަޔާޖަހަންތިއްބޭ ކައްޒާބް ހައްދައިގެން