ކެންދޫ ކައުންސިލް ރައީސްގެ ސައިކަލު ކަނޑުއަޑީގައި–
ކެންދޫ ރައީސްގެ ސައިކަލު ކަނޑު ފައްތައިފި
ޖުނާން އަޙުމަދު 18 އޭޕްރީލް 2026 (ހޮނިހިރު)   13:30
ބ. އަތޮޅު ކެންދޫ ކައުންސިލް ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ވަގަށް ނަގައި ކަނޑުފައްތާފައި އޮއްވާ ފެނިއްޖެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅޭގޮތުން މީޑިއާ އާ މައުލޫމާތު ހިއްސާކުރައްވަމުން އިބްރާހީމް ވިދާޅުވީ، އޭނާގެ ސައިކަލު އެރޭ ގެއްލުމުން، ރަށުގެ ބޭރު ތޮށިންބޭރު ސަރަހައްދު ބަލަން ޖެހުނީ، ސައިކަލު ހޯދުމަށްޓަކައި އެރަށުގެ އެކި ސަރަހައްދުތައް ބެލުމަށްފަހު، ނުފެނުމުން ކަމަށެވެ.

އެގޮތަށް ބަލަމުން ދަނިކޮށް، ސައިކަލު ފެނިފައިވަނީ ރަށުގެ އުރަފަށުން ބޭރުން ގާތްގަނޑަކަށް 10 މީޓަރު އަޑިން ކަމަށާ، އޭނާގެ ސައިކަލް ކަނޑު ފެއްތީ ސިޔާސީ ބޭނުމެއްގައި ކަން އެނގިލައްވާ ކަމަށާ، އަދި އެކަން ކުރި މީހުން ވެސް އެނގިވަޑައިގަންނަވާ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

"ސިޔާސީ ކަމެއް މިއީ، އަޅުގަނޑަކީ އެމްޑީޕީ މީހެއް، މިފަހަރު އިންތިހާބުގައި އަޅުގަނޑު ވެސް ވާދަކުރިން އެމްޑީޕީން. އެހެންވެ ނުހޮވުނީމަ އެކަމުގެ ހަސަދައިގަ މިކަން އެ ކުރީ." - އިބްރާހީމް

އަދި މި އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ނަންތައް މިހާރު ވަނީ ފުލުހުންނާ ހިއްސާކޮށްފައި ކަމަށާ، ކަނޑުއަޑީގައި އޮތް އިބްރާހިމްގެ ސްކޫޕީ މަރުކާގެ ސައިކަލު ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް