
މި ޙަޤީޤަތަކީ ގުދުރަތީ ގާނޫނުގެ އިތުރުން، މިއަދުގެ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނަމުންދާ އެންމެ ބޮޑު އެއް ޙަޤީޤަތެވެ. ބުނާ ބަހުގައި ތެދުވެރިކަމެއް ނެތި، ހަމައެކަނި ސިޔާސީ އުކުޅެއްގެ ގޮތުގައި ކަންކަން ކުރަން އުޅުމުން ލިބޭ ނަތީޖާ މިއަދު އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. މަތި އޮމާން ކޮށް، ހީލަތްތެރިކަން އިސްކޮށް ނަމަކަށް ކަމެއް ކުރިޔަސް އެކަން ގިނަ ރައްޔިތުން ދެނެތިބިކަން މިއޮތީ އެނގޭށެވެ.
ޙަޤީޤަތަށް ލޯމަރައިލުމުގެ ނަތީޖާ
2026 ވަނަ އަހަރުގެ މި އޭޕްރިލް މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (WDC) ތަކުގެ އިންތިޚާބުގެ އިތުރުން، ޤާނޫނުއަސާސީއަށް ގެންނަން އުޅުނު އިޞްލާޙާ ގުޅޭ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު (Referendum) އަކީ ދިވެހި ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ޞަފުޙާއެކެވެ.
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭނުންވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މަޖިލީހުގެ ދައުރު ކުރުކުރުމަށެވެ. މިއީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުރަން އުޅުނު ކަމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، ގިނަ ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން މިކަން ދުށީ ޑިމޮކްރެޓިކް ނިޒާމުގެ ބާރުތައް އެއްތަނަކަށް ޖަމާކޮށް، ސަރުކާރުގެ ނުފޫޒު ގަދަކުރުމަށް ޖެހި މަޅިއެއްގެ ގޮތުގައެވެ.
ރިފަރެންޑަމްގެ ނަތީޖާއިން ފެނިގެންދިޔައީ ސަރުކާރުގެ މި ހުށަހެޅުމަށް ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން "ނޫނެކޭ" ބުނެ، އެކަން ބޭރުކޮށްލި މަންޒަރެވެ. މިއީ ސަރުކާރުގެ ސިޔާސީ ރޭވުންތައް ފެއިލްވެ، ރައްޔިތުންގެ ޙަޤީޤީ ވިންދާ ސަރުކާރު ދުރުވެފައިވާ މިންވަރު ހާމަކޮށްދިން ކަމެކެވެ.
އިޚްލާޞްތެރިކަމެއް ނެތް ވަޢުދުތައް
ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޮޑެތި ބާރުތަކާއި މާލީ އިނާޔަތްތައް ދެއްވާނެކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު ވަނީ ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. ނަމަވެސް ކަން ހިނގަމުންދާ ގޮތުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
ބާރުތައް ހަނިކުރުން: ޤާނޫނަށް ގެނައި ބަދަލުތަކާއެކު އަތޮޅު ކައުންސިލްތައް އުވާލައި، ބާރުތައް މަރުކަޒީ ސަރުކާރުގެ ދަށުގައި އޮންނަ LGA އަށް ޖަމާކުރުމަކީ ލާމަރުކަޒީ ނިޒާމުގެ ރޫޙާ މުޅިން ޚިލާފު ކަމެކެވެ.
ސިޔާސީ ބޭނުމަށް ބޭނުންކުރުން: WDC ތަކުގެ ބަޖެޓު ދެގުނަ ކުރުމާއި، މުސާރަ ދިނުމުގެ ވާހަކަތަކަކީ އިންތިޚާބާ ދިމާކޮށް ދެއްކި ސިޔާސީ ދަޅައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ދުނބުރިއެއްގެ ހިތި ރަހަ، އަނބެއްގެ ފޮނި ރަހައަށް ބަދަލު ނުކުރެވޭނެ ފަދައިން، އިޚްލާޞްތެރިކަމެއް ނެތި ދައްކާ ސިޔާސީ ވާހަކަތަކުން ރައްޔިތުންގެ ހިތްތަކެއް ނުގަނެވޭނެއެވެ.
ބުނާ ބަހުގައި ތެދުވެރިވާށެވެ!
މިފަހަރުގެ އިންތިޚާބުތަކާއި ރިފަރެންޑަމްގެ ނަތީޖާއިން ސަރުކާރަށާއި ރައީސް މުޢިއްޒަށް ދިން އެންމެ ބޮޑު މެސެޖަކީ ޙަޤީޤަތަށް ލޯމަރައިލައިގެން ނުތިބެވޭނެ ކަމެވެ. ދިވެހި ރައްޔިތުންނަކީ މިއަދު ހޭލުންތެރި، ކަންކަން ދިރާސާކުރަން ދަންނަ ބައެކެވެ.
ވެރިކަމުގެ ބާރުތައް ދަމަހައްޓަން ކިތަންމެ ގިނަ އުކުޅުތަކެއް ބޭނުންކުރި ނަމަވެސް، ރައްޔިތުންނަށް ވީ ވަޢުދުތަކާ އެއްގޮތަށް ކަންކަން ނުކުރެވޭ ނަމަ، އެއީ ފެއިލްވުމެވެ. އެހެންކަމުން، ސިޔާސީ މައިދާނުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އޮތް ނަސޭހަތަކީ މިއެވެ. ބުނާބަހުގައި ތެދުވެރިވާށެވެ. ޙަޤީޤަތަށް ލޯމަރައި ނުލާށެވެ. ދުނބުރިއެއް ދުވަހަކުވެސް އަނބަކަށް ނުހެދޭނެއެވެ. އެ ހަގީގަތް ރައްޔިތުން ދަންނާނެއެވެ. ވެރިންގެ ވިދާޅުވުން ތަކާއި އަމަލުކުރައްވާ ގޮތްތަކާއި ނުކުންނަ ނަތީޖާތައް ރައްޔިތުން ތިބީ ތަޖުރިބާ ކުރާށެވެ. އެ ހަގީގަތަށް ލޯމަރައެއް ނުލެވޭނެ ނޫންތޯ އެވެ.




